ދައުލަތް ބަނގުރޫޓުގެ މަގަށް ދަނީ، ރިޔާސަތުގައި އިނުމަށް ލަދުވެތިވޭ: ނަޝީދު

ރާއްޖެ މިވަގުތު ބަނގުރޫޓުވުމުގެ މަގަށްދާ ކަމަށް ވިދާޅުވެ، އެ ހާލަތުގައި ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނެވުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައި ވަނީ ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމުގެ މަރުހަލާއެވެ. ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ ފުރުސަތެއް ލިބެއެވެ.
އެ ރިޕޯޓަށް އެންމެ ފުރަތަމަ ބަހުސްކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ވާހަކަފުޅަށް ފަހު ނަޝީދު ވިދާޅުވީ، ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ މަދު ކަމަށާއި، ދައުލަތުގެ ފޮރިން ރިޒާވްގައި ފައިސާ ހުރީ މަދުން ކަމަށެވެ. ނަޝީދު ސިފަކުރެއްވީ، ދައުލަތުގެ ރިޒާވްގައި ފައިސާ ނެތީސް އެކި ގޮތްގޮތަށް މެންބަރުން ވާހަކަ ދެއްކެވުމަކީ އާންމުންނަށް އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެއްގެ ގޮތުގައެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި ކުރިއަށް އޮތް ހަފްތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް އަޅުގަނޑުމެން މި މަޖިލީހުގައި އެހެން ގޮތްތަކަކަށް ވާހަކަ ދައްކަމުން ގެންދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެއް." ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރެއްވި ގޮތަށް، ކޮމިޓީގެ ރިޕޯޓަށް މިއަދު ބަހުސްކުރެއްވި މެންބަރުންގެ ތެރެއިން ކުރީގެ ރައީސްކަން ކުރެއްވި ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންނާއި، އިދިކޮޅު ކޯލިޝަންގެ މެންބަރުން ވަނީ ބަޖެޓަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ވާހަކަތައް ހުންނެވީ ބަޖެޓާ އެއްކޮޅަށެވެ.
ބަހުސް މަރުހަލާ ހެނދުނު ސަޔަށް މެދުކަނޑާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ، ދައުލަތުގެ ފޮރިން ރިޒާވްގައި ހުރި ފައިސާގެ އަދަދު ދެނެގަތުމުގެ ވިސްނުން މެންބަރުންގެ މެދުގައި ހުންނަން ޖެހޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ދައުލަތުގެ ރިޒާވާ މެދު އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ، އެމަނިކުފާނު ދާދިފަހުން ސްރީލަންކާގެ ސަރުކާރާއި ގާނާގެ ސަރުކާރާ އެކި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އެ ދެ ގައުމު ވެސް ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާތީއެވެ. އަދި ރާއްޖެ ވެސް އެ މަގަށްދާ ކަމަށް ނަޝީދު ވިދާޅުވެ، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިފި ނަމަ، އެއީ އެމަނިކުފާނު ލަދުވެތިވެވަޑައިގަންނަވަން ޖެހޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.
"އެހެންވީމާ އެއްގޮތަކަށް ވެސް، އެއްގޮތަކަށް ވެސް އެ މަގަށް އަޅުގަނޑުމެން ދިޔަ ދީގެން ނުވާނެ." ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ