ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުން މިއަދު ހިތާމަކުރޭ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުން މިއަދު ހިތާމަކުރާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރެވުނީތީ ދިވެހި ރައްޔިތުން މިއަދު އެ ތިބެނީ މޮޔަ ހީވެފައި ކަމަށެވެ. އަދުރޭ ވިދާޅުވީ އެ ޕާޓީގެ ފަރާތުން އަތޮޅުތެރެއަށް ކުރަމުން އަންނަ ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާ ތަކުން ވެސް އެކަން އެނގި ކަށަވަރު ވެއްޖެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ނުވަދިހަ ޕަސެންޓް މީހުން މިހާރު ވެސް ތިބީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެންނާން ކެތް މަދުވެފައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ މީގެ ކުރީން ވެސް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރެވުނީތީ ދިވެހި ރައްޔިތުން ހިތާމަކޮށް، ރޯނެ ދުވަހެއް އަދި އަންނާނެ ކަމަށެވެ. "ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެވުނީތީ ދިވެހި ރައްޔިތުން މިއަދު އެ ތިބީ ކަރުނައަޅައި ރޯން. އެކަން އެނގެނީ ރައްޔިތުން ދައްކާ ވާހަކަތަކާ، ޝުއޫރުތައް ހުރި ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. ރައްޔިތުންގެ ތެރެއިން ނުވަދިހަ އިންސައްތައާ ގާތަށް މިއަދު އެބަ ބޭނުންވޭ ޔާމީން އަނބުރާ ވެރިކަމަށް ގެންނަން،" އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިގްތިސޯދީ ގޮތުން ދުވަހަކުވެސް ނުވެއްޓޭ ފަދަ ހާލަތަކަށް މި ގައުމު ވެއްޓި، ރައްޔިތުންގެ ޖީބުތައް މުޅީން ނިކަމެތިވެއްޖެ ކަމަށެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވީއިރު، ރާއްޖޭގެ ފުދުންތެރިކަން އިތުރުވަމުން އައީ ރައްޔިތުން އުއްމީދު ވެސް ނުކުރާ ފަދަ ހަލުވި ދުވެލީގައި ކަމަށެވެ. ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ފައިސާ ދައުރުވަމުން ދިޔައީ މީގެ ކުރީން ދުވަހަކުވެސް ނުވާހާ ގިނަ އަދަދަކަށް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވައި އަދުރޭ ވިދާޅުވީ ގިނަ މަޝްރޫއުތައް ހިންގި ވަރަކަށް ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ކަމަށެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ބިޔަ މަޝްރޫއުތަކުގެ ސަބަބުން ކޮންމެ ރައްޔިތަކު ވެސް ކުރާނެ މަސައްކަތެއް އެއިރު އޮތް ކަމަށެވެ. "އޭގެ ސަބަބުން ރައްޔިތުން އުޅެމުން އައީ ވަރަށް ފުދުންތެރިކަމާއެކު އުފާ ފާގަތި ދިރިއުޅުމެއް. އެ ހުރިހާ ކަމެއް މިއަދު މިވަނީ ހުއްޓިފަ. ތަރައްގީގެ މަޝްރޫއުތަކެއް ނުހިނގަ. ބޭރުގެ އިންވެސްޓަރުންނެއް ރާއްޖެއަކަށް ނާދެ. އެހެންވީމަ މަސައްކަތްތެރިން މިއަދު މި ތިބީ ހުއްޓުމަކަށް އައިސްފަ. އޭގެ ސަބަބުން ރައްޔިތުން އެ ތިބެނީ ވަރަށް ބޮޑަށް ފަގީރުވެފަ،" އަދުރޭ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަސް އަހަރު ތެރޭގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ އަކީ އިސްސާނުންގެ ބުއްދިއަށް ގަބޫލު ކުރަން ނުކުޅަދާނަވާ ވަރުގެ ތަރައްގީއެއް ކަމަށެވެ. އެހެންކަމުން މުޅި ގައުމު އެދި ގޮވަނީ ރައީސް ޔާމީންގެ ހިދުމަތަށް ކަމަށެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކުރައްވައި އަދުރޭ ވިދާޅުވީ ގައުމު މިހާރު މި އޮތް ހާލަތުން، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިތުމަށްފަހު، ޔާމީނަށް ކުރިމަތިވާނެ ގޮންޖެހުންތައް އަންދާޒާ ކުރަން ވެސް ނޭނގޭ ކަމަށެވެ. އަދުރޭ ވިދާޅުވީ އިންޑިއާއާއެކު ރާއްޖެއިން ހަދާފައިހުރި، އެއްބަސްވުން ތަކުގައި ހުރީ ކޮން ފަދަ ނުރައްކާތެރި ވާހަކަތަކެއް ކަމެއް ނޭނގޭ ކަމަށާއި އެއީ ވެސް ކުރިމަތިލާން ޖެހޭނެ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ރާއްޖެއިން ހަރަދުކުރަން ޖެހުނީ 320 މިލިއަން ޑޮލަރު ކަމަށާއި އެހެނަސް އިންޑިއާއަށް މި ސަރުކާރުން ދީފައިހުރި ތަންތަން އަނބުރާ ހޯދުމަށް ޓަކައި ދައްކަން ޖެހޭނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ވެސް ނޭނގޭ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު، ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. "މިއަދަކު ނޭނގެ ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލާފަ އޮތީ ރާއްޖޭގެ ކިހާ މިންވަރެއް ކަމެއް. އޭގަ ހުރީ ކޮންކަހަލަ ވާހަކަތަކެއް ކަމެއް. ދިވެހިންނަށް އަނބުރާ އެ ހޯދޭނެ މަގުތަކެއް ފަހިވެފަ އޮތް ކަމެއް. އެކަމަކު އެ ގޮންޖެހުންތަކާ ކުރިމަތި ލައިގެންވެސް ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދައިދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމިން،" އަދުރޭ ވިދާޅުވިއެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު ވެސް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ކުރިން މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ