މައުމޫނަކަސް ނަޝިދަކަސް ވަހީދަކަސް ހަމަހަމަވާން ޖެހޭނެ: އިބްރާ

ރާއްޖޭގެ ހުރިހާ ރައްޔިތުންނާ މެދު ވެސް ވަކި މީހަކު ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު އެއްއުސޫލަކުން އަމަލު ކުރަން ޖެހޭނެ ކަމަށް ރައީސް ނަޝީދުގެ ލީގަލް އެޑްވައިޒަރު އިބްރާހީމު އިސްމާއިލު އިބްރާ ވިދާޅުވެއްޖެއެވެ.
އިބުރާ މިހެން ވިދާޅުވީ، 1995 ވަނަ އަހަރު އިބްރާ އޭރުގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުމަށްފަހުއެވެ.
މައްސަލަ ހުށަހެޅުއްވުމަށްފަހު ނުކުމެވަޑައިގެން މީޑިއާއައި ބައްދަލު ކުރައްވާ އިބްރާ ވިދާޅުވީ، 1995ވަނަ އަހަރު އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރުމަކާއި ނުލައި ހައްޔަރުކޮށް އެތައް ދުވަހަކު ބަންދުގައި ބެހެއްޓި މައްސަލަ މިއަދު ޕީޖީއަށް ހުށަހެޅި އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު ލިބިގެން ކަމަށެވެ.
އިބްރާ ވިދާޅުވީ މީގެ ކުރިން އެމައްސަލަ ބަލައިދިނުމަށް އެދުމުން ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އެމައްސަލަ ބެލެން ނެތް ކަމަށް ލަފާދީފައިވާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އެމާއްދާގެ ދަށުން ދައުވާ ކޮށްފައިވާ ކަމަށެވެ.
މިމައްސަލާގައި ދައުވާ ކުރުމަށް އިބްރާ އެދިވަޑައިގެންފައިވަނީ އޭރު ޑިފެންސް މިނިސްޓްރީގެ އިސްވެރިއަކަށް ހުންނެވި ރައީސް މައުމޫނާއި، މައުމޫނުގެ ދަށުން ހުންނެވި އަންބަރީ އަބުދުއްސައްތާރާއި، ސަލާމަތީ ބާރުތަކާއި ހަވާލުވެ ހުންނެވި އާދަމް ޒާހިރުގެ މައްޗަށެވެ.
އިބްރާވަނީ އިތުރު މައްސަލައެއް ވެސް މިއަދު ޕީޖީއަށް ހުށަހަޅާފައެވެ. އެމައްސަލާގައި ބުނެފައިވަނީ ވެރިކަން ބަދަލުވުމަށްފަހު މިވީތަނުގައި 800 އަށް ވުރެ ގިނަ އެމްޑީޕީގެ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ އިރު، އޭގެތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓޫން ވެސް ކަނޑައަޅާފައިވާ ކަމަށެވެ.
"އެހެންވީމާ ގާނޫނާ ހިލާފަށް އެމީހުން ހައްޔަރު ކުރި މީހުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ" އިބްރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ