މުސްލިމެއް ދެކެ ލޯބިވާތީ ސުނައިނާ ރޯޝަން އަށް އާއިލާއިން އަނިޔާ ކުރަނީ؟

ކާމިޔާބު އެކްޓަރު ރިތިކް ރޯޝަންގެ ދައްތަ، ސުނައިނާ ރޯޝަން އަށް އޭނާގެ އާއިލާގެ ފަރާތުން ޖިސްމާނީ އަނިޔާ ކުރަމުން އަންނަ ކަމަށް ބަތަލާ ކަންގަނާ ރަނައުތުގެ ދައްތަ ރަންގޯލީ ތުހުމަތު ކޮށްފި އެވެ. ރަންގޯލީ ކުރި ޓުވީޓުތަކެއްގައި ބުނެފައި ވަނީ ރިތިކް އާއި އޭނާގެ އާއިލާއިން ސުނައިނާއަށް އަނިޔާ ކުރަމުން އަންނަނީ ސުނައިނާ މުސްލިމް ފިރިހެނެއް ދެކެ ލޯބިވާތީ ކަމަށެވެ. އަދި އެހީތެރިކަމަށް އެދި ސުނައިނާ ކަންގަނާއަށް ފޯނުކޮށް ރޮއެ ހަދާކަމަށެވެ. ރަންގޯލީ ބުނެފައި ވަނީ އަންހެން ފުލުހެއްގެ އިތުރުން ސުނައިނާގެ ބައްޕަ ރާކޭޝް ރޯޝަން ވެސް ސުނައިނާ ގައިގައި ޖަހާ އަނިޔާކޮށްފައި ވާކަމަށާއި، ސުނައިނާ ޖަލަށް ލުމަށް ރިތިކް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ސުނައިނާގެ ނުރައްކާތެރި އާއިލާއިން އޭނާއަށް ބޮޑު ގެއްލުމެއް ދީފާނެތީ އަހަރެން ބިރުގަނޭ. ސުނައިނާ ކޮންމެ ދުވަހަކު ކަންގަނާ އަށް ގުޅައިގެން ރޮއޭ އެހީ އަކަށް އެދި. ކަންގަނާ އަކަށް ނޭނގެ އެހީވާނެ ގޮތެއް. އެހެންވެ މިކަން މި ހާމަކުރަނީ،" ރަންގޯލީ ކުރި ޓުވީޓުގައި ބުނެފައިވެ އެވެ. ސުނައިނާގެ ވާހަކަ ހާމަކުރުމުން ރާކޭޝް އާއިލާއިން އިތުރަށް ސުނައިނާއަށް އަނިޔާ ކުރަން ފަސްޖެހޭނެ ކަމަށް އުންމީދު ކުރާ ކަމަށް ރަންގޯލީ ބުންޏެވެ. ރަންގޯލީ މިފަދަ ޓުވީޓުތަކެއް ކޮށްފައި މިވަނީ ކަންގަނާ އާއި ރިތިކްގެ ކޯޅުމުގައި އޭނާ ކަންގަނާއަށް ތާއީދު ކުރާ ކަމަށް ބުނިތާ އެއް ދުވަސް ފަހުންނެވެ. ސުނައިނާ ވަނީ އާއިލާ ތެރޭގައި މައްސަލަތަކެއް އުފެދި، އޭނާއަށް އުޅެން ޖެހިފައި ވަނީ "ނަރަކަ" އެއްގައި ކަމަށް ބުނެފަ އެވެ. ސުނައިނާ ބުނީ 18 ވަރަކަށް ދުވަހު ކޮޓަރިއެއް ކުއްޔަށް ހިފައިގެން ހުރުމަށް ފަހު އަލުން ގެއަށް ދިޔަ ނަމަވެސް، އެއްވެސް މީހަކު އޭނާ އާއި ވާހަކަ ނުދައްކާ ކަމަށާއި، އެއްވެސް މެމްބަރެއްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. ރޯޝަން އާއިލާ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ ސާފު ނުވި ނަމަވެސް، ރިތިކްގެ ކުރީގެ އަނބިމީހާ ސުޒާން ވެސް ވަނީ މައްސަލަތަކެއް އުޅޭކަން ޔަގީން ކޮށްދީފަ އެވެ. އަދި އެފަދަ ދަނޑިވަޅެއްގައި "ބަޔަކު" އެކަމުގެ ނާޖާއިޒް ފައިދާ ނަގަން މަސައްކަތް ކުރާ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ