އޮސްކާ ހަފުލާގައި އެމީހުން ދެއްކި ވާހަކަ

ހޮލީވުޑްގެ ކޮޑަކް ތިއޭޓަރުގައި މިއަދު ނިމިގެން އެ ދިޔައީ ފިލްމު އިންޑަސްޓްރީގެ ފަންނުވެރިންގެ އަގުވަޒަންކުރުމަށް ބާއްވާ އެންމެ ޝަރަފްވެރި އެވޯޑް ހަފުލާ އެވެ. އެކަޑެމީ (އިސްކާ) އެވޯޑް ނިމިގެން ދިޔައިރު މިފަހަރުގެ ކުލަގަދަ ހަފުލާއިން ފާހަގަކޮށްލެވުނު ބައެއް ވާހަކަތަކަށް ބަލާލަމާ ހިނގާށެވެ. އެވޯޑްތައް ލިބުނު ފަރާތްތަކުން ދެއްކި ވާހަކަތަކާއި ހަފުލާ ފަޅުފިލުވައިދިން މީހުން ބުނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ. "އެމީހުން އަހަރެންގެ ނަން ގޮވާލިހިނދު، އަހަންނަށް ހީވީ މުޅި އެމެރިކާ އެކުގައި "އަޅެ ނޫން، އަނެއްކާވެސް އޭނަތަ؟" އޭ ގޮވަން ފެށިހެން. އެނގޭތަ! އެކަމަކު ވެސް ވަރިހަމަ" -- "އަޔަން ލޭޑީ" އިން އެންމެ މޮޅު ބަތަލާގެ އެވޯޑް ކާމިޔާބުކުރުމަށް ފަހު ވާހަކަ ދައްކަމުން މެރިލް ސްޓްރީޕް ސަމާސާ ރާގަކަށް ބުންޏެވެ. "އަހަރެން ބޭނުން އަގީ (ދި އާޓިސްޓް ފިލްމުގައި ބޭނުންކުރި ކުއްތާއެއް) އަށް ޝުކުރުއަދާކުރަން. އޭތި އަޅާލާހެނެއް އަހަންނަކަށް ހީއެއް ނުވޭ. އެޔަށް އަހަރެން މިކިޔާ އެއްޗެއް އެނގޭ ހެނެއް ވެސް ހީއެއް ނުވޭ. އެ ސޮރު އަދި އެހާ މޮޅެއް ނޫން އެކަމަކު ވެސް ޝުކުރިއްޔާ" -- "ދި އާޓިސްޓް" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ކާމިޔާބުކުރުމަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ޑައިރެކްޓަރު މިޝެލް އަޒަނަވީސިއަސް ބުންޏެވެ. "ކަލޭ ދޮށީ އަހަންނަށް ވުރެ އެންމެ ދެ އަހަރަށް، ލޯބިވެރިޔާ. މިއޮތް ހާ ދުވަހު ކޮންތާކު ތި އުޅުނީ؟" -- އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ކާމިޔާބުކުރި ކެނެޑާގެ އެކްޓަރު ކްރިސްޓޮފާ ޕްލަމާ އެވޯޑާ ހަވާލުވުމަށް ފަހު ބުންޏެވެ. އޭނާ އަށް 82 އަހަރެވެ. "އަހަރެން އުފަންވިއިރު ވެސް އަހަރެން އޮތީ އެކަޑެމީގެ ޝުކުރުގެ ސްޕީޗް ފަރިތަކުރަން. އެއީ ވަރަށް ކުރި. ކަލޭމެންގެ ނަސީބު ރަނގަޅުކަމުން (މިއަދު) އަހަރެން އެ ސްޕީޗް ހަނދާނެއް ނެތް" -- އެވޯޑާ ހަވާލުވުމަށް ފަހު ޕްލަމާ ބުންޏެވެ. "މި ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުން އީރާނުގެ އެތައް ބަޔަކު ދަނީ މި ހަފުލާ ބަލަމުން، އަހަރެން އުއްމީދުކުރަން އެމީހުން ތިބީ ވަރަށް އުފަލުން ކަމަށް. މިކަހަލަ މުހިންމު އެވޯޑެއް ލިބުނީތީކީއެއް ނޫން. އެކަމަކު ސިޔާސީ ހިރަފުސްކަމުގެ ތެރޭގައި ވެސް އީރާނުގެ މުއްސަނދި ސަގާފަތް މިކަހަލަ ސިޔާސީ ގޮތުން ނާޒުކު ދަނޑިވަޅެއްގައި ދައްކާލެވުނީތީ" -- އެންމެ މޮޅު ފޮރިން ފިލްމުގެ އެވޯޑް "އަ ސެޕަރޭޝަން" އިން ހާސިލުކުރުމަށް ފަހު ފިލްމުގެ ޑައިރެކްޓަރު އަޝްގަރު ފަރްހާދީ ބުންޏެވެ. "އެނިމޭޝަން އަކީ އަހަރެން ވަރަށް ޝައުގުވެރިވާ އެއްޗެއް ސަބަބަކީ ބޭނުން ބައެއް ކުޅެލެވޭތީ. ތިއީ ދޮން މީހެއް ނަމަ އަރަބި ކަރައިގެ ޕްރިންސެއްގެ ރޯލު ކުޅެވިދާނެ. އަދި ކަޅު މީހެއް ނަމަ ހިމާރެއް ނުވަތަ ޒިބްރާއެއްގެ ރޯލު ވެސް ކުޅެވިދާނެ. އަހަރެން އެނިމޭޓްވެސް ކުރިން. އަދި އެއީ އެންމެ ފަސޭހަ ކަންތައް. ހަމައެކަނި ކުރަންޖެހޭ ކަމަކީ (ޑައިލޮގް) ކިޔާލުން. ދެން އެމީހުން ދޭނެ މިލިއަން ޑޮލަރު" -- އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑް ދިނުމަށް ސްޓޭޖަށް އަރައި ވާހަކަ ދައްކަމުން ކޮމޭޑިއަން ކްރިސް ރޮކް ބުންޏެވެ. "މަޑަގަސްކާ" ގައި މާޓީ ދަ ޒިބްރާ އަކީ އޭނާ އެވެ. "މިއީ ކޭ-މާޓުން (ވަރަށް އަގުހެޔޮ ފިހާރައެއް) ގަނެފަ ހުރި އިސްޓާކީނު. ސައްދާމް ހުސެއިން އެއް ފަހަރަކު އަހަރެން ގާތު ބުނީ "އިސްޓާކީނަކީ އިސްޓާކީނޭ - ލާރި ބޭކާރުނުކުރާށޭ" -- "ދަ ޑިކްޓޭޓާ" ގައި ތަމްސީލުކޮށްދޭ ޑިކްޓޭޓަރު ގޮތަށް ހެދުން އަޅައިގެން އޮސްކާ ހަފުލާގައި ބައިވެރިވި ކޮމޭޑިއަން ސަޝާ ބަރޯން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ