މިމަސް ތެރޭ އޭދަފުށިން ފުރި މީހުން ކަރަންޓީންވާން އަންގައިފި

ބ. އޭދަފުށީން ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނިފައިވާތީވެ، މި ހިނގާ އެޕްރީލް މަސް ތެރޭ އެރަށުން ފުރި އެންމެން ކަރަންޓީން ވުމަށް އެޗްޕީއޭއިން އެދެފި އެވެ. އެޗްޕީއޭއިން މިއަދު ބުނީ، އޭދަފުށީ ކޮވިޑް ކޭސްތަކާ ގުޅިގެން އެޕްރީލް އެއް ވަނަ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށްފަހު، އަތޮޅު ތެރޭ އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަށް އެކަން ލަސްނުކޮށް، އެރަށެއްގެ ހޮސްޕިޓަލް/ސިއްހީ މަރުކަޒަށް އެންގެވުމަށް އެދޭ ކަމަށެވެ. "އަދި މިތާރީހް [އެކެއް އެޕްރީލްގެ] ފަހުން ބ. އޭދަފުށިއަށް ގޮސްފައިވާ ފަރާތެއްވާނަމަ، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވަން" އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ، 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ކޮވިޑަށް ޓެސްޓްކުރަން ވާނެ ކަމަށެވެ. އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އެ މުއްދަތުގައި އޭދަފުށިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް އެޗްޕީއޭއިން ބުންޏެވެ. ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އޭދަފުށިއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ