ދެންވެސް ލިބޭނެ ގެއްލުމަކަށްވާނީ މެމްބަރުންތަކެއް ގެއްލުން: ރައީސް ޔާމީން

ކުރިއަށް އޮތްތަނުގައި ވެސް ލިބޭނެ އެންމެ ބޮޑު ގެއްލުމަކަށްވާނީ މަޖިލިސް މެމްބަރުންތަކެއް ވަކިވެގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް ހަ އަހަރު ފުރުން ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ގިނައަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ތިން ގޮންޖެހުމަކީ އެމަނިކުފާން އަވަހާރަކޮށްލަން އުޅުމާއި ޕީޕީއެމްގެ ތެރޭގައި އުފެދުނު ބައިބައިވުންތަކާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ވަކިވެ ކުރަން އުޅުނު "ބަގާވާތް" ކަމަށެވެ.
ދެންވެސް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އެކަންކަން ތަކުރާރުވުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެކަންކަމަކީ ހިނގާފާނެ ކަންކަން ކަމަށެވެ.
"ދެންވެސް އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން ކޮޅެއް އަޅުގަނޑާއި ވަކިވެގެން ދިއުން. މިއިމްތިހާނުވެސް އަޅުގަނޑު ކުރާނެ ކަންނޭނގެ އަދިވެސް. އަދިވެސް އަޅުގަނޑު ސިހުމެއް ނުވާނެ އަޅުގަނޑު އުންމީދެއް ނުކުރަން އިންތިޒާރު ކުރަން އަނެއްކާ ވެސް އަޅުގަނޑު ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުން ދޭނެ ކަންނޭނގެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ޕީޕީއެމް ދޫކޮށްދިޔަ މެމްބަރުންތައް ދިޔައީ އަމިއްލަ އެޖެންޑާތަކެއް ހާސިލް ނުވުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މަދުވާކަމަކީ އިހުލާސްތެރިކަން ކަމަށާއި ވެއްޓެެމުންދާ އިރު ހިފަހައްޓާ އަސާ ގަނޑަކަށް ޕާޓީ ނުހެދޭނެ ކަމަށެވެ. ޕާޓީގެ އެއްވެސް މަގާމެއްގައި ހުރުމަކީ ޝަރަފްވެރި މީހަކަށްވުން ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޒަމާނީ ޑިމޮކުރަސީއެއް ގެނައުމަށް އެޕާޓީން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް ފަހުން އަމަލު ކުރެއްވީ ދެއްކެވި ވާހަކަތަކާ އިދިކޮޅަށް ކަމަށެވެ.
މިސަރުކާރު މަސައްކަތް ކުރަނީ ހުވަފެން ދައްކަން ނޫން ކަމަށާއި މިސަރުކާރު މަސައްކަތް ކުރަނީ އިހުލާސްތެރިކަމާ އެކު ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގަ ތަނަވަސްކަން ނެތް ކަމަށް ބުނެ ނުވެވި ހުރިކަންކަން މިއަދު ވަމުން ދާ ކަމަށެވެ.
ރާއްޖެ އަކީ ތަރައްގީ ކުރަން ބޭނުން ވަރަކަށް ތަރައްގީ ކުރެވޭނެ ގައުމެއް ކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް އުންމީދުތަކެއް ދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. ރަށްރަށަށް ޒިޔާރަތްކުރާއިރު ލޮލުން ފެން ފާއްދާލާ ސަބަބަކީ މިހާގިނަ ދުވަސް ވެގެންދިޔައިރު ވެސް ރައްޔިތުންގެ ބޭނުންތައް އަދިވެސް އިތުރުވުމާއި ރަށްތަކުގައި ވަރަށް ހާލުގައި އުޅޭ ރައްޔިތުންތަކެއް ތިބުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ލޮލުން ފެން ފާއްދާލަނީ އުފާވެރި ކަމާވެސް އެކީ. އުފާވެރި ކަމަކީ ކަންތައްތަކެއްކޮށް ދެވޭނެކަން ގަބޫލްކޮށް އުންމީދުތަކެއް ރައްޔިތުން އަޅުގަނޑާ ގުޅުވާތީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ކަފުނަށް ތިރިނުކޮށް އެއަށްވުރެ ޝަރަފްވެރި ބަަޔަކަށް ދިވެހީން ވާން ޖެހޭކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ