ނަޖީބުގެ "އަގުބޮޑު" މަރު

މ. ކެރެޓް، އަހުމަދު ނަޖީބުގެ ހަށިކޮޅަށް ވަޅި ހަރައި "އަވަހާރަކޮށްލީ" އެވެ. އެހެން އެންމެންގެ ގަޔަށް ވަޅި ހަރައި "މަރާލީ" އެވެ. ތަފާތަކީ މިއެވެ. މި ތަފާތު މުޅި ގައުމުން ވެސް ފެނިއްޖެ އެވެ. އަވަހާރަކޮށްލި ބޭފުޅާގެ ސަބަބުން ގައުމު ކުއްލިއަކަށް ކެކިގަތް އިރު މިދިޔަ އަހަރު އެކަނިވެސް 11 މީހަކު މަރާލައި، މި އަހަރުގެ މިހާތަނަށް ހަތް މީހަކު ވަނީ މަރާލައިފަ އެވެ. ނަޖީބުގެ މަރު ތިލަފަތުގެ އެއްކޮޅަށް، އަދި އަނެއްކޮޅަށް އެހެން ހުރިހާ މަރުތަކެއް ލުމުން ވެސް ކައްޓާ އިން ބަރުވީ ނަޖީބުގެ މަރެވެ. އެކަކުގެ ވެސް މަރަކީ އެކަމާ ގުޅިގެން އުފާ ފާޅުކޮށްގެންވާނެ ކަމެއް ނޫނެވެ. އަޅުގަނޑު ވެސް އެ ކަންކަމަށް ހިތާމަކުރަމެވެ. އެކަމަކު އެ މަރުތަކުގެ ތެރެއިން ބައެއް މަރަކީ ބައެއް މީހުންނަށް ބޮޑު ނަސީބެކެވެ. އެއް މިސާލަކީ އީވާން ނަސީމުގެ އިހާނާތްތެރި މަރެވެ. އެ މަރާ ގުޅިގެން ރާއްޖެ އަށް ސިޔާސީ ބޮޑެތި އިސްލާހުތަކެއް އައިކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ޖަލުތަކުގެ އަނިޔާވެރިކަން ގާތްގަނޑަކަށް ނިމުމަކަށް އައީ އީވާން ނަސީމުގެ މަރާ ގުޅިގެންނެވެ. އެހެންވެ ބައެއް މީހުންގެ ނަޒަރުގައި އީވާން ނަސީމް ގައުމީ ބަތޮލަކަށްވެގެން ދިޔައެވެ. މި ފަހަރު ގައުމީ ބަތޮލަކަށް ވެގެން ދިޔައީ މަޝްހޫރު ގާނޫނީ ވަކީލު ނަޖީބެވެ. ދިވެހިން އަބަދުވެސް ބުނަމުން ދެ އެވެ. ނިކަމެތި މީހާގެ ހައްގެއް ނޯވެ އެވެ. ބައެއް ރަށްރަށު މީހުން ކިޔައިއުޅެ އެވެ؛ ގާނޫނުތަކަކީ "މާލޭ މީހުންނަށް" ހަދާފައި އޮންނަ އެއްޗެކެވެ. އޭގެ މާނަ ވަރަށް ފުނެވެ. ރާއްޖޭގައި ހަގީގަތުގައި ވެސް ގާނޫނުތައް ތަންފީޒުވަމުން ދަނީ ބޮޑެތި މީހުންނަށް ކަމެއް ދިމާވެއްޖެ ނަމަ އެވެ. މާލެ އާއި ރަށްރަށުގައި ޒުވާން ކުދިންނާއި ނިކަމެތި މުސްކުޅިން މަރާލައި އެއްލާލައިފައި އޮތްއިރު ގައުމު ނިދާފައި އޮތުމަކީ، ނަޖީބު އަވަހާރަވުމަށް މަގު ހުޅުވިގެން ދިޔަ މައިގަނޑު އެއް ސަބަބެވެ. އެހެން ނޫން ނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަހުމު ކުޑަ ވަޅީގެ ހަމަލާތަކެއްގެ ޝިކާރައަކަށް ނަޖީބުވެގެން ނުދިޔައީހެވެ. ވަޅީގެ ޝިކާރައަކަށް ނަޖީބުގެ ހަށިގަނޑުވެ، އޭނާ މަރުވެފައި އޮތް ވާހަކަ ފެތުރުނުތާ ބަރާބަރު ބައި ގަޑިއިރުގެ ތެރޭގައި ކަމާ ބެހޭ ހުރިހާ މުއައްސަސާއެއް އެލާޓަށް އައެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މީޑިއާ އަށް އެސްއެމްއެސް ފޮނުއްވަން ފެއްޓެވި އެވެ. އަދި ޖިނާއީ ބިލްތައް ކުރިއަށް ނުގެންގޮސް މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވުމުގެ އިތުރުން، އެކަންކުރުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވި އެވެ. އެރޭ އެތައް މުއައްސަސާއަކުން ކަންބޮޑުވުން ފާޅުކުރި އެވެ. ބަޔާންތައް ނެރުނެވެ. ފުލުހުން ވެސް ރޯމަހެއް ތެޅޭހެން ކުއްލިއަކަށް އެލާޓަށް އައެވެ. ސުޕްރީމް ކޯޓާއި ޖޭއެސްސީގެ އިތުރުން ހޯމް މިނިސްޓަރާއި އެޓާނީ ޖެނެރަލް ވެސް ހީވީ އެހެން ކަމެއް ހެންނެވެ. ޖެހިގެން އައި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި އެ ނޫން ވާހަކައެއް ނެތެވެ. އަދި ކުށްތަކާ ދެކޮޅަށް ސީދާ ރައީސް މުހައްމަދު ވަހީދު އިސްވެ ހުންނަވައިގެން ކޮމެޓީއެއް އެކުލަވާލެއްވި އެވެ. އެ ކޮމެޓީގައި އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރާތަކުގެ އެންމެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ޖެހިގެން އައި ދުވަހު މަޖިލީހުގައި ސުކޫތެއް ގެނައެވެ. އުއްތަމަ ފަނޑިޔާރުގެ އިސް ނެންގުވުމަކަށް ބޭއްވެވި ބައްދަލުވުމެއްގައި ވަކީލުންނަށް ހިމާޔަތް ލިބޭނެ ގޮތަކާ ބެހޭ މަޝްވަރާތަކެއް ވަނީ ބާއްވައިފަ އެވެ. ހަގީގަތުގައި މުޅި މަންޒަރު އަޅުގަނޑަށް ސިފަވެގެން ދިޔައީ، ރާއްޖޭގައި އަލަށް މީހަކު މަރާލައިގެން އުޅުނުހެންނެވެ. އެކަމަކު ކަންވީ އެހެންނެއް ނޫނެވެ؛ ރާއްޖޭގައި މި އުޅެނީ އަލަށް މީހަކު މަރާލައިގެންނެއް ނޫނެވެ. މިފަހަރު މައްސަލައަކަށްވީ، ކުރިން ވެސް އަޅުގަނޑު ދެންނެވިހެން ބޭފުޅަކު "އަވަހާރަކޮށްލުމުން"ނެވެ. ހަމައެއާ އެކު، ދެން އެ ގޮތަށް އިސްލާމީ މަރުކަޒުގައި ކަށުނަމާދު ބާއްވާނީ ތިމާ ނޫންބާއޭ އަމިއްލަ ނަފުސަށް ސުވާލު ވެސް އުފެދިގެންނެވެ. އެހެންވެ، ގައުމުގެ ކުރީ ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް އެއް އަޑަކުން، އެއް ރާގަކަށް މަރަށް މަރޭ ވިދާޅުވަމުން ގެންދެވީ ކަމަށް އަޅުގަނޑުގެ ހިތް ބުނެ އެވެ. މިހެން މި ދެންނެވީ ސަބަބުތަކެއް ހުރެގެންނެވެ. ރާއްޖޭގައި އެތައް ބަޔަކު އެކި ގޮތްގޮތަށް މަރާލައިފި އެވެ. އެކަމަކާ ކަންބޮޑުވުމެއް ނެތެވެ. ދާދި ފަހުން އެއްވެސް ކުށެއް ނެތި މަރާލި އަބްދުލްމުހީތު ނުވަތަ ބޮބީގެ ހަނދާނުގައި، މާލޭގެ ބޮޑު މަގެއްގައި ގެނައި ސުކޫތުގައި ގައުމުގެ އެއްވެސް އިސް ބޭފުޅަކު ބައިވެރިވެ ވަޑައިނުގަތުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި މީހުން މެރުން ހުއްޓުވަން ބޭނުން ނުވުމެވެ. އެކަން އާންމުންގެ ސަމާލުކަމަށް ގެނެސް، ކުށްވެރިންނަށް ފިލާވަޅެއް ދެއްވަން އެ ބޭފުޅުން ބޭނުންވެ ވަޑައިނުގެންނެވުމެވެ. ބޮބީގެ އާއިލާގެ މެމްބަރުންގެ ލޮލުން ފޭބި ކަރުނަ އަކީ މި ގައުމު ހިންގަވަން ތިއްބެވި ސިޔާސީ ވެރިންނަށް އަގެއް ހުރި އެއްޗަކަށް ނުވި އެވެ. އެހެން ނަމަވެސް، ނަޖީބުގެ މަރާ އެކު ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ނަޖީބުގެ މަރާ އެކު، މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދެވިދާނެ ކަމާ ދޭތެރޭ ކުރެވެމުން ދިޔަ އުންމީދުތައް އާވެއްޖެ އެވެ. މީހުން މަރާ މީހުން އެކަހެރިކޮށްފައި ބޭތިއްބިދާނެ ކަމާ މެދު އޮތް ޝައްކު ވެސް ފިލައިގެން ހިނގައިދާނެހެން މިހާރު ހީވާން ފަށައިފި އެވެ. ހަމައެއާ އެކު، ކަމެއް ރަނގަޅުވާނީ ބޮންތީގައި ރޯކޮށްލައިގެންކަން އަޅުގަނޑަށް މިހާރު ގަބޫލުކުރެވިއްޖެ އެވެ. އެހެންކަމުން ނަޖީބުގެ މަރަކީ، އިންސާފު ނުލިބިގެން މާޔޫސްވެފައި ތިބި އެތައް ބައެއްގެ ހިތަށް ފިނިކަން ގެނެސްދިން ކަމެއްކަން ޔަގީނެވެ. ނަޖީބު އަވަހާރަވުމަކީ ހިތާމައެކެވެ. ގައުމަށް ވެސް ވަރަށް ބޮޑު ހިތާމައެކެވެ. އަޅުގަނޑުމެން ލިޔުންތެރިންނާއި ވަކީލުންނާއި މުޅި ޝަރުއީ ދާއިރާ އަށް ވެސް ލިބުނު ބޮޑު ދެރައެކެވެ. އެއީ ހަގީގަތުގައި ވެސް ޝަޚުސިއްޔަތެކެވެ. އޭނާ އަށް ހެޔޮ ރަހުމަތް ލެއްވުން އެދި އަޅުގަނޑު ދުއާ ވެސް ކުރަމެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި ކޮންމެ މީހެއްގެ ފުރާނައަކީ ވެސް އަގު ބޮޑު ފުރާނައެކެވެ. ސްކޫލުތަކުގައި ކިޔަވަމުން ދިޔަ ބައެއް ކުދިން ވެސް، އަދި މައިންބަފައިން ވަރަށް ލޯބިން ބޮޑުކުރަމުން ދިޔަ ކުށެއް ނެތް ޒުވާނުން ވެސް ނަޖީބެކޭ އެއްގޮތަށް ވަޅީގެ ޝިކާރައަކަށްވީ އިރު އެ ފުރާނަތަކުގެ އެއްވެސް އަގެއް ނެތީ ކީއްވެތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެ އެވެ. އެ މައްސަލަތައް ޕީޖީ އާއި ކޯޓުތަކުގައި ފިނިހަކައެއްހެން ފިރުކެން ވެސް ނޭނގިފައި އެހުންނަނީ ކީއްވެތޯ މިއީ އަޅުގަނޑު ސުވާލު އުފައްދާ ކަމެކެވެ. ނަޖީބުގެ މަރުގެ މައްސަލައިގެ ހުކުމް ވީހާ އަވަހަކަށް އިއްވަން އަދުލު އިންސާފު ގާއިމްކުރާ ބާރުތަކުން ތެޅިގަތްހެން އެހެން މައްސަލަތަކާ މެދު އަމަލު ނުކުރެވެންވީ ކީއްވެތޯ އެވެ؟ ނަޖީބު ފަދައިން ދެން މަރުވެގެން ދިޔަ މީހުންނަކީ ވެސް އެ މީހެއްގެ އާއިލާގައި ވަރަށް އަގު ބޮޑު ބައެކެވެ. މަރުވެގެން ދިޔަ ބައެއް ކުދިންނަކީ އެ ކުދިންގެ މައިންބަފައިންގެ ދެލޯ ފަދައިން ބަލާ ބޮޑުކުރަމުން ދިޔަ ކުދިންތަކެކެވެ. އެ މީހުން އިންސާފު ހޯދަން ކުރާ މަސައްކަތުގައި ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި ބައިވެރިނުވެވެނީ ކީއްވެތޯ އެވެ؟ ނަޖީބު އަވަހާރަވެގެން ގައުމުގެ މަތީފަޑި އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތެވެ. ދުރުދުރުން ހަރަމުން އައި ވަޅި، އަޅުގަނޑުމެންގެ ކަރަށް އަމާޒުވެގެން މިއައީ ހަމަ އަޅުގަނޑުމެންގެ އިހުމާލުންނެވެ. މިހާރު ސަލާމަތްވާނީ ކާކުކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އެ ބިރު ގައުމުގެ އެންމެންގެ ވެސް އެބައޮތެވެ. ޚުދު ނަޖީބުގެ ކަރަށް ވެސް އެ ވަޅި ހެރި ތިލަބިންދައިގެން ދިޔައީ އޭނާ އެކަމާ ކަންބޮޑުވެ ފިކުރުކޮށްލަކޮށްލައްވާ ހުއްޓަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ