އުތީމުގައި ދެމަފިރިއެއްގެ ޖިންސީ ގުޅުންތައް ވީޑިއޯކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ހއ. އުތީމު ދެމަފިރިއެއްގެ ޖިންސީ ގުޅުންތައް ވީޑިއޯކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ރަށު މީހަކު ބުނިގޮތުގައި ދެމަފިރިއަކު ޖިންސީގުޅުން ހިންގާ މަންޒަރު ވީޑިއޯކޮށް، އެ ވާހަކަ ރަށުގެ ބައެއް މީހުންގެ ގާތުގައި ދައްކަމުންދާ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކެތީރޯޒް، އަލީ މުނާޒާއި ހޭޒްލިން މުހަންމަދު ހަސަނެވެ.
ދެމަފިރިއެއްގެ "ކޮޓަރި ބެލި" މައްސަލައެއްގެ ރިޕޯޓް ލިބިގެން އުތީމުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވެސް ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ އެ ދެ މީހުން ވީޑިއޯކޮށްފައިވާ ކަމަށް ވާހަކަ ދެކެވޭތީ އެކަންތައް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ ދެމަފިރިންގެ ތެރެއިން ފިރިމީހާ "ހަވީރަ"ށް ބުނިގޮތުގައި ސިއްރު ކެމެރާއެއް ބޭނުންކޮށްގެން އެ ރަށުގެ ބައެއް ގިފިލިތައް ފޮޓޯ ނަގައި ވީޑިއޯކުރަމުން އަންނަ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ. ނަމަވެސް އެކަން ކުރަނީ ކޮންބައެއް ކަމެއް އެ ދެ މީހުން ހައްޔަރުކުރުމުގެ ކުރިން ފަޅާއަރައިފައެއް ނުވެ އެވެ.
އޭނާ ބުނިގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެ މީހުން އެކަން ކުރާ ކަމަށް ތުހުމަތުކުރެވުނީ އޭނަ އާއި އޭނަގެ އަންހެން ދިރިއުޅޭ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ދަންވަރު އެތަނުން އެކަކު ފާރަލާތަން ފެނުމުންނެވެ. އެ ރޭ ފެނިގެން ސުވާލުކުރުމުން އެ މީހުން ފާރަލަނީ އެ ގެއާ ކައިރީގައި ހުންނަ "އެހެން ގެއަކުން [ފިރިހެނަކު] އަންހެން ކުއްޖަކު ނެރޭތީ" ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެހެން ހުއްޓާ ކޮންމެވެސް މީހެއްގެ ފަރާތުން މި އެނގުނީ މި މީހުން ކޮޓަރި ބަލާފައި އަޅުގަނޑުމެން ދެ މީހުންގެ ވާހަކަތައް ދައްކާފައި ހުރިކަން. އެ ވާހަކަތައް އެ މީހުން ދެއްކިކަން ދެ މީހެއްގެ ފަރާތުން އެނގިފައި އޮއްވައި ފުލުހުން އައިސް އެ މީހުން ހައްޔަރުކުރީ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ހައްޔަރުކުރި ދެ މީހުންގެ ފޯނުގައި އެ ރަށު ގިފިއްޔެއްގައި ފެންވަރަން ހުރި އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯތަކެއް ހުއްޓާ އެ ރަށުގެ ބައެއް މީހުންނަށް ވަނީ ފެނިފަ އެވެ. ފުލުހުންގެ ތަހުގީގަށް އޭގެ ތެރެއިން އެކެއްގެ ލެޕްޓޮޕް ވެސް ގެންގޮސްފައިވާކަން "ހަވީރަ"ށް ވަނީ ކަށަވަރުވެފަ އެވެ.
"މިކަން [ބަރަހަނާ ފޮޓޯ އާއި ވީޑިއޯކުރުމަކީ] މި ރަށުގައި ވަރަށް ބޮޑުވެފައި އޮތް ކަމެއް. ކެމެރާ އިން ފޮޓޯ ނެގީއޭ. ބައެއްގެ އަތުގައި ފޮޓޯ ހުރީއޭ، މިގޮތަށް އަބަދުވެސް ވާހަކަ ދެކެވެނީ. ފަޅާނާރާތީ އެކަކު ވެސް އަޅާނުލައި ތިބެނީ،" އޭނާ ބުންޏެވެ.
އުތީމު ކައުންސިލް އިދާރާ އިން ބުނިގޮތުގައި އެ ރަށުން ދެ މީހަކު ހައްޔަރުކުރިކަން އެނގުނު ނަމަވެސް އެކަމުގެ ތަފްސީލެއް މިހާތަނަށް ލިބިފައި އަދި މީހަކު ރަސްމީކޮށް ހުށަހަޅާފައެއް ވެސް ނުވެ އެވެ. އެކަމަކު ރަށު ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރަށުގެ އެކި މީހުންގެ (ބަރަހަނާ) ފޮޓޯ ނަގާތީ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ