އުމައިރާ ވަކިކޮށް ބައިއިލެކްޝަނެއް ބޭއްވުމަކީ ނިކަމެތި އަންހެނެއްގެ ހައްގު އިލެކްޝަންސް އިން ނިގުޅައިގަތުން: ޑީއާރުޕީ

ބ. ތުޅާދޫ ކައުންސިލްގައި ހިމެނޭ ހަމައެކަނި ޑީއާރުޕީ މެމްބަރު އުމެއިރާ އަބޫބަކުރު އެ މަގާމުން ވަކިކޮށް، އެ ރަށުގައި ބައިއިލެކްޝަނެއް ބާއްވަން ނިންމުމަކީ ނިކަމެތި އަންހެނެއްގެ ހައްގު އިލެކްޝަންސް ކޮމިޝަނުން ނިގުޅައިގަތުން ކަމުގައި ޑީއާރުޕީން މިއަދު ބުނެފި އެވެ.
ޑީއާރުޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކައުންސިލުން އުމައިރާ ވަކިވީ ކަމަށް ނިންމައި، ބައިއިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް އިން އެންގުމަކީ، އެތަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ، އަދި އިންސާފުވެރި ނިންމުމެއް ވެސް ނޫން ކަމަށެވެ.
އުމެއިރާ މެމްބަރުކަމުން ވަކިކޮށްފައި ވަނީ ތުޅާދޫ ކައުންސިލްގެ ހަތް ޖަލްސާ އަށް ވިދިވިދިގެން ހާޒިރުނުވާ ކަމަށް ބުނެ އެވެ. އުމެއިރާ ވިދާޅުވާ ގޮތުގައި އޭނާ ހާޒިރުނުވީ "ރަސްމީ ބޭނުމެއްގައި ރަށުން ބޭރަށް ދާން ޖެހުމާ ގުޅިގެން"ނެވެ.
ރޮޒައިނާ ވިދާޅުވީ އިލެކްޝަންސް އިން ބައިއިލެކްޝަނެއް ބޭއްވުމަށް އިއުލާނުކުރީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށް ވީނަމަވެސް، މި މައްސަލައިގެ ގޮތުން އަދިވެސް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި އެ ގޮތަށް އިލެކްޝަންސް އިން އިއުލާންކުރީ، އެ މައްސަލަ އަތޮޅު ކައުންސިލުން ބަލަމުން އަންނަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައިގައި އަޅުގަނޑުމެން އިލެކްޝަންސް އަށް ގުޅުމުން އެތަނުން ބުނަނީ މައްސަލަ ތަހުގީގުކުރުމުގެ ބާރެއް އެތަނަށް ނޯންނަ ކަމަށް. އަދި ބައިއިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް އަށް އެންގެނީ މެމްބަރުކަމުން މީހަކު ވަކިވިކަން ކައުންސިލުން އެންގުމުން ކަމަށް ވާއިރު އުމައިރާ ވަކިވި ކަން އެ ރަށު ކައުންސިލުން އެންގުމުން ބައިއިލެކްޝަނެއް ބޭއްވުމަށް އެންގީ ކަމަށް އިލެކްޝަންސް އިން ބުނޭ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯކަލް ކައުންސިލްގެ ގާނޫނުގައި ބުނާ ގޮތުން ބައިއިލެކްޝަނެއް ބާއްވަނީ މެމްބަރުކަމުން މީހަކު ވަކިވިކަން ރަށު ކައުންސިލުން އެންގުމުން ނަމަވެސް އުމައިރާގެ މައްސަލަ ތަފާތު ކަމަށެވެ. މެމްބަރުކަމުން އުމައިރާ ވަކިނުވާ ކަމަށް އޭނާ ވިދާޅުވާ އިރު ކައުންސިލުން ވަކި ގޮތަކަށް ނިންމުމުން އެކަން އިތުރަށް ނުބަލައި، ބައިއިލެކްޝަނެއް ބޭއްވުމަކީ އިންސާފެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އިލެކްޝަންސް އަށް މި މައްސަލަ ނުބެލޭ ކަމަށް ވާ ނަމަ ކޯޓަށް ފޮނުވައިގެން ވެސް މައްސަލަ ބެލުން މުހިއްމު. އެކަމަކު އެގޮތް އޮއްވާ، އަދި ގިނަ ބަޔަކު މި މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަމުން ދަނިކޮށް އިލެކްޝަންސް އިން އެއޮތީ ގޮތެއް ނިންމާފައި،" އިލެކްޝަންސް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވި އެވެ. "އިލެކްޝަންސް އިން މިވަނީ ނިކަމެތި އަންހެނެއްގެ ހައްގު ނިގުޅައިގެންފައި."
އޭނާ ވިދާޅުވީ މިފަދަ ބާރުތައް ކައުންސިލްތަކަށް ދީފައި އޮންނަ ނަމަ މިފަދަ ގިނަ މައްސަލަތަކެއް ކުރިއަށް އޮތް ތާނގައި ފެންމަތިވާނެ ކަމަށެވެ. އަދި އިލެކްޝަންސް އަށް އަބަދުވެސް ޖެހޭނީ "އިންތިހާބުތައް ބާއްވާހާވަރު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްގެ ގާނޫނުގައި ބުނާ ގޮތުން ބައިއިލެކްޝަންސް ބޭއްވުމަށް އިއުލާން ކުރުމަށް ފަހު 45 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތު އިތުރު ކުރުމަށް ޑީއާރުޕީން ކޯޓަށް ދިޔުމަށް މިހާރު ވަނީ ނިންމާފަ އެވެ.
މި މައްސަލައިގައި އިލެކްޝަންސް އިން ބުނެފައިވަނީ ތުޅާދޫގައި ބައިއިލެކްޝަނެއް ބާއްވަން ނިންމީ އިލެކްޝަން ބާއްވައި ދިނުމަށް ކައުންސިލުން ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ. އަދި އެ އިންތިހާބު ހުއްޓުވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ