ބަލިތައް ފެތުރޭ މިންވަރު އިތުރުވާތީ، ޗުއްޓީ ތެރޭ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޑެންގީ، އިންފްލުއެންޒާ އަދި ހިމަބިހި ފެތުރޭ މިންވަރު އިތުުރުވަމުންދާތީ، އީދު ޗުއްޓީ ތެރޭ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ. މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ރިޕޯޓުކޮށްފައިވާއިރު، ޢީދު ބަންދުގައި ރަށްތަކާއި ތަންތަނަށް ޒިޔާރަތްކޮށް ހަދާއިރު، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
އޭގެ އިތުރަށް، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެ އެޖެންސީން އެދިފައިވެއެވެ.
???? ނޫސްބަޔާން: ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން.#staysafe #healthyholidays pic.twitter.com/6c1VpreMWo— Health Protection Agency (@HPA_MV) May 24, 2026
އެ އެޖެންސީން ވަނީ ކުރިއަށް އޮތް އީދު ބަންދުގައި ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރުކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ސަމާލުކަން ދިނުމަށް އެދުނު ބައެއް ކަންކަން:
* ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް، ފެންނަނަމަ ގޭގައި މަޑުކުރުން،، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން
* ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި، ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުމާއި، އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން.
* ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ، ލިބެންދެން އެކަހެރިވެގެން ހުރުން.
* އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު ތަންތަނުގައި އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާ ހެން މާސްކުއެޅުން.
* ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުންް ނުވަތަ ސެނިޓައިޒްކުރުން
* ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން
އީދު ބަންދާއި ދިމާކޮށް، ގިނަ ބަޔަކު ރަށްތަކަށް ދަތުރު ކުރަމުންދާއިރު، އީދު ބަންދަށް ފަހު ސަރުކާރާއި ސްކޫލްތައް ދެން ހުޅުވާނީ މެއި 31 ގައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން އެހާ ރަނގަޅު ދުވަސްވަރެއް ނޫންކަމުން ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުންވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ