ހައި ކޯޓުގެ އާ ގަވައިދަށް 100 ދުވަސް ފަހުން އަލުން އިސްލާހު ކުރަނީ!

މިދިޔަ މާޗް 1 ގައި އަމަލު ކުރަން ފެށި ހައި ކޯޓުގެ އާ ގަވައިދު އަލުން އިސްލާހު ކުރަން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް ނުދިނުމުން "ހަވީރު" ގައި ޝާއިއުކޮށް އަމަލުކުރަން ފެށި ގަވާއިދު އިސްލާހުކުރަން ނިންމައި އެ މަސައްކަތް ފަށާފައި ވަނީ ހައި ކޯޓްގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް އެ ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އެ މަސައްކަތާ ބެހޭ އިތުރު ތަފްސީލު ކޯޓުން ހާމައެއް ނުކުރެ އެވެ.
މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު ނުވަ ފަނޑިޔާރުންގެ ބެންޗް ހަމަވުމުގެ ކުރިން އަމަލުކުރަން ފެށި ގަވާއިދު މުރާޖައާކޮށް އިސްލާހުކުރުމުގެ ގޮތުން، ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ލަފާ ހޯދުމަށް ބައްދަލުވުންތައް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އާންމުން ބޭނުންވާ ހިޔާލުތައް ގަވާއިދަށް ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
މިހާރު އަމަލުކުރަމުންދާ ގަވާއިދު ގެޒެޓްގައި ޝާއިއުކޮށް ނުދިނުމުން ހަވީރުގައި ސަޕްލިމެންޓެއްގެ ގޮތުގައި ޝާއިއުކުރީ ފެބްރުއަރީ 16 ގައި ރައީސް އޮފީހަށް ފޮނުވުމަށް ފަހު ގަވާއިދަށް އަމަލުކުރަން ކަނޑައަޅާފައިވާ ދުވަސް ޖެހުނު އިރު ވެސް ގެޒެޓްގައި ޝާއިއުކޮށް ނުދިނުމުން ކަމަށް ހައި ކޯޓުން ކުރިން ބުނެފައިވެ އެވެ. ރައީސް އޮފީހުން ބުނެފައި ވަނީ ގަވާއިދު ޝާއިއުކޮށް ނުދިނީ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއީލް (އިބުރާ) ބެއްލެވިއިރު ޝަރުއީ އަދި ގާނޫނީ ގޮތުން ފާހަގަކުރެއްވުނު ކަންތައްތަކެއް ހުރުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ