މަސްވެރިންނަށާއި އިންޖީނުގެތަކަށް ސަބްސިޑީ ދޭނެ އުސޫލު ކަނޑައެޅުމަށް މިދިޔަ އަހަރު ފައިސާ ބެހިގޮތުގެ ތަފުސީލު ހޯދުމަށް މާލިއްޔަތު ކޮމެޓީން ނިންމައިފި

މަސްވެރިންނާއި ދަނޑުވެރިންނާއި އިންޖީނުގެތަކަށް މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ސަބްސިޑީ ފައިސާ ދޭނެ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، 2010 ވަނަ އަހަރުގެ ބަޖެޓުން ސަބްސިޑީ ދީފައިވާ ގޮތްތަކާ ބެހޭ މައުލޫމާތު ސަރުކާރުން ހޯދުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
މި އަހަރުގެ ބަޖެޓްގައި، މަސްވެރިންގެ ސަބްސިޑީ އަށް ކަނޑައަޅާފައިވާ، 100 މިލިޔަން ފުރިޔާ އާއި ދަނޑުވެރިންނަށް ކަނޑައަޅާފައިވާ 50 މިލިޔަން ރުފިޔާ އާއި އިންޖީނުގެތަކަށް ކަނޑައަޅާފައިވާ 23 މިލިޔަން ރުފިޔާ، ދޭނެ އުސޫލެއް ކަނޑައެޅުމާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ދިޔަ ބަހުސްގައި އެކަމަށް އުސޫލުތަކެއް ކަނޑައެޅޭނީ 2010 ވަނަ އަހަރު ސަބްސިޑީ ފައިސާ ސަރުކާރުން ދީފައިވާ ގޮތުގެ މައުލޫމާތު ލިބިގެން ކަމަށާއި އެ މައުލޫމާތު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހޯދުމަށް ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޗެއާކުރެއްވި އެ ކޮމިޓީގެ ނާއިބު މުގައްރިރު، އަލިފުށި ދާއިރާގެ މުހައްމަދު ނާޝިޒު ވިދާޅުވީ، 2010 ވަނަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފައިސާ ދޫކޮށްފައިވާ ގޮތުގެ ބައެއް މައުލޫމާތުތައް ކޮމިޓީ އަށް ލިބިފައިވާ ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރު ދަނޑުވެރިންނަށް ދިނުމަށް ބަޖެޓްގައި ކަނޑައެޅި 100 މިލިޔަން ރުފިޔާގެ ތެރެއިން 82 މިލިޔަން ރުފިޔާ ދަނޑުވެރިންނަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ބުރަކަށް ފައިސާ ދޫކޮށްފައިވާ އިރު ފުރަތަމަ ބުރުގައި 997 ދޯންޏަކަށް ދެވަނަ ބުރުގައި 766 ދޯންޏަށް ފައިސާދީފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ނާޝިޒު ވިދާޅުވި އެވެ. އަދި އިންޖީނުގެތަކަށް މިދިޔަ އަހަރު ކަނޑައެޅި 23 މިލިޔަން ރުފިޔާގެ ތެރެއިން މާލޭގެ 13983 މީޓަރަކަށާއި އަތޮޅުތަކުގެ 7741 މީޓަރަށް ސަބްސިޓީ ދީފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ނާޝިޒު ވިދާޅުވި އެވެ.
އެކަމާ ބެހޭ ގޮތުން ކޮމިޓީގެ މެންބަރު މުލަކު ދާއިރާގެ އަބުދުﷲ ޔާމީން ވިދާޅުވީ، 2010 ވަނަ އަހަރުގެ ބަޖެޓްގައި ދަނޑުވެރިންނަށް ކަނޑައަޅާފައިވާ 100 މިލިޔަން ރުފިޔާއިން، 82 މިލިޔަން ރުފިޔާ ދޫކުރެވިފައިވާނަމަ އެކަން ގޮސްފައި ވަނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ ފައިސާ ދޫކުރުމުގައި ގެންގުޅުނު އުސޫލުތަކާ މެދު އާއްމުންގެ ޝަކުވާ ލިބިފައިވޭތޯ އާއި އެކަމަށް ކަނޑައެޅި ފައިސާގެ ތެރެއިން ބާކީ ހުރި ފައިސާ ދޫނުކުރެވި ވަނީ ކީއްވެގެންތޯ އޮޅުންފިލުވަން ޖެހޭ ކަމަށެވެ. އެންސްޕާ އިން މީޓަރުތަކަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ މައުލޫމާތު ދީފައިވާ އިރު، ބަޖެޓްގައި އިންޖީނުގެތަކަށް ކަނޑައަޅާފައިވާ ފައިސާއަކީ، މީޓަރަށް ކަނޑައަޅާފައިވާ ފައިސާ ނޫން ކަމަށާއި އެފައިސާއަކީ ޔުޓިލިޓީސް ކުންފުނިތަކުގެ ދަށަށް ނުގޮސްތިބި ރައްޔިތުންގެ އިންޖީނުގެތަކަށް ކަނޑައަޅާފައިވާ ފައިސާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންސްޕާ އިން ފައިސާ ދިނުމަކީ ސޯޝަލް ޕްރޮޓެކްޝަންގެ ބައެއް ނަމަވެސް އިންޖީނުގެތަކަށް ފައިސާ ކަނޑައަޅާފައި މިވަނީ، ނެޝަނަލް ޑިވެލޮޕްމަންޓް ކަމެއްގެ ގޮތުގައި. ޔުޓިލިޓީޒް ކުންފުނިތަކުން ހިންގާ އިންޖީނުގެތަކަކީ ވެސް ސަރުކާރުން ބަޖެޓްދީގެން ހިންގާ ތަންތަން. ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާއަކީ، ކަރަންޓް ނުދެވިގެން ކަނު އަނދިރީގައި ތިބެން ޖެހޭ ރަށްރަށުގެ އަމިއްލަ އިންޖީނުގެތަކަށް ކަނޑައަޅާފައިވާ ފައިސާއެއް." ޔާމީން ވިދާޅުވި އެވެ.
އެ މައްސަލަ އަށް ބަހުސް ކުރެއްވުމަށް ފަހު، މަސްވެރިންނާއި ދަނޑުވެރިންނާއި އިންޖީނުގެތަކަށް މިދިޔަ އަހަރު ސަބްސިޑީ ދޫކޮށްފައިވާ ގޮތުގެ މައުލޫމާތު ސަރުކާރުން ހޯދުމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ