އައު ގާނޫނާއެކު ރައްޔިތުން އެދޭފަދަ ބަދަލު މުއައްސަސާއިން ފެންނާނެ: ސީޕީ

އައު ގާނޫނާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕޮލިސް ލައިފަށް ދީފައިވާ ހާއްސަ އިންޓަވިއުއެއްގައި ސީޕީ ހަމީދު ވިދާޅުވީ، މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަންފެށި ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގެ ދަށުން މުއައްސަސާއަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން މުއައްސަސާގެ ތަރައްގީއަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެ ތަރައްގީތަކާއެކު ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ތަހުޒީބުކަމާއެކު ކުރިއަށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށާ އަދި ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ބައްޓަން ކުރެވިގެން ދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށް ކޮމިޝަނަރަ އޮފް ޕޮލިސް ވިދާޅުވިއެވެ.
"ފުލުހުންގެ މުއައްސަސާއާއި ކަމާބެހޭ ފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތާއެކު ވުޖޫދަށް ގެނެވިފައި މިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނު 34/2020 އަކީ ތަހުޒީބީ ކުލަތައް ފުލުހުންގެ މުއައްސަސާގައި ޖައްސުވައިދޭނެ ގާނުނެއް. ހަމައެއާކު ޒަމާނާއެކު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި އުނދަގޫތައް ނައްތައިލުމަށް މަގުފަހިވެގެންދާނެ. ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ފުލުހުން މަސައްކަތް ކުރަމުންދާއިރު ޒިންމާދާރުކަމާއެކު ޖަވާބުދާރީވުން އިތުރުވެގެންދާނެ."
- ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރަ ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެތިބޭ ތިބުން އިތުރަށް ހަރުދަނާވެ، ތަހުޒީބުވެފައިވާ އެހެނިހެން މުޖުތަމައުތަކުގައިވެސް ފުލުހުން މަސައްކަތް ކުރަމުން އަންނަ ފަލްސަފާ ކަމުގައިވާ ކޮމިއުނިޓީ ޕޮލިސިންގ ނުވަތަ ނެއިބަރހުޑް ޕޮލިސިންގެ ހިދުމަތް އަޅުގަނޑުމެންގެ ދިވެހި ވެއްޓާ އެއްގޮތަށް ބަދަލުކުރެވި އަވައްޓެރި ފުލުހުންގެ ހިދުމަތް އެ ފަލްސަފާގެ މައްޗަށް ވަރަށްބޮޑަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގައި ދެމިތިބި ހުރިހާ މުވައްޒަފުންނަށް މި މަސައްކަތަށް ބޭނުންވާ ގާބިލުކަން އިތުރަށްލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ