ނެއިބަރހުޑް ޕޮލިސް: ރައްޔިތުން ބަލައިގަތް ޚިދުމަތެއް

ރަށުތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމުގެ ގޮތުން ނެއިބަރހުޑް ޕޮލިސް ތައާފަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރެއިންނެވެ. މި ޚިދުމަތް ތައާރަފުކުރެވުނީ 17 ޑިސެމްބަރު 2018 ގައެވެ.
ނެއިބަރހުޑް ސަޕޯޓު އޮފިސަރުންގެ ޚިދުމަތް މާލެ ސަރަހައްދަށް ތައާރަފުކުރެވި، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާލެ ސަރަހައްދު އަށް ބަޔަކަށް ބަހާލިއެވެ. އެގޮތުން މާލެ ހަތަރު ބަޔަކަށް، ހުޅުމާލެ ތިން ބަޔަކަށް އަދި ވިލިމާލެއަށް ވަކިން ޚިދުމަތް ދޭން ނިންމިއެވެ.
ޚިދުމަތް ތައާރަފުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ގޭބިސީތަކާއި، އެ އޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި އެސަރަހައްދުތަކުގެ އާންމު މައުލޫމާތު އޮޅުންފިލުވާނެ ކަމަށެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްއްލު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ރައްޔިތުންނާ ގުޅިގެން ރައްޔިތުންނަށް އަމާން ވެށްޓެއް ގާއިމުކޮށްދިނުމަށް ތައާރަފުކުރެވުނު މި ޚިދުމަތަށް މިހާރު މިވަނީ އަށްމަސް ދުވަސް ވެފައެވެ. މި މުއްދަތުގެ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވި، މިއީ ކާމިޔާބު ޚިދުމަތަކަށް ހެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވީޓީވީގެ "ތަފުސީލު" ޝޯވގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހާމިދާ އަބްދުލް އަލީމް ވިދާޅުވީ ނެއިބަރހުޑް ޕޮލިސް ތައާރަފުވި ދުވަހުން ފެށިގެން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. ފުލުހުންނަށް ކުރިން އެނގިފައި ނެތް މުހިންމު އެތައް މައުލޫމާތެއް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. މި ޚިދުމަތް ތައާރަފުކުރެވުމާއެކު ގޭގެއަށް ޒިޔާރަތްކޮށް، ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކޮށް، ރައްޔިތުންނާއެކު އެ ގުޅުން ބަދަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.
ހާމިދާ ވިދާޅުވީ އެންމެ ބޮޑެތި ކަންކަމުން ފެށިގެން ކުދިކުދި ކަންކަމުގައި ވެސް ރައްޔިތުން ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން ކުށްކުށާ ގުޅުންހުރި ކަންކަމާއި ރައްޔިތުންނަށް ދަތިވާ މުނިސިޕަލް ކަންކަމުގައި ވެސް އެހީތެރިކަން ހޯދަމުން އަންނަކަން ހާމިދާ ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި ކުށްތަކާ ގުޅުންހުރި އޮޕަރޭޝަންތަކެއް ވެސް އާންމުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އެހީގައި ހިންގިފައިވާ ކަމަށް ވިދާޅުވިއެވެ.
"ހިއްސާކުރެވޭ ކަންކަމުގައި ފާލަމެއްގެ ގޮތުގައި އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. މިގޮތުން އެހެނިހެން މުއައްސަސާތަކާ ގުޅުންހުރި ކަމެއް ކަމުގައި ވާނަމަ، ކޮންޓެކްޓް ކުރެވޭނެ ގޮތް ފަހިކޮށްދެން. މިސާލަކަށް ވެމްކޯއާ ގުޅުންހުރި ކަމެއްނަމަ، ކޮން ނަމްބަރަކަށްތޯ ގުޅަންވީ، އެމައުލޫމާތުތައް ހިއްސާކުރަނީ. 119 އަކީ ވަރަށް ފަސޭހަ ނަންބަރެއް، ކޮންމެ ކަމެއް ދިމާވިޔަސް ރައްޔިތުންނަށް އެ ނަންބަރަށް ވަރަށް ފަސޭހައިން ގުޅާލާ" ހާމިދާ ވިދާޅުވިއެވެ.
ހާމިދާ ވިދާޅުވީ އާންމުންނާ ގުޅިގެން ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. ކުޑަކުދިންގެ ހަވީރަކާއި، އާންމުންނާ ވާހަކަދައްކާލުމަށް ހަވީރު ވަގުތުގައި ހުރިހާ ފުލުހުން ނުކުމެގެން ވެސް ޕްރޮގްރާމެއް ހިންގުނު ކަމަށެވެ. ހުރިހާ ޕްރޮގްރާމަކަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ރައްޔިތުން ވަރަށް ބޮޑަށް ބަަލައިގެންފައިވާ ކަމަށް ނެއިބަރހުޑް ސަޕޯޓް އޮފިސަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ފެށުނު ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް މިހާރު ވަނީ އަތޮޅުތަކުގެ ރަށްތަކާ ހަމައަށް ވެސް ފުޅާކޮށްފައެވެ. މިގޮތުން އުތުރާއި ދެކުނުގެ ރަށްތަކުގައި މިހާރު ދަނީ މި ޚިދުމަތް ދެމުންނެވެ. ފުލުހުން ބުނީ ނެއިބަރހުޑް ސިޔާސަތު ތައާރަފުކުރުމުގެ މަގުސަދަކީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ދުރުކޮށްދީ، އެސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ގުޅިގެން އަމާން ވެއްޓެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ