ދައުލަތް ހިންގަން މިހާރު އެނގޭ، ދެން ވައުދު ފުއްދާނަން – ނަޝީދު

ދައުލަތް ހިންގަން މިހާރު މާބޮޑަށް ވެސް އެނގިވަޑައިގެންފި ކަމަށާއި ދެން ވައުދު ފުއްދަވާނަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދު އެންމެ ބޮޑަށް ވާހަކަދައްކަވާ މާލޭގެ ގެދޮރުގެ ދަތިކަމުގެ މައްސަލަ އާއި ގެދޮރުގެ މައްސަލަ ހައްލު ކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.
ނަޝީދު ވިދާޅުވީ މައިންބަަފައިންގެ މައިންބަފައިންނާއި ހަމައަށް ވަޑައިގަންނަވާ އިރު މާލޭގެ ކޮންމެ ކޮއްޓެއްގައި އުޅޭނީ ހަތަރު ވަރަކަށް އާއިލާ ކަމަށެވެ. ނަމަވެސް މިއަދު ކޮންމެ 100 އަކަފޫޓަކަށް ފަސް ހަމީހުންވެ އެންމެ ފަހުން މާމަ އިށީންދެގެން އިން ގޮނޑީގެ ކޮޅުފިލާ ވެސް ބަހާލައިފި ކަމަށެވެ.
"މި މިންވަރަށް ތޮއްޖެހިގެން އުޅުމަކީ ތަރައްޤީ ވެފައިވާ ގައުމުތަކުގައި ކުކުޅު ހާލަށް ވެސް މަނާކަމެއް. މިހާލަތައް އައުމުގައި އެންމެން ޒިންމާވާން ޖެހޭ. ދިވެހިންނަކީ މިއަދު ފުދިފައި ތިބި ބައެއް. އަޅުގަނޑުމެންނަށް ހައްޤު މިންވަރު ހޯދައިދޭނަން." ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަޔާތް ހިންގަނީ އިވޭ އަޑުތަކަށް ބަލާފައި ސިޔާސަތުތައް އެކަށައަޅާ އެސިޔާސަތުތައް ތަންފީޒު ކުރަން ކަމަށާއި އެމްޑީޕީ އަށް ވުރެ ވަކިން ފުރިހަމައަށް ވައުދުތައް ފުއްދޭނެ ބަޔަކު ނުތިބޭނެ ކަމަށެވެ.
"މާފަންނުގެ މިސަރަހައްދަކީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އަކަފޫޓެއްގަައި އެންމެ ގިނަ މީހުން ދިރިއުޅޭތަން. އަޅުގަނޑުމެން އަންނަން އޮތް ޖީލްތަކަށް ބޯހިޔާވަހިކަން ހޯދައި ނުދީފިނަމަ މިމާލެއަކު ދިރިއުޅޭވެކަށް ނޯންނާނެ. މިހާރު 100 އަކަފޫޓްގައި އުޅޭ ފަސް އާއިލާގެ ކުދިންނަށް 100 އަކަފޫޓް ބަހަން ޖެހުނީމާ މާލެއެއް ނޯންނާނެ." ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަނޑުފަނޑުކޮށް ނަމަވެސް ބޭނުންވާ މަންޒަރު މިހާރު ދަނީ ފެންނަމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މިކުރިމަތިލަނީ ދަރަނި އަދާކުރަން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ މަޖިލިސް 2019 އިން ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދުތަކަކީ "މިނާފައި، ކިރާފައި" ހުރި ވައުދުތަކެއް ކަމަށާއި އެވައުދުތައް ރަނުން ރަނަށް ފުދިގެންދާނެ ކަމަށެވެ.
ރައްޔިތުންގެ އުދާސްތައް އަޑުއަހާފައި އެއުދާސްތައް ތަންފީޒު ކުރެވޭ ސިޔާސަތުތަކެއް އެކަށައަޅާފައި އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ