ޑަބްލިއުޓީއޯގެ ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމުގައި ސޮއިކުރަނީ

"ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން" އެއްބަސްވުމުގައި ސޮއި ކުރުމަށް ކެބިނެޓުން ލަފާދީފައިވާތީ، އެކަމާމެދު މަޖިލީހުގެ ލަފާ ހޯދުމަށް މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. މިގޮތަށް މި ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމަކީ، ވިޔަފާރި ކުރުމުގައި ވިޔަފާރިވެރިންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ގާނޫނުތަކާއި ގަވައިދުތަކާއި ޕްރޮސީޖާތައް ބަޔާންކުރުމަށް އަދި އެގޮތަށް މެންބަރު ގައުމުތަކުން ޢަމަލު ކުރުމަށް މަގުފަހި ކުރުމަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މަގުސަދަކީ މުދާ ކްލިއާ ކުރުމާއި، ރިލީސް ކުރުމާއި، މުދާ ޓްރާންސިޓް ކުރަންޖެހޭ ހާލަތްތަކުގައި، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި، ގައުމުތަކުގެ ކަސްޓަމްސްއާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޓްރޭޑް ފެސިލިޓޭޓްކުރުމަށް މަސައްކަތް ކުރުމާއި، އިމްޕޯޓް އެކްސްޕޯޓް މަރުޙަލާގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި ކަސްޓަމްސް ކޮމްޕްލަޔަންސް ހަރުދަނާ ކުރުމެވެ. މި މަގުސަދުތައް ހާސިލް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުން، ވިޔަފާރީގެ މުޢާމަލާތްތަކުގެ ނުވަތަ ޓްރާންސްސެކްޝަންތަކުގެ ހަރަދުތަކާއި އާންމުން ހިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ނިސްބަތުން ކުޑަކުރެވި، ވިޔަފާރި ކުރުމުގައި ފަހި މާޙައުލެއް ގާއިމް ކުރެވޭނެއެވެ. މި އެއްބަސްވުމުގެ ދަށުން، މުދާ ކްލިއަ ކުރުން އަވަސްވުމާއި، ބޯޑާ އެޖެންސީތަކުގެ ގުޅުން ބަދަހި ވުމާއި، ވިޔަފާރިވެރިންނަށް މިކަމުން ލިބިގެންދާ ލުއިފަސޭހަތަކާއި ވިޔަފާރި ކުރުމުގެ ހަރަދުތައް ކުޑަވެ، އެ ގައުމަކުން އަގުހެޔޮކޮށް މުދާ ގަންނަން ލިބުމާއި އެ ގއުމަކުން މުދާ އެކްސްޕޯޓް ކުރުން ފަސޭހަވެ، އެކްސްޕޯޓް ކުރެވޭ މުދާ އިތުރުވެ ގައުމުގެ އުފެއްދުންތެރިކަމަށް ހެޔޮ ބަދަލު އަންނާނެއެވެ. ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި އެއްބަސްވުމުގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖްރާޢަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ