މޯލްޓާގެ ނޫސްވެރިޔާ މަރާލީ ރިމޯޓް ކޮންޓްރޯލް ބޮމެއް ބޭނުންކޮށްގެން

ވަލެއްޓާ (އޮކްޓޯބަރު 21) - މޯލްޓާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ލިޔަމުންދިޔަ ނޫސްވެރިޔާ ޑަފްނީ ކައުއަނާ ގަލިޒިއާ މަރާލީ އޭނާގެ ކާރުގެ ދަށުގައި ރިމޯޓް ކޮންޓްރޯލް ބޮމެއް ހަރުކޮށްގެން ކަމަށް ބެލެވޭ ކަމަށް މައްސަލަ ތަހުގީގު ކުރާ އޮފިޝަލުން ބުނެފި އެވެ.
ގަލިޒިއާ، 53، ދުއްވަމުން ދިޔަ ކާރު ގޮއްވާލީ އޭނާގެ ގެއިން ނައްޓާލިތާ މާގިނައިރެއް ނުވަނީހެވެ. އޭނާގެ ފިރިހެން ދަރިފުޅު ބުނެފައި ވަނީ ބޮމުގެ އަޑު ގެއަށް އިވުނު ކަމަށެވެ. ގަލިޒިއާގެ ކާރުގައި ހަރުކޮށްފައިވާ ބޮމުގެ ބާރުގަދަކަމުން ކާރުގެ އެކި ބައިތައް ވަނީ ބުރައިގެން ގޮހެވެ. އަދި ގަލިޒިއާގެ ހަށިގަނޑު ވެސް ވިއްސައިގެން ގޮސް އޮތީ ކައިރީގައި އޮތް ދަނޑެއްގައި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
ގަލިޒިއާ އަކީ މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މުސްކަތުގެ ސަރުކާރުގެ އެތައް މައްސަލައެއް ފަޅާއަރުވާލާފައިވާ ލިޔުންތެރިއެކެވެ. މޯލްޓާގައި މި އަހަރުގެ ކުރީކޮޅު އާ އިންތިޚާބެއް ބާއްވަން ޖެހުނީ ވެސް ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަނުގެ މައްސަލަތައް ގަލިޒިއާ ފަޅާ އަރުވާލުމުން އެކަމުގެ ޕްރެޝަރު ބޮޑުވުމުންނެވެ.
ގަލިޒިއާ ވަނީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ބޮޑު ވަޒީރު މުސްކަތާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރުގައި ސިއްރު ބޭންކު އެކައުންޓްތައް ހިންގާ ކަމަށް ބުނެފަ އެވެ. އަދި އެއީ އަޒާބައިޖާންގެ ވެރިކަންކުރާ އާއިލާ އިން ދޭ ފައިސާ ޖަމާކުރާ އެކައުންޓްތަކެއް ކަމަށް ވެސް ގަލިޒިއާ ތުހުމަތުކޮށްފައިވެ އެވެ.
ގަލިޒިއާގެ ކާރުގައި ބޮން ހަރުކުރި ފަރާތަކާ ބެހޭ މައުލޫމާތު ދޭފަރާތަކަށް އެއް މިލިއަން ޔޫރޯ (1.185 މިލިއަން ޑޮލަރު) މޯލްޓާ ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ގިލިޒިއާގެ ތިން ފިރިހެން ދަރިން ވަނީ ސަރުކާރުގެ އެ ހުށަހެޅުން އެ މީހުން ގަބޫލް ނުކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ބަދަލުގައި އެ މީހުން ވަނީ ބޮޑު ވަޒީރު މުސްކަތު އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.
ގަލިޒިއާ ވަނީ އޭނާ އަށް މަރުގެ އިންޒާރުތައް ލިބޭތީ މި މަހު ކުރީކޮޅު ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.
ލިޒިއާގެ މަރު ތަހްގީގު ކުރުމުގައި މޯލްޓާ އިން ވަނީ ބައިނަލްއަގުވާމީ އެހީ އަށް އެދިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އެފްބީއައި ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ