ސީ.އެމް.އެސް ގައި ރާއްޖެއިން ބައިވެރިވުމާއިމެދު ގޮތެއް ނިންމެވުމަށް މަޖިލީހަށް ފޮނުއްވަނީ

ސީ.އެމް.އެސް ގައި ދިވެހިރާއްޖެ ބައިވެރިވުމާއިމެދު ގޮތެއް ނިންމެވުމަށް މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް، (ސީ.އެމް.އެސް)" އެވެ.
ބައިނަލްއަޤްވާމީ ގޮތުންނާއި ދިވެހިރާއްޖޭގެ ގައުމީ ފެންވަރުގައިވެސް ރައްކާތެރިކޮށް ހިމާޔަތްކުރުން މުހިއްމު، ސީ.އެމް.އެސް ގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، ވެލާކަހަނބާއި، ދޫންޏާއި، ކޯމަހާއި، ބޮޑުމަހާއި، މަޑީގެ ބާވަތްތަކެއްވެސް ހިމެނެއެވެ.
ސީ.އެމް.އެސް ގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ގޯލް 14(ފެނުއަޑީގެ ދިރުން)، 15(އެއްގަމުގެ ދިރުން) އަދި 17(ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެންގެ ބައިވެރިވުން) ހާސިލްވުމަށް މަގުފަހިވެގެންދިޔުމާއި، ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން 2016 – 2025 ގެ ދަށުން އެކުލަވާލެވިފައިވާ ބައެއް އަމާޒުތައް ހާސިލްވެގެންދިޔުން ހިމެނެއެވެ. މީގެއިތުރުން މި ދިރުންތައް ހިމާޔަތްކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ވެސް ގިނަގުނަ ފައިދާ ތަކެއް ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ