އެންމެ ފަހުން ފީފާއިން ވެސް ނިއު ސަސްޕެންޑްކޮށްފި

ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގެ ތެރޭގައި ވެސް ނިއުރޭޑިއަންޓް ސްޕޯޓް ކުލަބަށް ކުޅުންތެރިން ނުގެނެވޭނެ ކަމަށް އަންގައި އެކުލަބް ސަސްޕެންޑްކުރަން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި ޖަމިއްޔާ (ފީފާ) ނިންމައިފި އެވެ.
ފީފާއިން މިގޮތައް ނިންމީ މިދިޔަ ސީޒަންގައި ނިއުއަށް ކުޅުނު އަފްގާނިސްތާނުގެ ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ، އޭނާއަށް ދިނުމަށް މިދިޔަ ފެބުރުއަރީ މަހު ފީފާ އިން ދިން މުހުތަލުގައި ވެސް ފައިސާ ދައްކާފައިނުވާތީ އެވެ.
އަފްގާނިސްތާން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ހާރޫން އަމީރީގެ މުސާރައިގެ ގޮތުގައި ނިއުއިން ދޭންޖެހޭނެ ކަމަށް ފީފާއިން އެކުލަބަށް އަންގާފައިވަނީ ޖުމްލަ 43380 ޑޮލަރު 45 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެއީ އަމީރީގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި އުސޫލުން ބޭރުން އަމީރީގެ ކޮންޓްރެކްޓް ނިއުއިން ބާތިލް ކުރުމުން ދައްކަން ޖެހޭ 30،130 ޑޮލަރެވެ. އަދި އެފައިސާ ނިއުއިން އަމީރީއަށް އެމުދަތުގެ ތެރޭގައި ފައިސާ ނުދައްކާފި ނަމަ އަދަބު ދޭނެ ކަމަށް ކުރިންވެސް ފީފާއިން ނިއުއަށް އޮތީ އަންގާފައެވެ.
ފީފާއިން ބުނެފައިވަނީ ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑުގައި އެ ފައިސާ އެކުޅުންތެރިޔާއަށް ޖަމާކޮށްފައި ނުވާތީ ކުރިއަށް އޮތް ތިން ތިން ޓްރާންސްފާ މުއްދަތުގައި އެޓީމަށް އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ. އެއީ ދިވެހި އަދި ބިދޭސީ ކުޅުންތެރިން ހިމެނޭ ގޮތަށް ކަަމަށް ވެސް ފީފާއިން ނިއުއަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
ފީފާގެ ސިޓީގައި އިތުރަށް ދެން ބުނެފައި ވަނީ ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑް ފެށުމުގެ ކުރިން އެ ފައިސާ ދައްކައިފި ނަމަ ނިއު ސަލާމަތްވާނެ ކަމަށެވެ.
ވަރުގަދަ ޑިފެންޑަރު ހާރޫން އަމީރީ ނިއުއާ ދެކޮޅަށް ފީފާގައި މައްސަލަ ޖެއްސީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޓީމް ދޫކޮށް ފުރައިގެން ދިއުމަށްފަހުއެވެ. އަމީރީގެ އިތުރުން ނިއުއަށް މިދިޔަ ދެ އަހަރު ނިއުއަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއްގެ މައްސަލަ ވެސް ފީފާއިން ދަނީ ބަލަމުންނެވެ.
އަމީރީ މައްސަލައިގައި ފީފާ އިން ނިއު ސަސްޕެންޑް ކުރިއިރު، އެފްއޭއެމްއިން ވެސް ވަނީ ނިއު ސަސްޕެންޑް ކޮށްފައެވެ. އެފްއޭއެމުން ނިއު ސަސްޕެންޑް ކުރީ ވެސް ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެފްއޭއެމުން ވަނީ ނިއު އިން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމާ އެކު އެ ޓީމަށް ދީފައިވާ ސަސްޕެންޝަން ނަގާނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބުގެ ގޮތުގައި އޮތް ނިއު އަކީ ފުޓްބޯޅަ އިން އެންމެ ގިނަ ކާމިޔާބު ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް ހޯދާފައިވާ ޓީމެވެ. އެޓީމު ވަނީ ގައުމީ މުބާރާތުގެ ފައިނަލްގައި 22 ފަހަރު ކުޅެ، 12 ފަހަރު ކާމިޔާބުކޮށްފައެވެ. އެޓީމު ވަނީ ލީގް ޗެމްޕިއަންކަން އެންމެ ގިނަ އިން ހޯދި ޓީމުގެ ޝަރަފް ވެސް ހޯދާފައެވެ. ހަ ފަހަރު ނިއު އިން ލީގް ހޯދާފައިވާއިރު ބޮޑެތި އެހެން މުބާރާތްތައް އެޓީމު ވަނީ އެތައް ފަހަރަކު ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ