ބޮޑު ހަމަނުޖެހުމަކަށްފަހު، އެންމެފަހުން ކ. އަތޮޅު ކައުންސިލުގެ މަސައްކަތް ތުލުސްދޫގައި ފަށައިފި

ތުލުސްދޫއިން ހުސެއިން ހަސަން އަދި
ހައްވާ ލުބްނާ
ކ. އަތޮޅު ކައުންސިލްގެ އިދާރާގެ ގޮތުގައި ކަނޑައަޅައިފައިވާ ތުލުސްދޫ އޮފީސް ރެއިން ފެށިގެން ހިފަހައްޓައިގެން ތިބި ފުލުހުންނާއި އާއްމުންނާ ދެމެދު މިއަދު ހިނގި ބޮޑު ހަމަނުޖެހުން ތަކަކަށްފަހު، ފުލުހުން އެތަން ދޫކޮށްލުމުން އަތޮޅު ކައުންސިލަރުން ތުލުސްދޫ އޮފީހުގައި މަސައްކަތް ފަށައިފި އެވެ.
މިއަދު ހެނދުނު ފުލުހުންނާ އާއްމުންނާ ދެމެދު ހަމަނުޖެހުން ހިނގަން މެދުވެރިވީ، ތުލުސްދޫ އޮފީހަށް ކައުންސިލަރުން ވަޑައިގަތުމުން، އެބޭފުޅުނަށް އެ އޮފީހަށް ވަދެވަޑައިނުގަނެވޭނެ ކަމަށް ބުނެ ހުރަސް އެޅުމާ ގުޅިގެންނެވެ.
ޑީއާރްޕީގެ އަޣުލަބިއްޔަތު އޮތް ކ. އަތޮޅުގެ ކައުންސިލުން އިއްޔެ ވަނީ، 2009 ވަނަ އަހަރު މާފުއްޓަށް ސަރުކާރުން ބަދަލުކުރި މާލެ އަތޮޅުގެވެރިކަން، މިއަދުން ފެށިގެން އަލުން އަނބުރާ ތުލުސްދޫ އަށް ބަދަލުކުރާ ގޮތަށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ނިންމުމާ ގުޅިގެން މާފުށީގައި އުފެދިގެން ދިޔަ ހަމަނުޖެހުމުގެ ތެރޭގައި ފުލުހުން ވަނީ މާފުށީ އަތޮޅު އޮފީހުގެ ތަޅުދަނޑި އަތުލައިފަ އެވެ. އަދި ތުލުސްދޫގައި ހަމަނުޖެހުން ފެށިގެންދިޔައީ އެރަށުގައި ކުރިން ހިންގަމުންދިޔަ އަތޮޅު އޮފީހުގެ ތަޅުދަނޑި ވެސް ފުލުހުން ނެގުމަށްފަހު، މިއަދު ކައުންސިލަރުންނަށް އޮފީސް ބޭނުން ކުރުމަށް ހުރަސް އެޅުމުންނެވެ.
މިއަދު ހެނދުނު ކައުންސިލަރުންނަށް އޮފީހަށް ވަދެ ވަޑައިނުގަނެވޭނެ ކަމަށް ފުލުހުން އެންގުމުން، ކައުންސިލްގެ ރައީސް އަހްމަދު ސައީދު ވަނީ، އެބޭފުޅުންގެ ޤާނޫނީ މަސްއޫލިއްޔަތަށް ހުރަސް ނޭޅުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މި ދަންނަވަނީ އަޅުގަނޑުމެންގެ މައްސޫއޫލިއްޔަތު އަދާކުރުމަށް ފުލުހުން ހުރަސްނާޅައި، އޮފީހުގެ ތަޅުދަނޑިތައް އަޅުގަނޑުމެންނާ ހަވާލުކުރުމަށް. ގާނޫނޫން އަޅުގަނޑުމެންނަން ދީފައިވާ ބާރާއި މައްސޫލިއްޔަތު ދެއްވަވާ،" އަހުމަދު ސައީދު ވިދާޅުވި އެވެ. އެހެންނަމަވެސް، ފުލުހުން ދިޔައީ އެކަމަށް ތަކުރާރުކޮށް ދެކޮޅު ހަދައި، ތުލުސްދޫ އޮފީސް ބޭރުގައި ފޯރިމަރަމުންނެވެ. އަދި ފުނަދޫއަށް އަތޮޅު ވެރިކަން ބަދަލުކުރުމަށް ތާއީދު ކުރާ ގިނަ ރައްޔިތުން ތަކެއް ތިބީ އޮފީސް ކައިރިއަށް އެއްވެ އެވެ.
އޭރު ކައުންސިލަރުން ވަނީ އޮފީހުގެ ފެންޑާގައި ތިއްބަވައިގެން މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. ނަމަވެސް، ފުލުހުން އެތަނަން ވަންނަން މަސައްކަތް ކުރުމުން އާއްމުން އެކަމަށް ހުރަސް އަޅައި، ފުލުހުން އެތަނުން ފޮނުވާލުމަށް މަސައްކަތް ކުރުމުގެ ނަތީޖާ އަކަށްވީ، މައްސަލަ ހޫނުވެ، އެ ސަރަހައްދުގައި ބޮޑު ހަމަނުޖެހުމެއް އުފެދުމެވެ.
އެ ހަމަނުޖެހުމުގައި އާއްމުން ވަނީ ފުލުހުންގެ ގަޔަށް ވެއްޔާއި ގައު އުކައިފަ އެވެ. އަދި ފުލުހެއްގެ ބޮލުގައި ފުޅިއަކުން ޖެހުމާ ގުޅިގެން، އޭނާގެ ބޯފަޅައިގެން ދިޔަ އެވެ. އެ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުގައި ފުލުހުންގެ އަތުން އާއްމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. އަދި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައި ވެއެވެ. ނަމަވެސް، ފުލުހުން ވަނީ ގިނައިރުތަކެއް ނުވެ، އޮފީސް ދޫކޮށް އެ ސަރަހައްދުން ދުރަށް ގޮސްފަ އެވެ.
ފުލުހުން އެ ސަރަހައްދުން ދިޔަތާ މާ ގިނައިރުތަކެއް ނުވަނީސް ތުލުސްދޫ އޮފީސް ހުޅުވައި، ކައުންސިލަރުން ވަނީ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް، އެ އޮފީސް ހުޅުވި ގޮތެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، ތަޅުދަނޑި ހަވާލުކުރީ ފުލުހުން ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ ފުލުހުން އެއްވެސް ބަޔަކާ ތަޅުދަނޑި ހަވާލު ނުކުރާ ކަމަށާއި ތަޅުދަނޑިތައް ހުރީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ޒިންމާއާއި މައްސޫލިއްޔަތު އަދާ ކުރުމުގައި މިހާރު މިތިބީ. ފުލުހުން އޮފީހުގެ ތަޅުދަނޑި ދިނުމާއެކު އަޅުގަނޑުމެންގެ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނާއެކު މިހާރު މަސައްކަތްތަކުގައި މިދެމިތިބީ،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުން އެކަން ދޮގުކުރެ އެވެ. "އެ ތަޅުދަނޑިތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށަކު ނޫނޭ. ތަޅުދަނޑި ވާނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. "އަޅުގަނޑުމެން ކައުންސިލްތަކަށް ހުރަސް އަޅަނީކީއެއް ނޫން. ދައުލަތުގެ މުދާ ރައްކާތެރިކުރުމަށް މަސައްކަތް މިކުރަނީ." އޮފިޝަލު ވިދާޅުވި އެވެ.
އޮފީސް ހުޅުވިފަހުން ތުލުސްދޫގެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރުގައި ބުނަނީ، ތަޅުދަނޑިތައް ވަގުތުން ކައުންސިލަރުންނާ ހަވާލު ކުރުމަށެވެ. އަދި ގާނޫނީ ގޮތުން އިންތިހާބު ވެފައިވާ ކައުންސިލަރުންގެ މަސައްކަތަށް ހުރަސް ނޭޅުމަށް ވެސް އެ ކޯޓުން ހުކުމްކޮށްފައި ވެއެވެ.
އެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކައުންސިލްގެ ރައީސް އަހްމަދު ސައީދު ވިދާޅުވީ، ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި ތުލުސްދޫގައި އަތޮޅު ވެރިކަން ކުރާ ގޮތަށް މަސައްކަތް ފެއްޓެވީ، އެކަމުގެ ފުރަހަމަ ބާރު ޤާނޫނީ ގޮތުން ލިބިފައިވާތީ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ނަމަވެސް، ކ.އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ ކައުންސިލަރުން މިއަދު ތުލުސްދޫއަކަށް ވަޑައެއްނުގަންނަވަ އެވެ. އެބޭފުޅުން ވިދާޅު ވަނީ، އަތޮޅުވެރިކަން މާފުއްޓަށް ބަދަލުކުރީ ސަރުކާރުން ކަމަށާއި އަދި ތުލުސްދޫއަށް އަލުން އަނބުރާ އަތޮޅުވެރިކަން ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ވެސް ސަރުކާރަށް ކަމަށެވެ.
ތުލުސްދޫގެ މައްސަލަ ހައްލުކުރުމަށް ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރުން ވަނީ ރޭ ފުލުސް އޮފީހަށް ގޮސް، ފުލުހުންގެ އިސްވެރިންނާ މަޝްވަރާ ވެސް ކޮށްފަ އެވެ. ނަމަވެސް، އެ މަޝްވަރާތައް އެއްވެސް ކޮޅެއްގައި ނުޖެހުމުން، އެބޭފުޅުން ވަނީ މިއަދު ތުލުސްދޫއަށް ވަޑައިގެންފަ އެވެ. އަދި ތުލުސްދޫގައި ތިއްބެވި ފުލުހުންނާ ވެސް އެ ބޭފުޅުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
-------------------------------------------
13:40 ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު އެއްވެސް ދައްޗެއް ނެތް ކަމަށް ކ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.
ކ. އަތޮޅު ކައުންސެލަރު އަހުމަދު ސައީދު ދެންމެ ދެއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ރަށު ކޯޓުގެ އަމުރާ އެކު ފުލުހުން އަތޮޅު އޮފީހުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި ދެން ދައްޗެއް ނެތި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ތުލުސްދޫގައި ހުރި ސަންގެ ރިޕޯޓަރު ހުސައިން ހަސަން ދެންމެ ބުނީ މިހާރު ވެސް ދެ ފުލުހަކު އަތޮޅު އޮފީސް ކައިރީގައި ފޯރިމަރަމުން އަންނަ ކަމަށާއި ނަމަވެސް އެ ބޭފުޅުން އޮފީސް ތެރެއަށް ނުވަންނަވާ ކަމަށެވެ.
ްއަތޮޅު އޮފީސް ތުލުސްދު އަށް ބަދަލުކޮށް މަސައްކަތް ފެށި އިރު ހަ ކައުންސިލަރުން ހިމެނޭ ކައުންސިލްގެ އެމްޑީޕީ އަށް ނިސްބަތްވާ ދެ މެންބަރުން ތިއްބެވީ ކުރިން ވެރިކަން ކުރި ރަށް މާފުށީގަ އެވެ.
12:32 ތުލުސްދޫގައި ހުރި އަތޮޅު އޮފީހުގެ ތަޅުދަނޑިތައް ވަގުތުން ކައުންސިލަރުންނާ ހަވާލު ކުރުމަށް ރަށު ކޯޓުން ދެންމެ އަމުރެއް ނެރެފި ކަމަށް ތުލުސްދޫގައި ހުރި ސަންގެ ރިޕޯޓަރު ބުނެފި އެވެ.
ސަންގެ ރިޕޯޓަރު ދެންމެ ބުނީ ރަށު ކޯޓުން އަމުރު ކުރީ، ގާނޫނީ ގޮތުން އިންތިހާބު ވެފައިވާ ކައުންސިލަރުންގެ މަސައްކަތަށް ހުރަސް ނޭޅުމަށެވެ.
12:19-- ރައަޓް ގިއަރުގައި ތިބި ފުލުހުންގެ ބޮޑު ފައުޖެއް ތުލުސްދޫއަށް ގޮސްފި އެވެ. ނަމަވެސް، ފުލުހުން މިކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.
12:10-- ތުލުސްދޫ އޮފީހުގައި ކައުންސިލަރުން މިހާރު މަސައްކަތް ފައްޓަވައިފި އެވެ. މިހާރު އެ އޮފީހުގެ ތަޅުދަނޑިވެސް އޮތީ އަތޮޅު ކައުންސިލަރުގެ ރައީސްގެ އަތުގަ އެވެ. އޭނާ ވިދާޅުވަނީ ފުލުހުން ތަޅުދަނޑި ހަވާލުކުރީ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ޒިންމާއާއި މައްސޫލިއްޔަތު އަދާ ކުރުމުގައި މިހާރު މިތިބީ. ފުލުހުން އޮފީހުގެ ދަޅުދަނޑި ދިނުމާއެކު އަޅުގަނޑުމެންގެ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނާއެކު މިހާރު މަސައްކަތްކަތުގައި މިދެމިތިބީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
11:30-- ފުލުހުންނާއި އާއްމުުންނާ ދެމެދު މާރާމާރީ ހިނގައި، ހަމަނުޖެހުން ހިންގަން ފަށައިފި އެވެ. އާއްމުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި އެކިމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
އެއް ފުލުހެއްގެ ބޯފަޅައިލައިފައިވާ ކަމަށާއި އަދި އާއްމުންގެ ދެމީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ސަރަހައްދުގައި ތިބި ގާތްގަނޑަކަށް 10 ވަރަކަށް ފުލުހުންނާ ދިމާއަށް ވެއްޔާއި، ގަލުން ހަމަލާދޭން ފެށުމުން، ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދުރަށް ގޮސްފަ އެވެ.
ތުލުސްދޫ އޮފީސް މިހާރު ވަނީ ކައުންސިލަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
11:00: ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ، ފުލުހުން މިހާރު މަސައްކަތްކުރަމުންދަނީ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް، މާފުއްޓާއި ތުލުސްދޫ އަތޮޅު އޮފީހުގައި ތަޅުއަޅުވައި، ތުލުސްދޫ އޮފީހަށް ވަދެވަޑައިގަތުމަށް ކައުންސިލަރުންނަށް ހުއްދަ ފުލުހުން ނުދެއްވަނީ ކީއްވެގެން ކަމެއް ވިދާޅެއް ނުވި އެވެ. އަދި އެގޮތަށް ކަންތައް ކުރެއްވުމަށް އޯޑަރު ދެއްވި ފަރާތެއް ވެސް ހާމައެއް ނުކުރެއްވި އެވެ.
"ޤާނޫނުގައި އޮންނާނެ އަޅުގަނޑުމެންނަށް އޯޑަރު އަންނަ ހިސާބު. ތިބޭފުޅުން ބައްލަވާ." ޝިޔާމް ވިދާޅުވި އެވެ.
10:21-- ކ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގަން އަތޮޅު ކައުންސިލުން ނިންމާފައިވާ ތުލުސްދޫގައި ހުރި ކުރީގެ އަތޮޅު އޮފީހަށް ވަޑައިނުގަންނަވޭ ގޮތަށް، ފުލުހުން އެ އޮފީސް ތަޅުއަޅުވައި، ބަންދުކޮށްފައި ހުރުމާ ގުޅިގެން ފުލުހުންނާ ކ. އަތޮޅު ކައުންސިލަރުންގެ ދެމެދުގައި ބަހުގެ ހަލަމާތައް ބަދަލުކުރަމުން އެބަދެ އެވެ.
ތުލުސްދޫގައި ހުރި ސަންގެ ނޫސްވެރިޔާ ހުސައިން ހަސަން ދެންމެ ބުނީ، އޮފީސް ފެންޑާގެ ދޮރު ހުޅުވައިފައިވާ ނަމަވެސް، އޮފީސް ތެރެއަށް ވަދަވަޑައިގަތުމުގެ ހުއްދަ ފުލުހުން ދީފައި ނުވާ ކަމަށާއި އޮފީހުގެ އެހެން ތަންތަން ހުރީ އަދިވެސް ތަޅުލާފައި ކަމަށެވެ. އަދި ކައުންސިލަރުން އޮފީސް ހުޅުވައިދިނުމަށް ފުލުހުން ދެކޮޅު ހަދަމުންދާ ކަމަށް ވެސް ހުސެއިން ބުންޏެވެ.
ދެހާސް ނުވަ ވަނަ އަހަރު ސަރުކާރުން މާފުއްޓަށް ބަދަލުކުރި ކ. އަތޮޅުގެ ވެރިކަން އަލުން އަނބުރާ ތުލުސްދޫއަށް ބަދަލުކުރުމަށް އިއްޔެ ހުވާކުރި ކ.އަތޮޅުގެ ކައުންސިލުން ނިންމުމާ ގުޅިގެން، އެ މައްސަލަ ހޫނުވެ، އެ ރަށުގައި އިއްޔެ ވަނީ ހަމަނުޖެހުންތައް ހިންގައިފަ އެވެ. އަދި ފުލުހުން ވަނީ ކައުންސިލަރުންނަށް ހިމާޔަތްދިނުމަށް ކަމަށް ބުނެ، އެބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މާފުށި އަތޮޅު އޮފީހުގެ ތަޅުދަނޑި ރޭ އަތުލައިފަ އެވެ.
އަތޮޅު ކައުންސިލުން ބުނަނީ، ތަޅުދަނޑި ފުލުހުންނާ ހަވާލުކޮށްފައިނުވާ ކަމަށެވެ.
ރޭ މެންދަމު ފުލުހުންގެ ޓީމެއް ވަނީ މާލެއިން އެ ރަށަށް ގޮސްފަ އެވެ. އަދި ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރުން ކަމުގައިވާ ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމާއި، ތޮއްޑޫ ދާއިރާގެ އަލީ ވަހީދު މިހާރު ތިއްބެވީ ތުލުސްދޫގަ އެވެ.
ޑީއާރްޕީގެ ކައުންސިލް މެމްބަރުންގެ އިސް ޓީމެއް ވަނީ ރޭ ދަންވަރު އެތައް ގަޑިއިރުތަކެއް ވަންދެން ތުލުސްދޫ މައްސަލައަށް ހައްލެއް ހޯދުމަށް ފުލުހުންނާ މަޝްވަރާކޮށްފަ އެވެ. ނަމަވެސް، ފުލުހުން ވަނީ މާފުށި އޮފީހުގެ ތަޅުދަނޑި ހަވާލުކުރުމަށާއި ތުލުސްދޫ އޮފީސް ދޫކޮށްލުމަށް ދެކޮޅުހަދައިފަ ކަމަށް ޑީއާރްޕީން ބުނެ އެވެ. ކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ