ގުރުއާން މުބާރާތުގެ ވަނަތަކަށް ދިޔަ ކުދިންނަށް ހުށަހެޅި ފައިސާ ނުލިބިގެން ޝަކުވާ ބޮޑުވެއްޖެ

މީގެ މަހެއްހާ ދުވަސް ކުރިން ބޭއްވި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ވަނަތަކަށް ހުށަހެޅި ފައިސާ މިހާތަނަށް އެއްވެސް ކުއްޖަކަށް ލިބިފައިނުވާ ކަމަށް ބުނެ ބެލެނިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވި އެ މުބާރާތުގައި ވަނަ ލިބުނު ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ، ގުރުއާން މުބާރާތުން ވަނަ ހޯދައިގެން އޭނާގެ ދަރިފުޅަށް 210ރ.ގެ ވައުޗަރެއް އިނާމުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި ފައިސާ ހޯދުމަށް ޖޫން މަހުގެ 30ގެ ކުރިން ގުރުއާނާ ބެހޭ މަރުކަޒަށް ދާން ބުނެފައި ވީ ނަމަވެސް، ފައިސާނެތް ކަމަށް އެ މަރުކަޒުން ބުނާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ. އޭނާ ބުނީ، އެއްވެސް ދަރިވަރަކަށް އިނާމުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި މުބާރާތުގައި ޖަޖްކަން ކުރި ފަނޑިޔާރުންނަށް ވެސް ލިބެން ޖެހޭ ފައިސާއެއް އަދި ނުލިބެ އެވެ.
ނޫހުގައި ނަން ނުޖެހުމަށް އެދި އެ ބެލެނިވެރިޔާ ބުނީ، ވައުޗާ ހިފައިގެން ފައިސާ ހޯދުމަށް ގިނަ ބެލެނިވެރިންތަކެއް ގައުމީ މަރުކަޒަށް ދިޔުމުން ފައިސާނެތް ކަމަށް އެތަނުން ބުނެފައިވާ ކަމަށެވެ. އަދި މަރުކަޒުގެ އިސްވެރިއަކާ ބައްދަލު ކުރުމުން، ފިނޭންސުން އެ ފައިސާ އަދިވެސް ދޫނުކުރާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
"ގައުމީ މަރުކަޒުން ބުނާ ގޮތުގައި އެ ފައިސާ އަކީ ސަރުކާރުގެ އިދާރާއަކުން ދިން ފައިސާއެއް ނޫން. ނަމަވެސް އިނާމުގެ ގޮތުގައި ރައްޔިތުން ހަދިޔާކުރި އެ ފައިސާ ފިނޭންސް އިން ހިފަހައްޓަން ޖެހޭ ސަބަބެއް މަރުކަޒަށް ނޭނގޭ ކަމަށް ބުނަނީ،" ބެލެނިވެރިޔާ ބުންޏެވެ.
އޭނާ ބުނީ، އިނާމުގެ ގޮތުގައި ލިބެން ޖެހޭ އެންމެ 200ރ. ނުލިބި ގިނަ ދުވަސްތަކެއް ވުމަކީ މުބާރާތާ މެދު މީހުންގެ ހިތްތަކުގައި ޝައްކު އިތުރުވެގެންދާނެ ކަމަށެވެ. އަދި ލަވަ މުބާރާތް ފަދަ މުބާރާތްތަކަށް ސަރުކާރާއި ބޮޑެތި ކުންފުނިތަކުން ގިނަ އިނާމުތަކެއް ހުށަހެޅި އިރު، ގުރުއާން ކިޔެވުމުގެ އެންމެ ބޮޑު މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކާ ދޭތެރޭ އޭނާ ވަނީ ޝަކުވާ ކޮށްފަ އެވެ.
"އިންޓަ ކްލާސް ގުރުއާން މުބާރާތެއްގައި ނަމަވެސް މިއަށް ވުރެ ރަނގަޅު އިނާމު ހުށަހަޅާނެ. ގުރުއާން މުބާރާތެއް ނިމިގެން ދިޔައިރު އެއްވެސް ފަރާތަކުން ނެތް ހަތިމެއް ހަދިޔާ ނުކުރާތާ އަންމާ ފޮތެއްހާ ހިސާބު ވެސް އިނާމުގެ ގޮތުގައި ހުށަހަޅާފައެއް."
ގުރުއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބްދުﷲ ސައީދު ވިދާޅުވީ ދަރިވަރުންނަށް އިނާމުގެ ގޮތުގައި ލިބުނު 38،000ރ. ރައްދު ނުކުރެވި ލަސްވަމުން ދަނީ ފިނޭންސް މިނިސްޓްރީން "ތާށި އަރައިގެން" ކަމަށެވެ. މުބާރާތް ނިމުނުތާ ހަފުތާއެއް ފަހުން ފައިސާ ލިބެން ޖެހޭ ކުދިންގެ ތަފުސީލު ފިނޭންސަށް ފޮނުވި ނަމަވެސް، ޕްރޮސީޖާ ލަސްވުމުގެ ސަބަބުން އެ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދު ނުކުރެވި ލަސްވީ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ އެ ފައިސާ މާދަމާ ހަވާލުކުރާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ހުރިހާ ޗެކްތަކެއް ލިބިއްޖެ. އަދި ފައިސާ ބަލާ އައުމަށް ބެލެނިވެރިންނަށް އަންގަމުން މިދަނީ. އިރާދަކުރެއްވިއްޔާ މާދަމާ ފައިސާ ދޫކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.
މި އަހަރުގެ ގުރުއާން މުބާރާތް އެހެން އަހަރުތަކަށް ވުރެ ފެންވަރު ދަށް ކަމަށް މުބާރާތުގެ ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި މުބާރާތުގެ ފަނޑިޔާރުކަން ކޮށްފައިވާ ގޮތާމެދު ގިނަ ސްކޫލުތަކަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ