ރައްޔިތުން ވަކި ދިމާލަކަށް ގެންދަން މިސަރުކާރުން މަސައްކަތެއް ނުކުރާނެ: ނައިބު ރައީސް

ރައްޔިތުންނަށް މަޖުބޫރުވާފަދަ ގޮތަކަށް ކަންކަން ކޮށްގެން ވަކި ދިމާއަކަށް ރައްޔިތުން ގެންދިއުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ސީޓީ ސްކޭންގެ ޚިދުމަތާއި މެމޮގްރަފީގެ ޚިދުމަތާއި އޯޕީޖީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކަންކަން ކޮށްގެން ވަކި ދިމާއަކަށް ރައްޔިތުން ގެންދިއުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި މި ސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރަނީ އެބަޔަކު ދިރިއުޅޭ އަތޮޅުގައި ނުވަތަ ރަށެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްކަން ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސިއްހީ ހިދުމަތްތައް ލާމަޒުކަޒުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސީޓީ ސްކޭންގެ ހިދުމަތަށް ބަލާލިނަމަވެސް ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި މާލެ ފިޔަވައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 3000 ވަރަކަށް މީހުންނަށް މި ހިދުމަތް ލިބިދީފައިވާކަމުގައެވެ. އަދި މި ހިދުމަތްތަކަކީ މީގެ ކުރިން ބޮޑު ހަރަދުކޮށްފައި މާލެ އައިސްގެން ނޫނީ ނުލިބޭ ހިދުމަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ފައިސަލްވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ހިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި އެ ހިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް ފަށައި ބޭނުންކުރަން ފަށާފައި ވަނީ 02 އޮކްޓޫބަރު 2021 ގައެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުން 45 ސީޓީ ސްކޭން ހަދާފައިވެއެވެ. މީގެ އިތުރުން މިހާތަނަށް އެ ހޮސްޕިޓަލުން 03 މެމޮގްރަފީ އަދި 95 އޯޕީޖީގެ ހިދުމަތް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ