ކުރިން ސިފައިންގެ މަތީ މަގާމުތަކަށް ބޭފުޅުން ކަނޑައަޅުއްވަނީ ސިފައިންގެ ވެރިޔާ: ރައީސް ނަޝީދު

މީގެކުރިން ސިފައިންގެ ތެރޭގައި ވެރިންގެ ގޮތުގައި ބޭފުޅުން ކަނޑައެޅިގެން ދަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަށް އެއިރެއްގައި ފެނުނު ބޭފުޅެއް ކަމަށާއި އަދި ލީޑަރުންގެ ގޮތުގައި ތިބެން ޖެހޭ އެތައް ބަޔަކަށް އޮންނަނީ އެ ފުރުސަތު ނުލިބި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަމްރީނުކުރި އޮފިސަރުން، ކަމިޝަންކުރުމުގެ ރަސްމިއްޔާތު ކ. ގިރިފުށީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެކުރިން ސިފައިންގެ ތެރޭގައި ވެރިންގެ ގޮތުގައި ބޭފުޅުން ކަނޑައެޅިގެން ދަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަށް އެއިރެއްގައި ފެނުނު ބޭފުޅެއް ކަމަށާއި އަދި އެ ޒަމާން އަލްވަދާއު ކީ މާކުރިއަކު ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ފަހަކަށް އައިސް އޮފިސަރުކަން ދިނުމުގައި ބޭފުޅުންގެ ހިކުމަތާއި ތަޢުލީމާއި ހަނގުރާމައިގެ ހުނަރާއި ޑިފެންސް ފޯސް އަކަށް އޮފިސަރަކަށް ބޭނުންވާ މަޢުލޫމާތުތައް ލިބިދީފައިވާ ކަމަށެވެ. "އޮފިސަރުންނަށް ހާއްސަ ޓްރެއިނިންނެއް ދެވިފައި މިވަނީ ރާއްޖޭން ބޭރުން އެހެންވީމާ ވަރަށް މަދު ފަހަރަކު އަދި މާބޮޑަށް ވެސް ބޭނުންވާ މިންވަރަށް ވުރެ ވެސް ފަހުން. މިއަދު މިފަށައިގަންނަނީ އެމްއެންޑީއެފްގެ އޮފިސަރުކަން މިރާއްޖޭގައި ހިންގުމަށް ފަހު ދެވޭ ދެވުން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ލީޑަރުން ތައްޔާރުކޮށް ޓްރެއިނިން ކުރުމަކީ ނުވަތަ ވެރިން ތައްޔާރު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އަދި ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވަކި ޚާއްސަ އިލްމުތަކެއް ހުނަރުތަކެއް ލިބިގެން ނޫނީ އަދާނުކުރެވޭ ވަޒީފާ ތަކުގައި، ބަލަން ޖެހޭ ބެލުންތަކާ ކަނޑައަޅަން ޖެހޭ ކަންތައްތައް ވަކި ޚާއްސަ އިންސްޓިޓިއުޝަނުން ކަނޑައެޅުމަކީ ކޮންމެހެން ބޭނުން ތެރި ކަމެއް ކަމަށެވެ. އެހެން އެކަން ނުވާނަމަ ލީޑަރުންނަށް ވެރިންނަށް ވެގެން ދަނީ އެކަމަށް އެކަށީގެންވާ ބޭފުޅުން ނެތް ނޫން ކަމަށާއި އަދި ޚާއްސަ ކޮށް ލީޑަރުންގެ ގޮތުގައި ތިބެން ޖެހޭ އެތަށް ބަޔަކަށް އެ ފުރުސަތު އޮންނަނީ ނުލިބިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު މި ފެށެނީ ސިފައިންގެ ވެރިންނާއި ލީޑަރުން ތައްޔާރު ކުރުމުގެ ފުރަތަމަ މަރުހަލާ. އޮފިސަރުކަން އަޅުގަނޑު ހަވާލު ކުރި 38 އޮފިސަރުންނަކީ މަތީ ތަޢުލީމް ހާސިލް ކޮށްގެން ތިބި މީހުން. ކުރު މުއްދަތެއްގެ ތެރޭގައި އޮފިސަރުންނަށް ވެވޭނެ މިންވަރަށް މިއޮތީ އުންގަންނައި ދެވިފައި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަތީ ތަޢުލީމެއް ލިބި އެކަށީގެންވާ ރަނގަޅު މަގާމުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ސިފައިންނަށް ވެސް ފުރުސަތު ހުޅުވިފައި އެބައޮތް ކަމަށާއި އެގޮތުން އޮފިސަރ ޓްރެއިނިން ނިންމުމަށް ފަހު އޮފިސަރުންނަށް ވެވޭނެ ކަމަށެވެ. އަދި އަމާޒަކީ ދިވެހި ސިފައިންނަކީ ތަމްރީން ލިބިފައިވާ ވަރަށް ޕްރޮފެޝަނަލް އަދި ވަޒީފާގެ އަހްލާގްތަކާ ކަމަށް ބޭނުންވަ އެންމެހާ ކެތްތެރިކަމާ ހުނަރުތައް ލިބިފައިވާ ބައެއް ބިނާކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ރާއްޖެ އެއްގެ ގޮތުގައި ލިބިފައި މިއޮތީ ކާބަފައިން މި ރާއްޖެ މިގޮތަށް ރައްދުކޮށްދިނީތީ ކަމަށެވެ. އަދި މިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ދީނާ ސަގާފަތާ ހާއްސަކޮށް ގާނޫނު އަސާސީ ދަމަހައްޓާ ނަގަހައްޓާ އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ސިފައިންނާ ހަވާލު ކުރާ މަސްއޫލިއްޔަތަކީ އަންނާން އޮތް ޖީލަށް މި ގައުމުން ރައްދުކޮށް ދިނުން ކަމުގައި ވިދާޅުވި އެވެ.
"އަޅގަނޑު އަބަދުވެސް ދަންނަވަން މިއަދު މިއޮތީ ހަވީރު ވެފައޭ. އިއްޔެ ނިމިގޮއްސިއޭ. އަޅުގަނޑުމެންނަށް ހަގީގަތުގައި ހޯދޭން އޮތީ މާދަމައޭ. މާދަމައަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑަށް ޔަގީން އަޅުގަނޑަށް ކަށަވަރު މިއަދު އޮފިސަރު ކަން ލިބިލެއްވި ހުރިހާ އޮފިސަރުން ވެސް އެ ބޭފުޅުންގެ ގާނޫނީ އަދި ގައުމީ ވާޖިބު އަދި ވަކިން ހާއްސަ ކޮށް އެބޭފުޅުންގެ ސިފައިންގެ ވާޖިބު އަދާކުރައްވަމުން ގެންދަވާނީ އަކުރުން އަކުރަށް ފިލިން ފިއްޔަށް." ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ