މި މަހުގެ 26 ކުރިން ފިނޭންސަށް ޖަވާބެއް ދިނުން މުހިއްމު: ނަޝީދު

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ދީފައިވާ ހުއްދަ އިތުރުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް މި މަހުގެ 26 ކުރިން ޖަވާބެއް ދިނުން މުހިއްމު ކަމަށްް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކުރުމުގެ ބޭނުންތެރިކަން މެމްބަރުން ފާހަގަކުރައްވާ ކަމަށެވެ. [އެކަމަކު] އެ ހުށަހެޅުމާއި މެދު މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޖަވާބއް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފިނޭންްސް މިނިސްޓްރީން މަޖިލީހަށް އިއްޔެ ހުށަހެޅީ ފައިސާ ޗާޕުކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ވަކި ހާއްސަ ހާލަތެއްގައި ވަކި ޝަރުތުތަކަކާ އެކުގައި ނޫނީ ނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާތައް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ދިގުދަންމައިލުމަށެވެ. ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ. އެ ހުއްދަ މަޖިލީހުން އޭރު ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ނަޝީދު މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓަރު (އިބްރާހީމް އަމީރު) އޭނާގެ މާލީ އަންދާޒާތަކާއި ތަސައްވަރުތައް އެނގިވަޑައިގަންނަވާ ކަަމަށާއި އެ ތަސައްވަރުތައް ހުށަވެސް އަޅުއްވާ ކަމަށެވެ. އެހެން ނަމަވެސް އެ ހިސާބުތަކާއި ތަަސައްވުރުތައް އެއީ ރަނގަޅު ހިސާބުތަކެއްތޯ، ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ކަށަވަރުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާ ބޭންކްތަކާ، އަދި އަމިއްލަ ވިޔަފާރިވެރިންނާ އަދި އެހެންވެސް މާލީ އިދާރާތަކާ އެކީގައި މަޝްވަރާއެއް ހިންގުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ހުށަހެޅުމާ މެދު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ވަނީ ދެކަފިވެފަ އެވެ. އެގޮތުން ފިނޭންސްގެ ހުށަހެޅުން އިތުރަށް ދިރާސާކުރަން ވަގުތު ހޭދަނުކޮށް އަވަހަށް ފާސްކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އިރު، އަނެއްބައި މެމްބަރުން ހުށަހެޅުއްްވީ އެކަން ރަނގަޅަށް ދިރާސާ ކުރުމަށެވެ. ފިނޭންސްގެ ހުށަހެޅުން ދިރާސާކުރަން ހާއްސަ ކޮމިޓީއެއް އުފަައްދަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަަހެޅުއްވި އެވެ.
އެ ހުށަހެޅުމަށް މިއަދު ވޯޓަށް އެހުމުން އެ ހުށަހެޅުން ފާހެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ