ސުއޫދު މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ މައްސަލައިގައި، މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މި އަޑުއެހުން ބާއްވަން ތާވަލް ކޮށްފައި އޮތީ މިއަދު މެންދުރު ފަހު 2:00ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުއެހުން ކެންސަލް ކުރީ ސުއޫދު ކޯޓަށްވެސް ވަޑައިގެންނެވި ފަހުންނެވެ.
ސުއޫދު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި އެމައްސަލަ ކްރިމިނަލް ކޯޓުން ބަލަން ނިންމީ، އެ ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނާ ބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ.
ސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނުން ކިތަންމެ ރަނގަޅަކަށް މައްސަލަ ތަހުގީގު ކުރިޔަސް، މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މިކަމާގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.
އެކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކޯޓުގެ ހައިބަތާއި ކަރާމާތް ނަގާލައި، އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް ސުއޫދު މީޑިއާގައި ދެއްކެވި ވާހަކަތަކުގެ މައްސަލަ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ނިންމާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ