ރޮނާލްޑޯ ޕެނަލްޓީ ހޯދީ އޭނާގެ ހުޝިޔާރުކަމާއި މޮޅުކަމުން!

ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން އަދި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ހޯދީ އޭނާގެ ހުޝިޔާރުކަމާއި މޮޅުކަމުން ކަމަށް ފީފާގެ ތަޖުރިބާކާރު އެނަލިސްޓަކު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް އެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ގާނާއާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބުކުރީ 2-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ގޯލު ޕޯޗުގަލްއަށް ހުޅުވާލަ ދިނީ އުމުރުން 37 އަހަރުގެ ރޮނާލްޑޯ އެވެ.
އެއީ މެޗުގެ ދެވަނަ ހާފުގައި ޕެނަލްޓީ އޭރިއާ ތެރެއިން ގާނާގެ މުހައްމަދު ސަލިސޫ ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ވީއޭއާރު ބެލުމެއް ނެތި ރެފްރީ އެ ޕެނަލްޓީ ދިން ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ރެފްރީ އެލްފާތު ދިން ޕެނަލްޓީއަކީ ހަދިޔާއެއް ކަމަށް ގާނާގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު އޮޓޯ އަޑޯ ބުނެފައިވެ އެވެ.
ދޯހާގައި ބޭއްވި ފީފާގެ ޓެކްނިކަލް ސްޓަޑީ ގުރޫޕް (ޓީއެސްޖީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮލަމްބިއާގެ ކުރީގެ ގޯލްކީޕަރު އަދި ޓީއެސްޖީގެ ޕެނަލް މެމްބަރު ފަރީދު މޮންދްރަގޮން ވަނީ, މި ފަހަރުގެ ވޯލްޑް ކަޕުގައި ރެކޯޑް އަދަދަކަށް ޕެނަލްޓީ ދޭނެ ކަމަށް ވިދާޅުވެ ރޮނާލްޑޯ ހޯދި ޕެންލަޓީއަށް ތައުރީފުކޮށްފަ އެވެ.
“ފަހަރުގައި ސްޓްރައިކަރުންގެ ހުޝިޔާރުކަން އިތުރުވެދާނެދޯ?  ކޮންމެ މީހަކަށްވެސް ރޮނާލްޑޯއާ ގުޅޭ ގޮތުން ކޮންމެ ގޮތަކަށްވެސް ވާހަކަދެއްކިދާނެ. އެކަމަކު ރޮނާލްޑޯގެ ކެތްތެރިކަމާއި ހުޝިޔާރުކަމުން, ސިކުންތަކަށް މަޑުކޮށްލުމަށްފަހު އިދިކޮޅު ކުޅުންތެރިޔާގެ ކުރިން އަނެއްކާވެސް ބޯޅައިގައި ފައިޖައްސައި، ކުރިއަށްދާން އުޅުމުން އިދިކޮޅު ކުޅުންތެރިޔާގެ ފައި ރޮނާލްޑޯގެ ފައިގައި ޖެހި ވެއްޓުނީ. އެއީ ހުޝިޔާރުކަން،” އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ މުބާރާތުގެ ފުރަތަމަ 16 މެޗުގައި ނުވަ ޕެނަލްޓީ ދީފައިވާ އިރު, މިއީ ރެކޯޑް ޕެނަލްޓީ ފެނިގެން ހިނގައިދާނެ މުބާރާތަކަށް ވެދާނެ އެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައިވެސް ޖުމުލަ ދީފައިވަނީ 29 ޕެނަލްޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ