ހުޅަނގުން ހިފަހައްޓާފައިވާ އަފްޣާން ފައިސާ އެގައުމަށް ހޯދައިދިނުމަށް އިސްލާމީ ގައުމުތަކުން މަސައްކަތްކުރަނީ

ކުއާލަލަންޕޫރު (ޑިސެމްބަރު 20): ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ހިފެހެއްޓުމާ ގުޅިގެން އަފްޣާން ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނޑަށްޖެހެމުގެ މައްސަލާގައި އެގައުމަށް އެހީވުމަށް އިންސާނީ ޓްރަސްޓް ފަންޑެއް ހުޅުވުމަށް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިފިއެވެ. އިއްޔެ ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވި މިބައްދަލުވުމުގައި "އޯއައިސީ"ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ނިންމަވާފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ދަށުން މިފަންޑް ހިންގާގޮތަށެވެ. މީގެއިތުރުން ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ހޯދޭނެގޮތެއްވޭތޯ އދ. ގެ ނިޒާމުގެ ތެރެއިން އިސްލާމީ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށްވެސް "އޯއައިސީ" ބައްދަލުވުމުން ނިންމިއެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަފްޣާނިސްތާނުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ ހިފަހައްޓާފައިވަނީ އެގައުމުގެ ވެރިކަމަށް ތާލިބާން ޖަމާއަތް އައުމާ ގުޅިގެން ތާލިބާން ޖަމާއަތަށް ފިއްތުންތައް ކުރިމަތިކުރުމުގެ ހަރުކަށި ސިޔާސީ މަގްސަދުގައެވެ. މިފައިސާ ނުލިބިގެން އަފްޣާން ރައްޔިތުން ބަނޑަށް ޖެހި ހައިހޫނުކަމުގައި އޭގެތެރެއިން އެތައް ބަޔަކު މަރުވި ނަމަވެސް އެމެރިކާއާއި ޔޫރަޕް އޮތީ ތާލިބާނުންގެ ކިބައިން ހާސިލްކުރަން ބޭނުންވާ ސިޔާސީ މަގްސަދު ހާސިލްވުމުގެ ކުރިން އަފްޣާން ސަރުކާރުގެ ފައިސާ ނުދޫކުރުމުގެ ވިސްނުމުގައެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އޯއައިސީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ "އޯއައިސީ" ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނެރުނު ބަޔާނުގައި އަފްޣާން ސަރުކާރުގެ ފައިސާ ސިޔާސީ ބޭނުމުގައި ހިފަހައްޓާފައިވާ ގައުމުތަކަށް ގޮވާލާފައިވަނީ އަފްޣާން ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި އެފައިސާ ދޫކޮށް ދިނުމަށެވެ. އަދި އަފްޣާނިސްތާން މިހާރުއޮތް އިގްތިސާދީ ނިކަމެތި ހާލަތުން އެގައުމު ސަލާމަތްކުރުމަށް ޓަކައި އެގައުމުގެ އަމިއްލަ މާލީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު އެގައުމުގެ ސަރުކާރަށް ދިނުމަށެވެ. އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުގެ ހަތް ބިލިއަން ޑޮލަރުގެ ފައިސާ އެގައުމަށް ނުދީ ހިފަހައްޓާފައިވާ ގައުމުތަކުގެ ތެރޭގައި ގިނައީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކެވެ. "އޯއައިސީ" ގެ ގައުމުތަކުން ތާލިބާންގެ ސަރުކާރު ގަބޫލުނުކުރި ނަމަވެސް، ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި އަފްޣާން ސަރުކާރުގެ ފައިސާ ހިފަހެއްޓުންފަދަ ލާއިންސާނީ ހަރުކަށި ވިސްނުން "އޯއައިސީ" ގެ ގައުމުތައް ނުގެންގުޅެއެވެ. ތާލިބާނުންނަކީ ހަރުކަށި ބަޔަކަށް ވެފައި އެއީ އަފްޣާން ވެރިކަމަށް އެންމެ ރަނގަނޅު ޖަމާއަތްކަމަށް ނުވިނަމަވެސް އަދި ތާލިބާނުންގެ ހަރުކަށި ސުލޫކަކީ އަފްޣާނިސްތާނަށް އެންމެ ރަނގަނޅު ސުލޫކަށް ނުވިނަމަވެސް އެއީ އަފްޣާން ރައްޔިތުން ހާލުގައި ޖައްސަންޖެހޭނެ ކަމެއް ނޫންކަމަށް އޯއައިސީގެ ގައުމުތައް ދެކެއެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. މި ބައްދަލުވުމުގައި ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރް ޚާން މުއްތަޤީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އދ. ބުނާގޮތުން އަފްޣާން ރައްޔިތުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިމީހުންވަނީ ބަނޑަށް ޖެހުމުގެ މަގުމަތީގައެވެ. އަދި ބައެއް ސަރަހައްދުތަކުގެ ރައްޔިތުން މިހާރުވެސް ގެންދަނީ ހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ. އެމެރިކާގެ އިސްތިއުމާރީ ބާރުތައް އަފްޣާނިސްތާނުން ބޭރުކޮށްލުމުގައި ތާލިބާނުން ކާމިޔާބު ހޯދިނަމަވެސް އަފްޣާން ރައްޔިތުން ނިސްބަތްވާ ހުރިހާ ނަސްލުތަކާއި ދީންތަކާއި މަޒުހަބުތަކެއްގެ މީހުން ޝާމިލްވާގޮތަށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމުގައި ތާލިބާން ވަނީ ނާކާމިޔާބުވެފައެވެ. ތާލިބާނުން ވެރިކަމަށް އައުމާއެކު އަފްޣާނިސްތާނުގެ ހަނގުރާމަވަނީ ނިމުމަކަށް އައިސްފައެވެ. މިއާއެކު އަފްޣާނިސްތާނުގައިވަނީ ސުލްހަ ގާއިމް ކުރެވިފައެވެ. މި ހާލަތުގައި އަފްޣާނިސްތާނަށް އިގްތިސާދީ ގޮތުން އެކަށީގެންވާ އެހީފޯރުކޮށްދެވިއްޖެނަމަ އެގައުމުގެ ހާލަތު ރަނގަޅުވެ ހަމަޖެހުން ގާއިމް ކުރެވޭނެކަމަށް ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ