ފުރިހަމަ އާބިޓްރޭޝަންގެ ނިޒާމެއް ގެންނަން ދިރާސާ އެބަ ކުރަން: އޭޖީ

އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރިހަމަ ޑިސްޕިއުޓް ރިޒޮލިއުޝަން އަދި އާބިޓްރޭޝަންގެ ނިޒާމެއް ގެނައުމަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާ ކުރަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރިފްއަތު އެގޮތަށް ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑު މެމްބަރުންނާ އެކު ހޮންކޮންގްގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އޭނާ މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިފްއަތު ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށްޓަކައި ސިޔާސީ ހަމަޖެހުން ގެނައުމާއި ވިޔަފާރީގެ މައްސަލަތައް އެކަށީގެންވާ ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމެއް އޮތުން މުހިންމު ކަމަށެވެ. އަދި އެފަދަ ނިޒާމެއް ތައާރަފްކޮށް، އެ ނިޒާމު ބޭނުންކުރަން ބާރު އެޅުމަށް ވަގުތުތަކެއް ނަގާނެ ކަމަށާއި ސަރުކާރުން ތިބީ އެކަމަށް މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
"އިންވެސްޓްމަންޓްތައް ހިމާޔަތް ކުރެވޭނެ ގޮތަށް، އަވަސް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމެއް ގެނައުމަށް ސަރުކާރުން މިގެންދަނީ މިހާރު އޮތް ލެޖިސްލޭޓިވް ފްރޭމްވޯކް ރިވިއު ކުރަމުން،" ރިފްއަތު ވިދާޅުވެފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ކުރިއަށް ގެންދާ އެ ޒިޔާރަތުގައި ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ކަމަށް ދާދިފަހުން އައްޔަން ކުރެއްވި ވަކީލް ޝަހުދީ އަންވަރާއި އެ ބޯޑުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވާ ވަކީލް ހުސައިން ސިރާޖް އަދި ވަކީލް ސަފާ ޝަރީފް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ