ދިވެހިރާއްޖޭގެ އަޑުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން"، ބީއާރުޕީގެ 7 ވަނަ ސީޒަންގެ ގަދަ 10 ބައިވެރިން ހޮވައިފިއެވެ.
ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" އަކީ، ރިއަލިޓީ ޝޯވއެކެވެ.
ބީއާރުޕީ ސިލްސިލާގެ ތިންވަނަ ބުރު މިވަނީ، މިހަފުތާގެ ތެރޭގައި ނިމިފައެވެ. ތިންވަނަ ބުރު ޚާއްސަ ކޮށްފައިވަނީ، ވާހަކަ ހުށަހެޅުމަށެވެ. ވާހަކަ ހުށަހެޅުން ޝޯވގައި ވާދަކުރި 12 ބައިވެރިންގެ ތެރެއިން ފަނޑިޔާރުންގެ މާކުހާއި، އާންމުންގެ ވޯޓު އެންމެ މަދުން ލިބުނު ދެ ބައިވެރިން މުބާރާތާ ވަކިވެ، މުބާރާތާއެކު ކުރިއަށްދާނެ 10 ބައިވެރިން މިހާރު ވަނީ އިޢުލާނު ކޮށްފައެވެ.
ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާހިތްވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި، ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ކުރިއަށްގެންދާ އެންމެ ބޮޑު މުބާރާތް، ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ކާމިޔާބު ހަ ސީޒަނަށްފަހު މިއަހަރު ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން މި ގެނެސްދެނީ، މިސިލްސިލާގެ 7ވަނަ ސީޒަނެވެ.
ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ޓައިޓަލް ކާމިޔާބު ކުރާ ފަރާތަށް 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ. ރޭޑިޔޯގައި ޕްރެޒެންޓަރަކު ކުރަންޖެހޭ ތަފާތު މަސައްކަތްތައް ބައިވެރިން ކުރަންޖެހޭގޮތަށް ކުރިއަށް ގެންދާ މި ރިއަލިޓީ ޝޯވގައި ކޮންމެ ހަފުތާއަކުވެސް ދެ އެޕިސޯޑް ގެނެސްދޭނެއެވެ. އެއީ، ރޭޑިޔޯގެ އެކި ފޯމެޓުތަކުގެ ހުށަހެޅުންތައް ހުށަހަޅައިދޭ އެޕިސޯޑާއި، މުބާރާތުން ވަކިވާ ބައިވެރިން އިއުލާން ކުރާ އެލިމިނޭޝަން ޝޯވއެވެ.
އުފާވެރިކަމާއި ހިތާމައިގެ އިހުސާސްތަކުން ފުރިގެންވާ މިރިއަލިޓީ ޝޯވއަކީ، ބައިވެރިންގެ އާއިލާތަކާ މިތުރުންނާ މަސައްކަތް ކުރާ މާހައުލުގެ އެކުވެރިންގެ ކުއްލި ފެނިލުންތަކާއި އެމީހުންގެ އުފާވެރި ވާހަކަތައް އެކުލެވޭ އަސަރުން ފުރިގެންވާ ޝޯވއެކެވެ. ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7ގެ ފަނޑިޔާރުންގެ ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ، ރޭޑިޔޯ ޕްރެޒެންޓިންގގެ ތަޖުރިބާކާރު ޕްރެޒެންޓަރުން ކަމަށްވާ ޙަސަން ޙަލީމް، ނުޒުހަތު ޝަމީމް އަދި އަޙްމަދު ޠޮލާލްއެވެ.
މި މުބާރާތުގެ ތާރީޚަށް ބަލާއިރު، މުބާރާތް ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރުއެވެ. މިއީ މުބާރާތުގެ 7 ވަނަ ސީޒަން ކަމަށްވާއިރު، މިހާތަނަށް ބޭއްވި 6 ސީޒަންގައިވެސް ޓައިޓްލް ކާމިޔާބު ކޮށްފައިވަނީ އަންހެން ބައިވެރިންނެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ؛ ގަދަ 10 ބައިވެރިން ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ