ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ދިއްލީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މުމްބާއީއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މުމްބާއީއަށް މިކުރައްވާ ދަތުރުފުޅުގައި، މާދަމާ މަހާރާޝްތުރާގެ ގަވަރނަރާއި، ޗީފް މިނިސްޓަރާ ބައްދަލުކުރައްވާނެ ކަމަށެވެ.
އަދި މުމްބާއީގެ މަޝްހޫރު ބައެއް ވިޔަފާރި ކުންފުނިތަކާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ނިއުދިއްލީގައި އެމަނިކުފާނު ހުންނަވާ ހޮޓަލުގައި، މުމްބާއިއަށް ފުރާވަޑައިގަތުމުގެ ކުރިން ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު ހަވީރު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކފުޅުގައި، އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅަކީ ވަރަށްގިނަ ފައިދާތަކެއް ޙާޞިލް ކުރެއްވިގެންދިޔަ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގެންނެވިފަހުން، އެންމެ ފުރަތަމަ ބޭރު ޤައުމަކަށް ކުރެއްވި ދަތުރުފުޅަކީ މިއީ ކަމަށްވުމުން، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްޞަ، ގާތް ގުޅުން، މިކަމުން ހާމަކޮށްދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޑިޔާއަކީ އަބަދުވެސް، ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގައާއި، ލިބޭ ކާމިޔާބީގައިވެސް ރާއްޖެއާ އެކުގައިވާ ޚާއްޞަ ރަހުމަތްތެރިއެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތައް ބެއްލެވި ކަމުގައި ވިދާޅުވެ، ސަރުކާރުން މިހާރު ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖެއާއި އިންޑިޔާއާ ދެމެދު ފަތުރުވެރިކަން ފުޅާކުރުމަށް ކަމުގައިވެސް ރައީސް ޑރ.ވަހީދު ވިދާޅުވި އެވެ.
ރައީސް ޑރ.ވަހީދު އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަބަދުވެސް ދިވެހި ސަރުކާރަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން، އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުން ދެއްވާފައިވާ ކަމަށެވެ. އަދި އެކި ރޮނގު ރޮނގުން އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކަށާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރައީސް ޑރ.ވަހީދު ދިއްލީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މުމްބާއީއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ