ކުނިން ހަކަތަ އާއި ފެން އުފެއްދުމަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ

އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން 14 މިލިއަން އެމެރިކާ ޑޮލަރު (216މިލިއަން ދިވެހި ރުފިޔާ) ދިވެހިރާއްޖެއަށް ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމައިފި އެވެ.
އެނަވަޔަރަމަންޓް މިނިސްޓްރީން ބުނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އައިރީނާގެ ދިހަވަނަ އެސެމްބްލީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއަށް ފައިސާ ހަމަޖެހުނުކަން އޭޑީއެފްޑީ އިން އިއުލާނުކޮށްފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް އަދި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންގެ އިސްއޮފިޝަލުން ވަނީ ބައިވެރިވެފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަކީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅުގެ އުތުރުބުރިއާއި ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ތަބީއީ ގޮތުން ނެތިފަނާވެދާ ކުނި ފިޔަވާ ކުނީގެ އެހެން ބާވަތްތައް މެނޭޖު ކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ޕްރޮޕޯސަލް ދިވެހިރާއްޖެއިން އައިރީނާއަށް ހުށައަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް އައިރީނާ އާއި އޭޑީއެފްޑީ ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން 2020 ވަނަ އަހަރު ވަނީ ޖުމުލަ 104.5 މިލިއަން އެމެރިކާ ޑޮލަރު އަށް ގައުމަކަށް ދެއްވާފަ އެވެ. އައިރީނާ - އޭޑީއެފްޑް ޕްރޮޖެކްޓް ފެސިލިޓީގެ ހަތް ވަނަ ބުރުގައި 95 ގައުމަކުން ވާދަކޮށްފައިވެ އެވެ. މީގެ ތެރެއިން މިއަހަރު ފައިސާ ހަމަޖެހިފައިވަނީ އަށް ގައުމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ