އުންމީދަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރި އަށް ރެޑްވޭވް ހެދުން - ޝުޖާޢު

އުންމީދަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރި އަށް ރެޑްވޭވް ހެދުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުން ހިތް ހަމަޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށް، ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝުޖާޢު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދިޔަ ރެޑްވޭވް ރޯދަ ސޭލް ޕްރޮމޯޝަންގެ ނަޞީބުވެރި ފަރާތްތައް ހޮވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޝުޖާޢު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރެޑްވޭވްގެ ވިޔަފާރިތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި ކަސްޓަމަރުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާ އަބަދުވެސް ބަލައިގަންނަ ކަމަށެވެ.
"ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅުގަނޑުމެންގެ އައުޓްލެޓްތައް ހުޅުވުމަށް މަސައްކަތް ކުރަމުން މިދަނީ،. އެންމެ ބޮޑަށް ޖާގައިގެ ދަތިކަން ދިމާވަނީ. މިސާލަކަށް، މާލޭގައި ގުދަންކޮށްގެން ތަކެތި ރައްކާކުރުމުގައި ދަތިތަކެއް އެބަ ހުރޭ ޖާގަ ނުލިބޭތީ. އެހެންވީމަ، ގުދަންތައް އެސްޓާރބްލިޝް ވީމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މުޅި ރާއްޖެއަށް މި ވިޔަފާރި ފުޅާކުރާނަން." ޝިޖާޢު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާޢު ވިދާޅުވީ، ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ލޯޔަލްޓީ ކާޑު ތަކެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، އޭގެ ޒަރީއާއިން އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޑިސްކައުންޓް ތަކެއް ލިބޭނެ ކަމަށެވެ.
"އިދާރާކުރެއްވިއްޔާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން އަޅުގަނޑުމެން ހަދާނަން ލޯޔަލްޓީ ކާޑްސް ތަކެއް، އެއީ އަޅުގަނޑުމެންގެ އައުޓްލެޓްތަކުން ޤަވާއިދުން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކުރާ ކާޑެއް، އޭގެ ޒަރީއާއިން އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޑިސްކައުންޓް ތަކެއް ލިބޭނެ. ދެން ސީއެސްއާރު ހިމެނޭ ކަންކަން އަޅުގަނޑުމެން ކުރިއަށްގެންދާނަން. އޭގެ ފައިދާ އިރާދަކުރެއްވިއްޔާ ފެންނާނެ." ޝުޖާޢު ވިދާޅުވިއެވެ.
ރެޑްވޭވަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ، އަދި ގިނަ ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ ކާމިޔާބު ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ