އޮސްޓްރޭލިޔާ ބޮޑުވަޒީރުގެ ދެވަނަ ވައަތު ފައިތިލަ

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ މުޅީން އާދަޔާއި ޚިލާފް ފޮޓޯއެއް އިންޓަނެޓުގައި އާންމުވެ، އެތައް ބަޔެއްގެ ސަމާލުކަން އެ ފޮޓޯއަކަށް ހުއްޓިއްޖެއެވެ.
މޮރިސަންގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ފޮޓޯގައި ފެންނަނީ، އޭނާ، އޭނާގެ އަނބިކަނބަލުންނާއި ދެ ދަރިކަލުންނާއެކު ޕާކެއްފަދަ ތަނެއްގެ ވިނަގަނޑުމަތީގައި އިށީނދެވަޑައިގެން އިންނަވާ މަންޒަރެވެ. ނަމަވެސް، ހައިރާން ކުރަނިވި ކަމަކީ، ފޮޓޯއިން ފެންނަ ގޮތުގައި މޮރިސަންގެ ދެވަނަ ވައަތު ފަޔެއް އިންކަމެވެ.
މިކަން އެންމެ ފުރަތަމަ ފާހަގަވެފައިވަނީ އޭނާގެ ވެބްސައިޓަށް ޒިޔާރަތްކުރި ބަޔަކަށެވެ. އެމީހުންވަނީ މި ފޮޓޯ ސޯޝަލް މީޑިޔާގައި އާންމު ކޮށްލާފައެވެ. އަދި ފޮޓޯ އެޑިޓްކުރަން ބޭނުންކުރާ ސޮފްޓްވެއަރއެއް ކަމަށްވާ "ފޮޓޯޝޮޕް" ބޭނުންކޮށްގެން އެ ފޮޓޯ އެޑިޓްކޮށް ބަދަލުކޮށްފައިވާކަން އިންޓަނެޓުގައި ހާމަކޮށްލާފައެވެ. އެެޑިޓްކޮށްފައިވާ ފޮޓޯއިން ފެންނަގޮތުގައި މޮރިސަންގެ ދެފަައިގައިވެސް އިންނަނީ ވައަތު ފައިތިލައެކެވެ. އަދި، އަރާފައި އިންނަނީ ވަރަށްވެސް ރީތި، ސާފު ބޫޓަކަށެވެ.
ކަންވީ ގޮތް ބަލާލިއިރު، މިއީ މޮރިސަންގެ މުވައްޒަފުން ކޮށްފައިވާ ކަމެކެވެ. އެ ފޮޓޯ ނެގިއިރު މޮރިސަން އަރައިގެން އިނީ ވަރަށް ހަޑިވެފައިވާ ޓެނިހަކަށެވެ. އެހެންވެ، އެމީހުން ބޭނުންވީ، ފޮޓޯޝޮޕް ބޭނުންކޮށްގެން، މޮރިސަން އެހެން ބޫޓަކަށްް އަރައިގެން އިން ގޮތަށް ދައްކާށެވެ. ނަމަވެސް، ކަންވީ އެމީހުން ބޭނުންވި ގޮތާއި މުޅީން ޚިލާފަށެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މޮރިސަންއަށް ހަޖޫޖެހިއެވެ. ނަމަވެސް، އޭނާ މިކަމަށް ރައްދު ދިނީވެސް ހީކުރިގޮތާ ޚިލާފަށެވެ.
މޮރިސަންވަނީ، މިހާދިސާއާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފޮޓޯ އަޕްލޯޑްކުރަން އޭނާގެ މުވައްޒަފުންނާއި ހަވާލުކުރިއިރު، އޭނާގެ "ބޫޓު ސާފުކޮށްދޭން" އެއްވެސް މީހަކު ގާތު ނޭދޭ ކަމަށެވެ. އަދި، ފޮޓޯޝޮޕް ބޭނުންކޮށްގެން އެހާ ބުރަ މަސައްކަތެއް ކުރިއިރު، "ފައިގައިހުރި އިސްތަށްޓަށް އިސްކަން ދިންނަމަ ރަނގަޅުވީސް (ނުވަތަ ނެތްކަމަށް)" ކަމަށް ވިދާޅުވިއެވެ. އަދި، އޭނާ އެވަގުތު އަރައިގެން ހުރި ޓެނިސްގެ ފޮޓޯއެއްވެސް ޓްވީޓްގައި ހިމެނުއްވިއެވެ. "މިއީ އަހަރެން އާންމުކޮށް ބޭނުންކުރާ ބޫޓު. އޮފީސް ހެދުމުގައި ހުންނަ ވަގުތުތައް ނޫން އެހެން ވަގުތުގައި އަހަރެން އަބަދުވެސް އަރަނީ މިބޫޓަށް،" އޭނާ ވިދާޅުވިއެވެ.
މޮރިސަންގެ މުވައްޒަފުންވަނީ، ފޮޓޯޝޮޕްކޮށްފައިވާ ފޮޓޯ، އޭގެ އަސްލު ފޮޓޯއަށް ފަހުން ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ