ދި ޓީވީގެ އެޑިޓޯރިއަލް ކޮންޓެންޓާ ބެހޭ ގޮތުން އިންފޮމޭޝަނަށް ހާޒިރުކޮށްފި

އަމިއްލަ ޓީވީ ނެޓްވޯކް، ދި ޓީވީގެ އެޑިޓޯރިއަލް ކޮންޓެންޓް އެއް ފަރާތަށް ޖެހިފައިވާ ކަމަށާއި ހަމަ ހަމަ ނޫން ކަމަށް ބުނެ އެ ނެޓް ވޯކްގެ އިސް ވެރިއެއް ބުރާސްފަތި ދުވަހު އިންފޮމޭޝަން ޑިޕާޓްމަންޓަށް ހާޒިރުކޮށް ނަސޭހަތްތެރިވެއްޖެ އެވެ.
ދި ޓީވީގެ ޗީފް އެގްޒެކެޓިވް އޮފިސާ ޔޫސުފު ނަވާލު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު އޭނާ އިންފޮމޭޝަން ޑިޕާޓްމަންޓަށް ހާޒިރުކުރައްވައި ދި ޓީވީގެ އެޑިޓޯރިއަލް ކޮންޓެންޓާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރު މުހައްމަދު ތޮއްޔިބު ސުވާލު ކުރެއްވި ކަމަށާއި އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ އަލިވާގޭ ކައިރީ ހިނގި ހަމަނުޖެހުން ދި ޓީވީ އިން ގެނެސް ދިނުމުގައި އެއް ފަރާތަށް ޖެހިފައިވާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ރޭ ހަބަރުގެ ފަހުން ގެނެސްދިން ޕްރޮގްރާމް ވެސް ބެލެންސް ނޫން ކަމަށް ވިދާޅުވި ކަމަށެވެ.
ނަވާލު ވިދާޅުވީ އިންފޮމޭޝަން ޑިޕާޓްމަންޓާއި ދި ޓީވީއާ ދެމެދު ސޮއިކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ އެގްރީމަންޓްގެ ވާހަކަ އެ ދުވަހު އޭނާ ހަނދާންކޮށްދެއްވި ކަމަށާއި ނަމަވެސް ދި ޓީވީ އިން ގެނެސްދޭ ހަބަރާއި ޕްރޮގްރާމްތައް ގެނެސްދެނީ ވަރަށް އިންސާފުވެރިކޮށް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އިންފޮމޭޝަން ޑިޕާޓްމަންޓަށް ހާޒިރުކުރައްވައި އެގޮތަށް އެންގެވުމަކީ "މީޑިއާ ފިއްތުމަށް" ކުރައްވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހޯމަ ދުވަހުގެ ރެ އާއި އަންގާރަ ދުވަހުގެ ރޭ ދި ޓީވީން ގެނެސްދިން ޕްރޮގްރާމްތަކުގައި ކުރީގެ ރައީސުލްޖުމުހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާގެ އަލިވާގެ ކައިރީގައި ހިނގި ހަމަނުޖެހުން ލައިވް ކުރުމުގެ އިތުރަށް، ފުލުހުން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ދެއްކެވި ވާހަކަ އާއި އެ ދުވަހު ފުލުހުން އަމަލު ކުރި ގޮތް ދައްކައިދީފައިވެ އެވެ. އަދި މުހައްމަދު ނަޝީދު ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހު އޭރުގެ ރައީސް މައުމޫނާ ދެ ބޭފުޅުން ބޭއްވި ޖޮއިންޓް ނޫސް ކޮންފަރެންސްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ވެސް ގެނެސްދީފައިވެ އެވެ.
ސްޓޭޓް މިނިސްޓަރު ތޮއްޔިބު މިއަދު ވިދާޅުވީ ދި ޓީވީގެ އިސްވެރިއެއް އެ ދުވަހު އެ ޑިޕާޓްމަންޓަށް ހާޒިރުކުރައްވައި އެންގެވީ، ދެ ފަރާތް ސޮއިކޮށްފައިވާ ބްރާޑްކާސްޓް އެގްރީމަންޓްގެ ދަށުން ވަރަށް ގިނަ އިހުތިޔާރުތަކެއް އިންފޮމޭޝަނަށް ލިބިދޭ ކަމަށާއި "ބަލައިގެން އުޅުމަށް" އެންގެވި ކަމަށެވެ.
އެހެން ބައެއްގެ އެޑިޓޯރިއަލް ކޮންޓެންޓަކާ ބެހުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ދެކިވަޑައި ނުގަންނަވަނީތޯ ދެންނެވުމުން ތޮއްޔިބު ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ރެގިއުލޭޓްރީ މެކޭނިޒަމެއް އޮންނަ ކަމަށާއި އެ މެކޭނިޒަމްގެ ދަށުން އެ ގޮތަށް އެންގެވީ ކަމަށެވެ. އަދި އެއީ ފިއްތުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ބްރޯޑްކާސްޓްކުރަންޏާ ބްރާސްޑްކާސްޓް ކުރެވޭނީ ލައިސަންސެއްގެ ދަށުން. އެ ލައިސެންސެއް ދެވެނީ ވަކިވަކި (ހަމަކެއްގެ މަތީން) ކަންތައް ކުރުމަށް. އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އެއީ އެންމެ ރަނގަޅު ރެގިއުލޭޝަނެއް ކަމަށް. އޭގެ ދަށުން އަޅުގަނޑުމެންނަށް ތަން ބަންދުކުރެވިދާނެ، ބޭނުމިއްޔާ،" ގަވައިދުން ލިބިދޭ ބާރު ތޮއްޔިބު ވިދާޅުވި އެވެ.
އަމިއްލަ ޓީވީ އާއި ރޭޑިއޯތައް ރެގިއުލޭޓް ކުރުމުގެ ވާހަކަ ދައްކާއިރު ޓީވީ މޯލްޑިވްސްގެ ހަބަރާއި ޕްރޮގްރާމްތައް ރެގިއުލޭޓް ކުރުމަށް އެއްވެސް މިންގަނޑެއް ގެންގުޅުއްވަންތޯ އާއި އެއީ ދެ ފަރާތް ހަމަހަމަކޮށް ހަބަރާއި މައުލޫމާތު ގެނެސްދޭ ނެޓްވޯކެއްތޯ ދެންނެވުމުން ތޮއްޔިބު ވިދާޅުވީ ޓީވީ މޯލްޑިވްސް އާއި ސަރުކާރާ ދެމެދު އެފަދަ އެއްބަސްވުމެއް އަދި ގާއިމުކޮށްފައި ނުވާ ކަމަށެވެ.
"އެ މީހުން (ޓީވީ މޯލްޑިވްސް) ވެސް އެންމެ ގިނަވެގެން ދެ ހަފުތާ ތެރޭގައި (އެފަދަ އެގްރީމަންޓެއްގައި) ސޮއިކުރަން ޖެހޭނެ އޭ ބުނެފައި އޮންނާނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ