ފުޅިފުޅު

އެދުވަސްވަރު ޕުލާސްޓިކު ފުޅި ވަރަށް މަދުވާނެ އެވެ. ހުއްޓަސް ހުންނާނީ ބިއްލޫރިފުޅި އެވެ. ވަކިން ހާއްސަކޮށް ކުދިފުޅި އަމުދުން ވެސް ނުގެންގުޅެ އެވެ. އޭރު އަހަންނަކީ ހަސްފަތާލުގެ ލެބޯޓަރީގައި އެކި އެކި ޓެސްޓުތައް ހަދަންއުޅުނު އެކަކީމެވެ. ދަސްކުރާ ޖަހައިގެން ކަމުގައި ވިޔަސް އެތާނގައި ޒިންމާދާރުވެ މަސައްކަތްތައް ކުރަން ޖެހެ އެވެ. އަހަރެމެންގެ ވަރުން ކުޅާއި ކުދަކަމު އަދި ބޮޑުކަމުނަޖިސް ޓެސްޓުކޮށް އޭގެ ނަތީޖާ ތައްޔާރުކުރަމުން ގެންދެވެ އެވެ. އެދުވަސްތަކުގެ ހަނދާނެކެވެ. އަތިރީގޭއާގޭ އަހުމަދު ޙިލްމީ ވަރަށް އާލާސްކަންފުޅާވެ ހަސްފަތާލުން ފަރުވާހޯއްދަވަނީ އެވެ. ޑަކުޓަރު ބޭނުންވީ ޙިލްމީގެ ބޮޑު ކަމުނަޖިސް ޓެސްޓުކުރާށެވެ. އޭނާ އެސިޓީގައި ލިއެފައި އޮތީ "އެމީބާ" އޭ ކިޔާ ވައްތަރުގެ ފަނިހުރިތޯ ޓެސްޓު ކުރުމަށެވެ. ސިޓީ ގެނައިމާ ގެނައި މީހާގާތު ކަންކަން ކުރަންވީ ހުރިހާ ގޮތެއްކިޔައިދީފައި ފޮނުވާލީ އެވެ. އެއީ މާދަމާ ހެނދުނުގެ ނަޖިހުން ކުޑަ އެތިކޮޅެއް ސާފުތާހިރު ފުޅިއަކަށް ލައިގެން ގެނައުމަށެވެ. ކިއައިދިން ގޮތަށް ހެނދުނު ނަޖިސްގެނަ އެވެ. ވަރަށް ރީތި މަޑުފިޔާތޮށިކުލައިގެ ޕުލާސްޓީކު ކުޑަ ފުޅިއެއްގަ އެވެ. އެޔަށް ހަދަންވީ ގޮތް ހަދައި އެ ނަޖިސް ޓެސްޓުކޮށް ރިޕޯޓުތައްޔާރުކުރީ ހާއްސަ ބޭފުލެއްވީމާ ވަރަށް ހާއްސަ އަވަސްމިނެއްގަ އެވެ. އިސްބޭފުޅެއްގެ ގޮތުގައި އިންނަވާ އަންވަރު ހިލްމީ އޭގައި ސޮއިކޮށް ދެއްވުމުން އެ ގެންގޮސް ޑަކުޓަރު ކޮޓަރިއަށް ލީ އެވެ. ލެބޯޓަރީން ކުރަން ޖެހޭ ހުރިހާ ކަމެއް އެހިސާބަށް ނިންމާފަ އެވެ. އޭގެ ދެ ދުވަސްފަހެވެ. މާ ނުވަގުތެއްގައި އިސް ވެރިޔާ އަންވަރު ހިލްމީ ވަޑައިގެން ޓެސްޓުތައް ހަދާބަޔަށް ވެދެވަޑައިގަތެވެ. އަދި ހިތްޕުޅުހަމަ ޖެހިވަޑައި ނުގެންފައި ހުންނެވި އަޑުފުޅަކުން އެއްމެނާ މުހާތަބު ކުރައްވައި ވިދާޅުވި އެވެ. "އިހަކަށް ދުވަހު އަތިރީގެ އާގޭން ހިލްމީގެ އައްޗިކޮޅު އަޅައިގެންގެނައި ފުޅިފުޅު ކޮބައިތަ؟" އިރުކޮޅެއްވަނދެން އެކަކުއެކައްޗެކޭ ވެސް ނުބުނެ ހަނުތިބުމުން އަންވަރު ވަރަށް ކޯފާ އިސްކުރަށްވައި ފިސާރިބާރަށް "ކަލޭމެން ބީރީތަ؟" އޭ ވެސް ވިދާޅުވީ އެވެ. އެވަގުތު ޖަވާބު ދެންނެވުނެވެ. "އެފުޅިފުޅުގެ ފޫފުޅުގައި ފެހިފުޅުގައި ހަޑިފުޅުވެގެން އެއްލައިލީ އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ