ރައީސްގެ ތަރައްގީ ރައްޔިތުން ބަލައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަށްރަށަށް ގެންނަމުންދާ ތަރައްގީ ރައްޔިތުން ބަލައިގެންފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ މިއަދު ބޭއްވި ހަތަރު ބައި އިލެކްޝަންގެ ތެރެއިން ދެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. މިއަދު ބޭއްވި ހަތަރު ބައި އިލެކްޝަންގެ ތެރެއިން އެމްޑީޕީން ވާދަކުރީ ތިން ބައި އިލެކްޝަނެއްގަ އެވެ.
މަހުލޫފް ވިދާޅުވީ މީގެއިން ދައްކުވައިދެނީ ރައީސް ސޯލިހް ރާއްޖޭގެ އެކިކަންކޮޅުތަކަށް ގެންނަ ތަރައްގީ ރައްޔިތުން ބަލައިގަންނަކަން ކަމަށެވެ. އަދި މިދާގޮތަށް ގޮސް އަންނަ ރިޔާސީ އިންތިހާބުގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
މިއަދު ބާއްވާފައިވަނީ ށ. މާއުނގޫދޫ ކައުންސިލް މެމްބަރު އިންތިހާބު ކުރުމަށާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރަން ބޭއްވި ބައި އިލެކްޝަންތަކެވެ.
މި ބައި އިލެކްޝަންތަކުގެ ތެރެއިން އެމްޑީޕީން ވަނީ މާއުނގޫދޫ އަދި ދަނބިދޫ ބައި އިލެކްޝަން ކާމިޔާބުކޮށްފަ އެވެ. ރަސްމާދޫ އަދި ތ.ގުރައިދޫ ބައި އިލެކްޝަން ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމުންނެވެ.
މި ބައި އިލެކްޝަންތަކުގައި ޖުމުލަ ހަ ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ.
އެ ހަތަރު ރަށުގެ ބައި-އިލެކްޝަނަށް ޖުމްލަ 3،792 ވޯޓު ކަރުދާސް ޕްރިންޓް ކުރި ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ވޯޓުލާފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ބަޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ