އައްޑޫގައި ހަދާ އިސްލާމީ މަރުކަޒަށް ފައިސާ ހޯދުމަށް ސައޫދީ ސަރުކާރަށް ވަނީ ހުށަހަޅާފައި: މިނިސްޓަރު

އައްޑޫގައި އިމާރާތްކުރަން ސަރުކާރުން ހަމަޖައްސާފައިވާ އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސައޫދީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އައްޑޫގައި ބޭއްވި ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ސަރަހައްދުގައި އިމާރާތްކުރަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ޑިޒައިން ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ތަން އިމާރާތްކުރާނެ ބިން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫގައި އިސްލާމީ މަރުކަޒު އިމާރާތްކުރަން ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީ ކެމްޕަހުގެ ދަނާލު ކައިރީގައި އޮތް ހުސް ބިމުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަރުކަޒު ހެދުމަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖެހުނުހާ އަވަހަކަށް އެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ފައިސާގެ ކަންތައްތައް ވަރަށް އަވަހަށް ހަމަޖެހޭނ ކަމަށް އުންމީދުކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އައްޑޫގައި އިސްލާމީ މަރުކަޒެއް ގާއިމުކުރަން ނިންމީ އައްޑުއަކީ ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ސަރަހައްދަށްވެފައި ދީނީ ތައުލީމް އިތުރަށް ފުޅާކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ