އަންހެނުންގެ ވޯލްޑްކަޕް: ހަނި ގޮތަކަށް އޮސްޓްރޭލިޔާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޖަރުމަނުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕްގެ ގްރޫޕް ޑީން ކުއާޓާ ފައިނަލުގެ ފަހު ޖާގަ ހަނިގޮތަކަށް އޮސްޓްރޭލިޔާ ހޯދައިފި އެވެ. އޮސްޓްރޭލިޔާއަށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވީ ނޯވޭއާ ބައްދަލުކޮށް 2-1 ން މޮޅުވުމުންނެވެ.
ގްރޫޕް ޑީގެ ދެވަނާގައި އޮތް ދެ ޓީމުކަމަށްވާ އޮސްޓްރޭލިޔާ އާއި ނޯވޭ ބައްދަލުކުރި މެޗްގައި ފެނިގެންދިޔައީ ފޯރިގަދަ ކުޅުމެކެވެ. އެގޮތުން ނޯވޭއިން ސަލާމަތްވާން މޮޅެއް ބޭނުންވާއިރު އޮސްޓްރޭލިޔާއިން ދިޔައީ އެއްވަރުކޮށްއޮވެ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ލީޑް ހޯދައިގަތުމަށެވެ.
ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ނޯވޭގެ ފަރާތުން ފުރަތަމަ ހާފް ނިމެންދެން ފެނިގެން ދިޔައީ ނުރައްކާތެރި ކުޅުމެއް ކުޅުނުތަނެވެ. ނަމަވެސް ނޯވޭއަށް ފުރަތަމަ ހާފްގައި އެފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ނުހިފުނެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 0-0 ން ދެޓީމު އެއްވަރު ވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން މެޗްގެ 56 ވަނަ މިނެޓްގައި ނޯވޭއިންވަނީލަނޑެއް ޖަހައި ހިތްހަމަޖެހުން ހޯދާފަ އެވެ. މިލަނޑު ނޯވޭއަށް ކާމިޔާބުކޮށްދިނީ މެދުތެރެއަށް ކުޅެމުންދާ އެލީސޭ ތޯސްނެސް އެވެ. ނަމަވެސް ހަމަޖެހިލައިގެން އެންމެ މިނެޓަކުވެސް އޮވެވޭގޮތެއް ނުވިއެވެ. މެޗްގެ 57 ވަނަ މިނެޓްގައި އޮސްޓްރޭލިޔާގެ ކިޔާ ސައިމަން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ނޯވޭގެ އުންމީދުތައް ފެނަށް ދުއްވާލީ އޮސްޓްރޭލިޔާއަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކިޔާ ސައިމަންއެވެ. މިނަތީޖާއާއެކު އޮސްޓްރޭލިޔާވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
ގްރޫޕް ޑީގެ އަނެއް މެޗްގައި ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައިވާ ބްރެޒިލް އާއި މުބާރާތުން ކަޓާފައިވާ އީކުއޭޓޯރިއަލް ގިނޭއާއި ބައްދަލުކުރިމެޗުން 3-0 ބްރެޒިލް މޮޅުވެ އެ ޓީމުވަނީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ މަގާމް ހޯދާފަ އެވެ.
ބްރެޒިލްއިން މޮޅު ކުޅުމެއް ދެއްކި މިމެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. ބްރެޒިލްއިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގައެވެ. ބްރެޒިލްއަށް ފުރަތަމަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޑިފެންޑަރު އެރިކާ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާން ރޮޒޭރާއެވެ.
މިމުބާރާތުގެ ކުއާޓާފައިނަލްގެ މެޗްތައް އަންނަ ހޮނިހިރު ދުވަހު ފަށާއިރު ގްރޫޕް ސްޓޭޖްގެ މެޗްތައްނިމި ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމްތައް ވަނީ ކަށަވަރުވެފައެވެ. ގްރޫޕްއޭއިން އެއްވަނަ ޓީމެއްގެގޮތުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަންވިލާތް ދިޔައިރު ދެވަނަ ޓީމެއްގެގޮތުގައި ދިޔައީ ފްރާންސްއެވެ. ގްރޫޕް ބީއިން އެއްވަނަ ޓީމުގެ ގޮތުގައި އިނގިރޭސިން ދިޔައިރު ދެވަނަ ޓީމެއްގެގޮތުން ދިޔައީ ޖަޕާންއެވެ. ގްރޫޕް ސީއިން އެއްވަނަ ސްވިޑަން ކުއާޓާ ފައިނަލަށް ދިޔައިރު ދެވަނަ ޓިމެއްގެ ގޮތުގައި ދިޔައީ އަންހެނުންގެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރި އެމެރިކާއެވެ. ގްރޫޕް ޑީއިން އެއްވަނަ ޓީމެއްގެގޮތުގައި ބްރެޒިލް ދަތުރުކުރިއިރު ދެވަނަ ޓީމެއްގެ ގޮތުގައި ދިޔައީ އޮސްޓްރޭލިޔާ އެވެ.
ކުއާޓަރ ފައިނަލަށް ދަތުރުކުރި ޓީމަތަކަށް ބައްދަލުކުރާނެ ޓީމު ކަށަވަރުވެ މިހާރުވަނީ މެޗްތައް ޝެޑިއުލްވެސް ކުރެވިފައެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމް ޖަރުމަންވިލާތް ބައްދލުކުރަންޖެހޭނީ ގްރޫޕްބީގެ ދެވަނަ ޓީމް ޖަޕާނާއެވެ. ގްރޫޕް އޭގެ ދެވަނަ ޓީމް ފަރަންސޭސިވިލާތް ބައްދަލުކުރަންޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމް އިނގިރޭސިވިލާތާ އެވެ. ގްރޫޕް ސީގެ އެއްވަނަ ޓީމް ސްވިޑަން އޮސްޓްރޭލިޔާއާއި ބައްދަލުކުރަންޖެހޭއިރު ގްރޫޕް ސީގެ ދެވަނަ ޓީމް އެމެރިކާ ބައްދަލުކުރަންޖެހިފައިވަނީ ވަރުގަދަ ބްރެޒިލްއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ