ލޯނަކަށް ފައިސާ ނުދެއްކުމުން ރަހުނުކޮށްފައިވާ ހުޅުމާލޭގެ ބިންތަކެއް ވިއްކާލަނީ

އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުން މޮރީޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމުން ރަހުނުކޮށްފައިވާ ހުޅުމާލޭގެ ބިންތަކެއް ވިއްކާލުމަށް އިއުލާންކޮށްފި އެވެ.
އެމްސީބީން މިބިންތައް ވިއްކާލުމަށް އިއުލާންކޮށްފައިވަނީ 66.5 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެޓޯލް ޕެރަޑައިސް އިން ނަގާފައިވާ ލޯނަށް ހުޅުމާލޭގެ ފަސް ބިމެއް ރަހުނުކޮށްފައިވެ އެވެ.
އެޓޯލް ޕެރަޑައިސް އިން އެމްސީބީގެ 3.5 ލޯން ނަގާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި 2013 ވަނަ އަހަރުގެ ތެރޭގައި 600،000 ޑޮލަރުގެ ފެސިލިޓީ އެއްބަސްވުމެއްގެ ދަށުން 150،000 ޑޮލަރު ވެސް އެކުންފުނިން ވަނީ ހޯދާފަ އެވެ.
އެޓޯލް ޕެރަޑައިސް އިން އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެމްސީބީން އެ ފައިސާ ހޯދުމަށް ދައުވާކުރުމުން ސިވިލް ކޯޓުން ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެޓޯލް ޕެރަޑައިސްގެ މައްޗަށް ހުކުމްކޮށްފަ އެވެ. އެކުންފުނިން ފައިސާ ދައްކަންޖެހެނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ 4.32 މިލިއަން ޑޮލަރު ނުވަތަ 66.5 މިލިއަން ރުފިޔާ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެޓޯލް ޕެރަޑައިސް އިން އެމްސީބީގެ ލޯނަށް ފައިސާ ދައްކަމުން ނުދާކަން ޝަރީއަތަށް ސާބިތުވާތީ ރަހުނު ކޮށްފައި ހުރި ހުޅުމާލޭގެ ބިންތައް ވިއްކާލުމުގެ ހައްގު އެމްސީބީއަށް ދީފަ އެވެ.
ސިވިލް ކޯޓުގެ ހުކުމާ އެކު އެމްސީބީން މިހާރު ވަނީ އެޓޯލް ޕެރަޑައިސްގެ ބިންތައް ގަންނަން ބިޑު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ