ސާބިޔާގައި ނޭޓޯއާ ދެކޮޅަށް މުޒާހަރާކޮށްފި

ހުޅަނގުގެ ޤައުމުތައް ގުޅިގެން އެކުލަވާލާފައިވާ ޢަސްކަރީ އިއްތިހާދު ނޭޓޯ އިން ސާބިޔާއަށް ވައިގެ ހަމަލާތައް ދިންތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސާބިޔާގެ ރައްޔިތުން ބެލްގްރޭޑްގައި ނޭޓޯއާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ. 1999ވަނަ އަހަރު ނޭޓޯގެ ވައިގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ސާބިޔާއަށާ މޮންޓިނީގްރޯގެ ތަންތަނަށެވެ.
ޔޫގޯސްލާވިޔާގެ ގުޅިފައިވާ އިއްތިހާދުން ކްރޮއޭޝިޔާ އާއި ބޮސްނިޔާ ވަކިވެ މިނިވަން ދައުލަތްތަކަށް ވުމުން ކޮސޮވޯގެ ރައްޔިތުން ވެސް ވަނީ މިނިވަންވުމުގެ ޙަރަކާތްތައް ފަށާފަ އެވެ. ނަމަވެސް އޭރު ސާބިޔާގެ ރައީސްކަމުގައި ހުރި ސްލޮބޮޑޯން މިލޮސޮވިޗް ވަނީ ކޮސޮވޯއަށް މިނިވަންކަންދޭން ދެކޮޅުހަދައި އެ ޤައުމާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފަށާފަ އެވެ. ސާބިޔާ އިސްވެ އޮތް ޔޫގޯސްލާވް ފެޑެރޭޝަންއާ ދެކޮޅަށް ނޭޓޯއިން ވައިގެ ހަމަލާތައް ދޭންފެށީ ކޮސޮވޯގެ ރައްޔިތުން ހިމާޔަތްކުރުމުގެ ގޮތުންކަމަށް ނޭޓޯއިން ވަނީ ބުނެފަ އެވެ. އިއްޔެ ބެލްގްރޭޑްގައި މުޒާހަރާކުރި މީހުން ވަނީ ނޭޓޯއާ ދެކޮޅަށް ތަފާތު ޝުޢޫރުތަކާއި ޝިއާރުތައް ފާޅުކޮށްފަ އެވެ. ނުރުހުން ފާޅުކުރުމުގެ ގޮތުން ސާބިޔާގެ ރައްޔިތުން ގޮވަމުންދިޔައީ އެޤައުމުގައި ހުރި ނޭޓޯގެ އޮފީސް ބަންދުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ