ޑރ. ޑީޑީ އަލުން މިނިސްޓަރު ކަމަށް، ޑީއާރުޕީން ބުނަނީ ރުހުން ނުލިބޭނެ ކަމަށް!

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ހުއްޓާ ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބިގެން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އަށް މިއަދު ހަމަ އެ މަގާމު އަލުން ދެއްވައިފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން، ރައީސް ނަޝީދު އަލުން ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުން މަޖިލީހުން ރުހުން ނުލިބިގެން ޑރ. ޑީޑީ މަގާމުން ދެ ވަނަ ފަހަރަށް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ހަތް މިނިސްޓަރަކަށް އިދިކޮޅު ފަރާތްތަކުން ރުހުމެއް ނުދިނެވެ. ޑީޑީ އަކީ މިހާރު އެމްޑީޕީގެ ރައީސެވެ.
ޑރ. ޑީޑީ މިނިސްޓަރުކަން އަލުން ދެއްވުމާ ގުޅިގެން، އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ޑރ. ޑީޑީ އަށް ރުހުން ނުދިނުމަށް އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ މީގެ ކުރިން ވެސް މަޖިލީހުން ރުހުންދީފައި ނުވުމާއި އޭނާ މަގާމުން ވަކިވުމަށްފަހު ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރުހުން ދޭ ވަރަށް ކަންތައްތަކެއް ބަދަލުވެގެން ގޮސްފައި ވެސް ނުވާތީ ކަމަށެވެ.
"އެމްޑީޕީގެ އިންތިހާބުގެ ތެރޭގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން ވެސް އެނގިއްޖެ އެ ބޭފުޅާގެ އިހުލާސްތެރިކަން ނެތްކަން. އެހެން ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެމްޑީޕީގެ ރައީސްކަން އަދާނުކުރެއްވޭނެކަން ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ. އަދި އެ މަނިކުފާނު ވެސް ޕާޓީގެ މަސައްކަތްތަކަށް ދަތިވާނެ ކަހަލަ ބޮޑު މަގާމެއް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ. އެހެންވީމަ ވެސް އެ މަނިކުފާނަކީ އިހުލާސްތެރިކަން ނެތް ބޭފުޅެއްކަން އަޅުގަނޑުމެން ފާހަގަކުރަން،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑރ. ޑީޑީ އަށް ރުހުން ދިނުމަކަށް ޑީއާރުޕީގެ މެމްބަރުން ވޯޓެއް ނުދޭނެ ކަމަށެވެ. އަދި ޑީއާރުޕީއާ އެކު މަސައްކަތްކުރާ ހުރިހާ އިދިކޮޅު ފަރާތްތައް ވެސް ޑރ. ޑީޑީ އަށް ރުހުން ނުދިނުމަށް ތަސްމީން ގޮވާލެއްވި އެވެ.
"މި ކަމުގައި މި ހިމެނެނީ އުސޫލީ މައްސަލަތަކެއް. މަޖިލިހުން ނުރުން ނުދިން ބޭފުޅަކަށް އަނެއްކާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރުން އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތެއް ނޫން،" އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރު ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑރ. ޑީޑީ މެދު އިތުބާރު އުފެދިގެންދާނެ ކަންތައްތަކެއް ފެނިފައިނުވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރުކަމާ ޑީޑީ އަލުން ހަވާލުވެ ވަޑައިގެންފައި ވާއިރު އޭނާ ވަނީ ވެރިކަންކުރާ އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ލިބިއްޖެ ނަމަ ޕާޓީގެ މަސައްކަތަށް ބުރޫއަރާ ފަދަ މަގާމެއް ސަރުކާރުން ހަވާލުކުރި ނަމަވެސް އެ މަގާމެއް ގަބޫލު ނުކުރައްވާނެ ކަމަށް ކެމްޕޭނުގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ