ހެވީލޯޑަށް 26 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމެއް އަދި އެނގިފައެއް ނުވޭ: ތިލަފުށި ކޯޕަރޭޝަން

ތިލަފުށި ހިއްކުމުގެ މަސައްކަތަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން 26 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ހެވީލޯޑް މޯލްޑިވްސް އިން ބުނި ނަމަވެސް އެ ފައިސާއަކީ އެ ކުންފުންޏަށް ދައްކަން ޖެހޭ ކަން އަދި އެނގިފައިނުވާ ކަމަށް ޓީސީއެލްއިން ބުނެފި އެވެ.
ޓީސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް މިއަދު ވިދާޅުވީ ހެވީލޯޑުން ކުރި މަސައްކަތްތަކަށް ފައިސާ ދޭން ޖެހެނީ އެގްރިމަންޓްގައިވާ ގޮތަށް ހުށަހެޅުމުން ކަމަށެވެ.
"އަޅުގަނޑުމެން އެ ކުންފުންޏާ އެކު ހަދާފައިވާ އެގްރިމަންޓްގައިވާ ގޮތުން ފައިސާ ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލްތަކެއް އޮވޭ. އެ ގޮތުން މަސައްކަތް ނިމުމުން ބިލްކުރާއިރު ކުރެވިފައިވާ މަސައްކަތާ ބެހޭ ޓެކްނިކަލް ރިޕޯޓެއް ހުށަހަޅަން ޖެހޭ. އަޅުގަނޑުމެންގެ އިންޖިނިއަރު އަންގާފައި ވަނީ ހެވީލޯޑުން ފައިސާ ހޯދުމަށް އެއްބަސްވުމުގައިވާ ގޮތަށް އެ ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އެ ފައިސާއަކީ ދޭން ޖެހޭ ފައިސާއެއް ކަމެއް އަދި އެނގިފައެއް ނެތް."
ހެވީ ލޯޑްގެ އެއް ޑިރެކްޓަރު ބުޝެއިނަތު މޫސާ މީގެ ކުރިން ވިދާޅުވީ ތިލަފުށި ހިއްކުމުގެ މަޝްރޫއުގެ ފަހަތުގައި ހިޔާނާތުގެ ތުހުމަތުތައް އެކި ފަރާތްތަކުން ކުރަމުންދާއިރު ޓީސީއެލް އިން ވެސް އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާތަކެއް އެބަހުރި ކަމަށެވެ. އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ހެވީ ލޯޑަށް ވިއްކާފައިވާ ތެލަށް ހަ މިލިއަނެއްހާ ރުފިޔާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކުރާއިރު އެ ތެޔޮ ނެގީ ތިލަފުށި ހިއްކުމުގެ މަޝްރޫއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ތެޔޮ ނެގީ ފަސް މިލިއަން ރުފިޔާގެ ގެރެންޓީއެއް ޓީސީއެލް އިން ދިނީމާ. އެކަމަކު އެ ކުންފުނިން އަޅުގަނޑުމެންނަށް ލިބެންޖެހޭ 26 މިލިއަން ރުފިޔާ ނުލިބިގެން ތާށިތަކެއް ވެގެން މި އުޅެނީ،" ބުޝެއިނަތު ވިދާޅުވި އެވެ. "އެ ފައިސާ ހޯދުމަށް އަޅުގަނޑުމެން ވެސް މިދަނީ މަސައްކަތް ކުރަމުން."
ބުޝެއިނަތު ވިދާޅުވީ ހެވީ ލޯޑާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން ވިޔަފާރީގައި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
ޓީސީއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ހެވީލޯޑާއެކު އެ ކުންފުނިން ހަދާފައިވާ އެއްބަސްވުމާމެދު އަމަލުކުރާ ގޮތުގެ ލަފައަކަށް އެދި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެންޓަޕްރައިސަސް މޮނިޓަރިން އިވެލުއޭޝަން ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމާ މެދު އަމަލުކުރަންވީ ގޮތުގެ ގާނޫނީ ލަފާ ހޯދުމަށް އެ ބޯޑުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީން އަންގާ ގޮތަކަށް އެ މަޝްރޫއާ މެދު އަޅުގަނޑުމެން އަމަލުކުރާނަން،" މުހައްމަދު ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް، ކ. ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 21 މިލިއަން ޑޮލަރު ( 269.8 މިލިއަން ރުފިޔާ) އަށް ހެވީލޯޑާ ހަވާލުކުރީ ސެޕްޓެމްބަރު 2010ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ