ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި - އިމްރާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމްގެ ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ހިއްސާ ކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ، އެހާދިސާ ހިނގާފައިވަނީ މީހުން އެވާހަކަ ދައްކާ ގޮތަށް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ދައްތާފުޅުގެ ޖަނާޒާއަށް ވަޑައިގަންނަވަން ބޭނުންފުޅުކަން އެނގިލެއްވީ ބައްދަލުވުމެއްގައި ވަނިކޮށް ކަމުން ވަގުތު މެދުކަނޑާލުމަށްހު ކަރެކްޝަންސްގެ މުވައްޒަފުންނަށް ރައީސް ޔާމީން މާލެ ގެނައުމުގެ ކަންތައް ކުރުމަށް އެންގި ކަމަށެވެ.
ކަރެކްޝަނަށް އެކަން އެންގުމަށްފަހު ކަރެކްޝަންގެ ލޯންޗާއި ކަންކަން އިންތިޒާމު ކޮށް، ރައީސް ޔާމީންގެ އަންނަންދެން އިންތިޒާރުގައި އެތައް އިރެއްވަންދެން ތިއްބާ ފަހުން ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"ޖަލަށް އެނބުރި ދާ ގޮތަކަށް އެ ޖަނާޒާއަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވި، އަދި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަން ހިނގައި ދިޔަގޮތް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށްވެސް އިނގޭނެ ކަމަށާއި ރައީސް ޔާމީންގެ އާއިލާއިންވެސް އެދިލައްވާފައިވަނީ ރައީސް ޔާމީން ޖަނާޒާއަށް ގެނެސްދިނަމަށް ކަމަށާއި މިނިވަން ކުރަން ނޫން ކަމަށެވެ.
ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވީ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ