ކޮންޓްރޯލުން ނެއްޓިފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމް: އެތައް ސުވާލެއް!

މިދިޔަ އާދީއްތަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެގްރިމަންޓްގައި ސޮއިކުރުން މަޑުޖައްސާލަން އަންގާފައިވަނިކޮށް، އިމިގްރޭޝަނުން ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމު ކުރަން މެލޭޝިޔާގެ ނެކްސްބިޒްއާއެކު "ވިހި އަހަރަށް ދަމާލާފައިވާ" އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ. މިނިސްޓަ އޮފް ސްޓޭޓް، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމާއި ނެކްސްބިޒްގެ ސީއީއޯ ޖޯހަން ޔޮންގް އެގްރިމެންޓްގައި ސޮއިކުރެއްވީ އެ ދުވަހު ހެނދުނު ސޮއި ނުކޮށް ފަސް ކުރުމަށް އޭސީސީން ތަކުރާކޮށް އަންގާފައި ވަނިކޮށެވެ. އޭސީސީގެ ޝަކުވާއަކީ ބިޑް އިވެލުއޭޝަންގެ ކަންތައް ކުރިއަށް ގެންދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން ލިބުނު ޝަކުވާ ބެލުމެވެ.ސަރުކާރުން ވަނީ ހިޔާނަތާ ދެކޮޅަށް "ހަނގުރާމަ" އިއުލާންކޮށްފަ އެވެ. އޭސީސީއަކީ ކޮރަޕްޝަނަށް މަގު ފަހި ވެދާނެ ހުރިހާ ކަމެއް ހުއްޓުވަން މަސައްކަތް ކުރާ ފާރަވެރިޔާ އެވެ. ސަރުކާރުގެ އެ ސިޔާސަތު އޮއްވައި އަދި ކޮރަޕްޝަން މަނާ ކުރާ މުއައްސަސާއިން އިންޒާރު ކުރަމުން ދަނިކޮށް ކުއްލި ގޮތަށް މި ޕްރޮޖެކްޓްގައި ސޮއި ކުރުމަކީ އެތައް ސުވާލެއް އުފެދޭ ކަމެކެވެ.އޭސީސީގެ އިންޒާރާ ހިލާފަށް އިމިގްރޭޝަން ކަމަކާ ހިލާފުވެގެން، އެ ހިލާފުވި ކަމެއްގެ މައްޗަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ މުޅިން އެހެން ކަމެކެވެ. އެފަދަ ކަމެއް ކުރަން އޭސީސީ ފަސް ނުޖެހޭނެކަން އޮޑިޓާ ޖެނެރަލްގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރެއްވެވި، މިހާރު އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވާ ވާހަކަތަކުން ވަރަށް ސާފުކޮށް އެނގެ އެވެ.ސުވާލު އުފެދެނީ  ޝަކުވާތަކަކާއި ޝައްކުތައް އުފެދިފައިވާ ޕްރޮޖެކްޓާ ބެހޭ ގޮތުން އޭސީސީ "ހޯހޯ" ގޮވަގޮވާ އޮއްވައި ހޭވެސް އަހައިނުލައި ނިންމައިލުމުންނެވެ.އިމިގްރޭޝަންގެ ޑިޕިއުޓީ ސްޓޭޓް މިނިސްޓާ އާދަމް ނަސީރު ވިދާޅުވީ ކުއްލި ގޮތަކަށް ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގައި ސޮއި ކުރިއިރު "ސީރިއަސް" މައްސަލަތަކެއް ފެންމަތިވެ ފެންނާން އެބަހުރި ކަމަށެވެ. "މި ބޯޑާ ކޮންޓްރޯލާ ސިސްޓަމްގައި އެބަހުރި ވަރަށް ބައިވަރު މައްސަލަތައް އެންމެ ސީރިއަސް ކަމަކީ ޕްރޮޑަކްޓާ ނުބައްދަލު އަގެއްގައި އެ ގަތުން،"އޭނާ ވިދާޅުވީ އިމިގްރޭޝަނުން ގަތް ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ 39 މިލިޔަން ޑޮލަރު ދީފައި ގަތް ސިސްޓަމެއް ކަމަށާއި އެއީ "އެވަރުގެ އަގެއް ދީފައި ގަންނަ ވަރުގެ ސިސްޓަމެއް ނޫން" ކަމަށެވެ.ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އަގު މިހާތަނަށް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.އެހެން ސުވާލެކެވެ؟ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް ހަވާލުކުރި ނެކްސްބިޒްގެ ކްރެޑިބިލިޓީއަކީ ކޮބައި ހެއްޔެވެ؟ ގައުމީ ސަލާމަތާ ގުޅޭ ހިދުމަތްތަކާއި އައިޑެންޓިޓީ ދެނެގަތުމާއި ލިޔެކިއުންތަކުގެ ސައްހަކަން ދެނެގަތުމުގެ ހިދުމަތް ދޭކަމަށް ބުނާ ނެކްސްބިޒްގެ އެބާވަތުގެ މައުލޫމާތަށް އެންމެ ފަސޭހައިން ވާސިލުވެވޭނީ އެ ކުންފުނީ ވެބްސައިޓުންނެވެ. އެއަކު އެޒާތުގެ އެއްވެސް ވާހަކައެއް ނޯވެ އެވެ.އާދަމް ނަސީރު ވިދާޅުވީ އަވަސް އަރުވާލައިގެން އިމިގްރޭޝަނަށް ގެނައި ބޯޑާ ކޮންޓްރޯލާ ސިސްޓަމަކީ "އެއްވެސް ގޮތަކަށް ފުރިހަމަ ސިސްޓަމެއް ނޫން" ކަމަށާއި އެ ސިސްޓަމް 39 މިލިޔަން ޑޮލަރަށް ވިއްކި ކުންފުންޏަކީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގެންގުޅޭ ފަރާތެއް ވެސް ނޫން ކަމަށެވެ."އަޅުގަނޑު ގަބޫލެއް ނުކުރަން މި ކުންފުންޏަކީ އެކަހަލަ ސިސްޓަމެއް ޑެލިވާ ކުރަން އެންމެ ރަނގަޅު ކުންފުންޏެއް ކަމަކަށް،" އާދަމް ނަސީރު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ގާބިލުކަން ހުރި ކަމަށް ވިޔަސް އެ ކުންފުންޏަކީ އެކަމަށް ކުރިމަތިލި މެލޭޝިޔާގެ އައިރިޝް އާއި ސްރީލަންކާގެ އިންފޯމެޓިކްސްއާ ވަރުންއެޅުވޭވަރުގެ ކުންފުންޏެއް ނޫންކަން ގެނެސްފައިވާ ސިސްޓަމުން ސާފުވާ ކަމަށެވެ.ކޮންޓްރޯލާ އިލްޔާސް ވިދާޅުވެފައިވާ ގޮތުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމާއެކު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި އީގޭޓްގެ ހިދުމަތާއި އީޕާސްޕޯޓް ގެންގުޅޭ ފަރާތްތަކުން އެއާޕޯޓް އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހި ދެވޭނެ އެވެ. ކިހާ ފަސޭހަ ހެއްޔެވެ؟އެހެންނަމަވެސް ޑެޕިއުޓީ ސްޓޭޓް މިނިސްޓާ އެކަން ދޮގު ކުރައްވައެވެ. ވިދާޅުވީ އަވަސް އަރުވާލައިގެން ގަތް ސިސްޓަމުން ކަވަރު ކުރާނީ ހަމައެކަނި ބޯޑާ ކޮންޓަރޯލާއި ވިސާ އެކަނި ކަމަށާއި އެންމެ އަގު ބޮޑު އެއްޗަކީ ޕާސްޕޯޓް ޕްރޮޑްކްޝަން ކަމަށްވާއިރު މި ސިސްޓަމްގައި އެބައި ނުހިމެނޭ ކަމަށެވެ.އޭނާ ވިދާޅުވީ ކޮންޓްރޯލާ މިޑިޔާއަށް އިންޓަވިއުތައް ދެއްވެވި އިރު އީގޭޓްގެ ވާހަކަވެސް ވިދާޅުވެފައިވާ ކަމަށާއި ސެކިއުރިޓީ ބައިތަކެއްގެ ވާހަކަ ވިދާޅުވެފައިވާއިރު 39 މިލިޔަން ޑޮލަރު ދީފައި ގަތް ސިސްޓަމްގައި އެއިން އެއްވެސް ކަމެއް "ނުހައްދަވާ" ކަމަށެވެ."އީގޭޓެއް އެއަކު ނުހިމެނޭ. ދެން ވިދާޅުވީ ރެޓީނާ (ކަޅީގެ) ސާމްޕަލް ނަގާ ވާހަކާ އާއި ފޭސް ރިކޮގްނިޝަން (މޫނު ދެނެގަތުން) ހިމެނޭ ވާހަކަ. އެއިން އެއްވެސް ކަމެއް މި ސިސްޓަމަކު ނުހިމެނޭ  ސެކިއުރިޓީ ބައެއްގެ ގޮތުގައި ހިމެނެނީ ފިންގަޕްރިންޓިން އެކަނި،"  އޭނާ ވިދާޅުވި އެވެ. "ތެދަށް ދަންނަވަންޏާ ވަރަށް ބައިވަރު ބައިތަށް ނެތް ކުޑަކުޑަ އެއްޗެއް މި ގެންނަނީ ބޮޑު އަގެއްދީފައި،"އާދަމް ނަސީރު ވިދާޅުވީ އޭސީސީގެ އެންގުމާއި މި ޕްރޮޖެކްޓް ގެނައުމުގެ ބިޑިން ޕްރޮސެސް އަކީ މުޅިން ތަފާތު މައްސަލައެއް ކަމަށާއި އެކަން ހިނގާފައި ވަނީ ގޯހަށް ނަމަ އޭސީސީން އެކަން ބައްލަވާނެ ކަމަށެވެ. މިވަގުތަށް ބޮޑު އިޝޫއަކީ އިމިގްރޭޝަނުން ނަގަންޖެހޭ ޒިންމާތައް ނުނަގައި ދޯދިޔާކޮށް ކަންތައްތަކެއްކޮށް، ފަހު ވަގުތު އަވަސް އަރުވާލައިގެން ބޮޑު އަގެއް ދީފައި "ކަޑަ" އެއްޗެއް ގަތުން ކަމަށެވެ.ގެނައި ސިސްޓަމްގެ "ކަޑަ" ކަމުގެ މިސާލު ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ ވިސާ ދޫކުރުމަށް އިމިގްރޭޝަންގައި ހުންނަނީ 30 ކައުންޓަރު ކަމަށާއި އެއަށް ނުކަތާއިގެން މިހާރު އުޅޭއިރު 39 މިލިޔަން ޑޮލަރު ދީފައި ގެންނަ ސިސްޓަމްގައި ހިމެނެނީ 15 ކައުންޓަރު ކަމަށެވެ."އަޅުގަނޑުމެން މިކިޔަނީ ރައްޔިތުންނަށް ގާތުން ހިދުމަތްދޭ ވާހަކަ. ރާއްޖޭގެ ދެކޮޅުން ޕާސްޕޯޓް އިޝޫ ކުރާ ވާހަކަ. އެކަމަކު އެބައެއްވެސް މިޔަކު ނެތް، ވޯކް ވިސާ ގެ ހިދުމަތް މިހާރު ވެސް ދެވެނީ ހަ ސަރަހައްދެއްގަ މި ސިސްޓަމް އައިމަ އެވަރުވެސް ނުވޭ. ވަރަށް ބޮޑެތި މައްސަލަތައް މިހުރީ،"  އަނެއް ކަމަކީ މި ސިސްޓަމް ބޮޑުގު ދީފައި ގެނައީ އިމިގްރޭޝަން އައިޓީގެ ޑިޕާޓްމަންޓްގެ ވެރިޔާ އިބްރާހިމް ވަހީދު ތަފާތު ރެކޮމެންޑޭޝަންތައް ދެއްވާފައި ވަނިކޮށެވެ. ނަމަވެސް ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު ވިދާޅުވީ އިމިގްރޭޝަނުން އެކަން ކުރައްވާފައި ވަނީ އިބްރާހިމް ވަހީދާއި އޭސީސީގެ ވާހަކަތަކަށް "ބީރުކަންފަތް" ދީފައި ކަމަށާއި ހާއްސަކޮށް ރިކޮމެންޑޭޝަންތަކާ ގުޅިގެން އަޓީ ހެޑް، އިބްރާހިމް ވަހީދު އެއްވެސް މަސްއޫލިއްޔަތެއް ނެތް ގޮތަށް "އެހެލާފައި"ވާ ކަމަށެވެ."އޭނާ ބާކީކޮށް މަސައްކަތުން އެއްފަރާތް ކުރެއްވީ. ފިނޭންސް މިނސްޓްރީއަށް އަޅުގަނޑާއެކު އެބޭފުޅާ ވަޑައިގެން މި މައްސަލަތައް ނެންގެވި. އެ މީޓީގައި އިންނަވަނިކޮށް ކޮންޓްރޯލާ ގުޅުއްވާފައި ވިދާޅުވީ ވީހާވެސް އަވަހަކަށް ބައްދަލު ކުރާށޭ. ބައްދަލު ކުރީމަ (ކޮންޓްރޯލާ) އިލްޔާސް އަންގަވަނީ އެއްވެސް ކަމެއްގައި ބައިވެރި ނުވެ މަޑުކޮށްލައްވަން،" އާދަމް ނަސީރު ވިދާޅުވި އެވެ.އިމިގްރޭޝަންގެ އައިޓީ ހެޑް، އިބްރާހިމް ވަހީދަކީ ކުރިން ނޫސްވެރިކަން ކުރެއްވުމަށް ފަހު އިންފޮމޭޝަން ޓެކްނޮލޮޖީން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.އާދަމް ނަސީރު ވިދާޅުވި ގޮތުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ކުރިމައްޗަށް ދަމާފައިވާ ފަރުދާ ކަހާލައި މައުލޫމާތު ހާމަ ކުރެއްވި ނަމަވެސް އިބްރާހިމް ވަހީދާ މެދު ކޮންޓްރޯލާ އެޅުއްވެވި ފަދަ ފިޔަވަޅެއް އޭނާއާ މެދު ނޭޅުއްވެވޭނެ އެވެ."މި މައުލޫމާތު ހާމަކޮށްގެން އެއްވެސް ފިޔަވަޅެއް އިލްޔާސަކަށް ނޭޅުއްވޭނެ އަޅުގަނޑަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ފިޔަވަޅު އެޅިދާނެ ކަމަކަށް،" ވިދާޅުވި އެވެ.އިމިގްރޭޝަންގެ އިސްވެރިޔަކު މި މައްސަލަތައް ފެންމަތި ކުރުވާއިރު ސުވާލު އުފެދޭ ކަމަކީ މިއީ ކޮންޓްރޯލާ، އޭނާގެ އަމިއްލަ މަސްލަހަތަށް ގެނައި ބޯޑާ ކޮންޓްރޯލާ ސިސްޓަމަކަށް ވަނީ ހެއްޔެވެ؟އެހެން ވިދާޅުވާކަށް ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު ބޭނުންފުޅެއް ނުވެ އެވެ. އެކަމަކު ކޮންޓްރޯލާ ކަންކުރެއްވި ގޮތަށްވުރެ "ތާހިރުކޮށް" އޮފީސް ބަދުނާމު ނުވާ ގޮތަށް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގެނެވިދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ."ނުޖެހޭ އޭސީސީން ސިޓީ އައިސްފައި އޮއްވާ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ސޮއި ކުރައްވާކަށް. ނުޖެހޭ ބުދަ ދުވަހު ސޮއިކުރަން އޮތް ޕްރޮޖެޓެއް އާދީއްތައަށް އަވަސް ކުރައްވާކަށް. ނުޖެހޭ މައުލޫމާތުތައް ސިއްރުކުރައްވައިގެން އުޅުއްވާކަށް. ނުޖެހޭ މީޑިއާތަކުގައި މީގައި މައްސަލަތަކެއް ނޫޅެއޭ ވިދާޅުވެ ވާހަކަފުޅު ދައްކަވާކަށް. އެކަމަކު އެހެންތޯވީ؟" އާދަމް ނަސީރު ސުވާލު ކުރެއްވި އެވެ. "މީގަ ފާހަގަ ކުރަން ބޭނުންވަނީ އިމިގްރޭޝަންގެ މިފަދަ ބޮޑު މަޝްރޫއް ދާއިރު އިމިގުރޭޝަންގެ އައިޓީ ޑިޕާޓްމެންޓްގައި ތިބި ފަރާތްކާ މިކަމާ މަޝްވަރާ ކުރަންޖެހޭ ކަން،"ސަންއެފްއޮންލައިނަށް އެނގިފައިވާ ގޮތުގައި އިމިގްރޭޝަންގެ ޑިޕާޓްމަންޓްތަކުގެ ވެރިންގެ ޖަލްސާއެއް ނުބާއްވާތާ މިހާރު ވެސް ހަތަރު މަސް ވެއްޖެ އެވެ. އެ ސުވާލު ޑިޕިއުޓީ ސްޓޭޓް މިނިސްޓަރާ ކުރުމުން ވިދާޅުވީ އިމިގްރޭޝަން ހިނގަމުންދަނީ އެފަދަ އޮފީހެއް ހިންގަންވާ ގޮތަށް ނޫން ކަމަށެވެ. "ހިންގަނީ ރަނގަޅަކަށް ނޫން. ތަރުތީބަކުން ނޫން. އޮފީހުގައި ވެސް ކޮންޓްރޯލް ސިސްޓަމެއް ނެތް"ކޮންޓްރޯލާ އިލްޔާސް ވިދާޅުވާ ގޮތުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރަން ނެކްސްބިޒާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ގާނޫނީ ހަމަތަކުގެ މަތިންނެވެ. އެހެންނަމަވެސް އެ ވިދާޅުވާ "ސިސްޓަމް"ގެ މައްސަލަތަކެއް ދަނީ ފެންމަތި ވަމުންނެވެ.ނެކްސްބިޒުން ކުރާ ހަރަދު ސަރުކާރުން 20 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ދިގު ދަމާލާފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ތެރެއިން އަދި ފެންމަތިވެގެން އަންނާނީ ކިތައް މައްސަލަ ކަމެއް ނޭނގެ އެވެ. އެ ސުވާލުތައް އުފައްދައިދެނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް ބިޑް ހުޅުވާލި އިރު އިލެކްޓްރޯނިކް ބޯޑާ ގޭޓް ސިސްޓަމަކީ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އާއި ފިންގަ ޕްރިންޓް ޓެކްނޮލޮޖީ މެދުވެރިކޮށް މީހުންގެ މައުލޫމާތު ދެނެގަނެވޭނެވޭ އަދި އެ ސިސްޓަމް މެދުވެރިކޮށް ޓްރެވަލް ޑޮކިއުމަންޓް ރެކޯޑާއި ޕާސްޕޯޓާއި ވިސާ ޕާމިޓާއި ފިންގަޕްރިންޓް ޑޭޓާ ބޭސްގެ މައުލޫމާތު ވެސް ވަގުތުން ބެލެން ހުންނަން ޖެހޭނެ  ސިސްޓަމެއް ކަމަށް ބުނެފައި 39 މިލިޔަން ޑޮލަރު ދިނުމުން މެލޭޝިޔާގެ ނެކްސްބިޒުން ހިފައިގެން މާލެ އައި ސިސްޓަމްގައި އެއިން ކަމެއްގެ ކަންފުޅެއްވެސް ނެތީމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ