ބޯނަހުގެ ގޮތުގައި އައިއޭއެސްގެ ބައެއް މުވައްޒަފުންނަށް ލައްކައަށްވުރެ ގިނަ ރުފިޔާ ދިންއިރު ޖީއެމްއާރަށް ބަދަލުކުރި މުވައްޒަފުން ޝަކުވާގައި

އައިލެންޑް އޭވިއޭޝަންގައި 2010 ވަނަ އަހަރު މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ޖީއެމްއާރަށް ބަދަލުކުރި އައިއޭއެސްގެ މުވައްޒަފުންނަށް ބޯނަސް ފައިސާ ނުލިބޭ ކަމަށް ބުނެ ބައެއް މުވައްޒަފުން ޝަކުވާ ކުރަން ފަށަައިފި އެވެ.
އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މޭނޭޖަރު އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ކުންފުންޏަށް ލިބޭ ފައިދާއިން މުވައްޒަފުންނަށް ބޯނަސް ދިނުމަށް އައިއޭއެސްގެ ބޯޑުން ހަމަޖައްސާފައިވާ ކަމަަށެވެ. އެގޮތުން ބޯނަސް ފައިސާ މިފަހަރު ލިބިފައި ވަނީ 2010 ވަނަ އަހަރު ކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މިހާރު ކުންފުނީގައި ދެމިތިބި މުވައްޒަފުންނަށެވެ. ނަމަވެސް ކޮންޕެނީގެ ޕޮލިސީ އޮންނަ ގޮތުން މުވައްޒަފުންނަށް ލިބޭ ބޯނަސްއާ ބެހޭ ތަފްސީލެއް ދެއްވެން ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބޯނަސްއަކީ 2010 ވަނަ އަހަރު ފުލް އިޔާގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މިހާރު ކުންފުނީގައި ދެމިތިބި މުވައްޒަފުންނަށް ބޯޯޑުން ދޭން ނިންމި ފައިސާއެއް،" ނަޝާތު ވިދާޅުވި އެވެ.
އައިއޭއެސް އިން ޖީއެމްއާރަށް މިދިޔަ އަހަރުގެ ފަހު ކޮޅު ބަދަލުކޮށްފައިވާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ ބޯނަސް ފައިސާ ބައެއް މުވައްޒަފުންނަށް ދީފައި ވަނީ ޤަބޫލް ކުރެވޭ އުސޫލަކުން ނޫން ކަމަށާއި އެކަމާ ބެހޭ ގޮތުން ޤާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށެވެ. އޭނާ އަދި ބުނީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ކުންފުންޏަށް ބޯޓެއް ގަންނަން ޖެހުނީއޭ ކިޔާފައި ބޯނަސް ދީފައިނުވާ ކަމަށާއި ޖީއެމްއާރަށް ބަދަލުކުރި އިރުވެސް އައިއޭއެސްގައި މަޑުކުރުމަށް ފުރުސަތެއް ދީފައިނުވާ ކަމަށެވެ.
"ޖީއެމްއާރަށް މިދިޔަ އަހަރު ބަދަލު ކުރިއިރު ޗޮއިސްއެއް ނުދޭ، ބަދަލުވީ މަޖުބޫރުން، ދެން ޖީއެމްއާރަށް ބަދަލުވާން ކޮންޓްރެކްޓެއް ދިނުމުން އެނޫން ގޮތެއް ނެތިގެން ސޮއިކުރީ، ބޯނަސް ވަކި ބަޔަކަށް ދިނުމަކީ މައްސަލައެއް،" އައިއޭއެސްގައި 10 އަހަރު މަަސައްކަތް ކޮށްފައިވާ މުވައްޒަފު ބުންޏެވެ.
ޖީއެމްއާރަށް ބަދަލު ކުރި 250 އެއްހާ ސްޓާފުންގެ ތެރެއިން ގިނަ ސްޓާފުން މިިދިޔަ އަހަރުގެ ނިޔަލަށް އައިއޭއެސްގައި މަސައްކަތް ކޮށްފައިވާއިރު އޭގެ ތެރެއިން އެއްވެސް ސްޓާފަކަށް ބޯނަސް ފައިސާ ލިބިފައިނުވާ ކަމަށް ވެސް ކުރިން އައިއޭއެސްގައި މަސައްކަތް ކުރި ސްޓާފަކު ބުންޏެވެ.
"މިދިޔަ އަހަރު އެއްކޮށް މަސައްކަތްކޮށްފައި މިއަހަރުގެ ޖުލައިގައި ޖީއެމްއާރަށް ބަދަލު މުވައްޒަފަކަށް ވެސް ބޯނަސް ފައިސާއެއް ނުދޭ،" އޭނާ ބުންޏެވެ.
އައިލެންޑް އޭވިއޭޝުން މިދިޔަ އަހަރުގެ ފައިދާއިން ސްޓާފުންނަށް ބޯނަސް ދީފައިވާއިރު އެކުންފުންޏަށް އެންމެ ގިނައިން ފައިދާވަމުން އަންނަ ކާގޯއާއި ގްރައުންޑް ހެންޑިން އަދި ލައުޖް މިހާރު ވަނީ ޖީއެމްއާރާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ