ބަޖެޓުގެ ކަންކަމާއި ގުޅޭ ބައެއް ކަންތައްތަކަށް ބަދަލު ގެނެސްފި

ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަން ސިސްޓަމް ބޭނުންކުރަން ފެށުމާއެކު ދައުލަތުގެ ބަޖެޓާ ގުޅޭ ކަންކަމުގައި އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް ފިނޭންސް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ބަޖެޓު މެނޭޖްކުރުން ހަރުދަނާކުރުމުގެ ގޮތުން ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަން (ބީ.ޕީ.ސީ) ސޮފްޓްވެއަރއާއި ދައުލަތުގެ ހިސާބު ބަލަހައްޓަން ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރ އެ.ސް.އޭ.ޕީ އިންޓަރގްރޭޓްކޮށް ބީ.ޕީ.ސީ ސިސްޓަމް ލައިވް ކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ބީ.ޕީ.ސީ ސިސްޓަމް ބޭނުންކުރަން ފެށުމާއިއެކު ދައުލަތުގެ އޮފީސްތަކުން ބަޖެޓް އެކުލަވާލައި، ބަޖެޓަށް ބަދަލު ގެނައުމާއި، އަހަރުގެ ކޭޝްފްލޯ އަންދާޒާ ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.
އެގޮތުން ބީ.ޕީ.ސީ ސިސްޓަމް ލައިވްވުމާއެކު އަހަރުތެރޭގައި ދައުލަތުގެ އޮފީސްތަކުން ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ކޭޝްފްލޯ އަންދާޒާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ރިކުއެސްޓްތައް ހުށަހަޅާނީ ބީޕީސީ ސިސްޓަމް މެދުވެރިކޮށްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބީ.ޕީސީ ސިސްޓަމް ލައިވްވުމާއި ގުޅިގެން ބަނޑޭރި ޕޯޓަލްއިން ރިކުއެސްޓްތައް ބަލައިގަތުން ހުއްޓާލާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ބީޕީސީ ސިސްޓަމް ލައިވް ނުކުރެވޭ އިދާރާތަކުން ބީ.ޕީ.ސީ މެދުވެރިކޮށް ކުރަންޖެހޭ ބަޖެޓާއި ގުޅޭ ކަންކަން ބަލަހައްޓާނީ އެއިދާރާގެ ކަންކަން ބަލަހައްޓާ މަސްއޫލުވެ ޒިންމާވާ އޮފީހަކުންކަމަށެވެ. އަދި ސިސްޓަމަށް ނުވަދެވޭ ކައުންސިލްތަކުން ބަޖެޓް ކަންކަމާއި ގުޅިގެން ފޮނުވާ ރިކުއެސްޓްތައް ސިސްޓަމަށް އެންޓަރ ކުރުމަށް ފޮނުވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ބަޖެޓް ކޯޑްތަކުގެ ބާކީ ބަލަހައްޓާއިރު އަމަލުކުރާ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މިސިސްޓަމް ބޭނުން ކުރަން ފެށުމުން، ކޭޝްފްލޯ އަންދާޒާ ބަދަލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާކަށް ނުޖެހޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ