ވޯލްޑް ކަޕް: އަނެލްކާ ބޭރުކޮށްލި މައްސަލައާ ގުޅިގެން ފްރާންސްގެ ކުޅުންތެރިން ފަރިތަކުރަން ދެކޮޅު ހަދައިފި

ކިނީސާ ( 20 ޖޫން) - ހުތުރު ބަހުން ކޯޗަށް މުހާތަބުކުރުމާ ގުޅިގެން ފްރާންސް ޓީމުގެ ފޯވާޑް ނިކޮލަސް އަނެލްކާ ޓީމުން ބޭރުކޮށްލި މައްސަލާގައި ފްރާންސްގެ ކުޅުންތެރިން މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދައިފި އެވެ.
އާންމުންނަށް ހުޅުވާލައިގެން މިއަދު ފްރާންސްގެ ޓީމުން ބޭއްވުމަށް ހަމަޖައްސަާފައި އޮތް ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ކުޅުންތެރިން ދެކޮޅު ހެދީ ދަނޑަށް ހާޒިރުވުމަށް ފަހު އެވެ. ކުޅުންތެރިން ފަރިތަކުރުމަށް ދެކޮޅު ހެދީ ވޯލްޑް ކަޕުގެ ގުރޫޕު އޭގައި ބުރާސްފަތި ދުވަހުގެ ރޭ ފްރާންސް އާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ހާފް ޓައިމްގައި ހުތުރު ބަހުން ކޯޗާ މުހާތަބުކުރުމާ ގުޅިގެން އަނެލްކާ ބޭރު ކުރުމުން އެ ކަމާ ހިތްހަމަނުޖެހިގެން ކަމަށް ބުނެ ކުޅުންތެރިންގެ ދީފައިވާ ބަޔާނެއް ޓީމުގެ ކޯޗު ރޭމަން ޑޮމެނެކް ވަނީ މީޑިއާ އަށް ކިޔައިދީފަ އެވެ. މި ބަޔާން މީޑިއާ އަށް ޑޮމެން ކިޔައިދިނުމާ އެކު ހުރިހާ ކުޅުންތެރިން ވަނީ ޓީމުގެ ހޮޓެލަށް އެނބުރި ދިއުމަށް ބަހަށް އަރައިފަ އެވެ.
"އަނެލްކާ ބޭރުކުރުމަށް ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމައިފައިވާ ނިންމުމަށް ފްރާންސްގެ ޓީމުގެ ހުރިހާ ކުޅުންތެރިން ދެކޮޅު ހަދާ ވާހަކަ ބުނަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދުމުން ފްރާންސްގެ ވޯލްޑް ކަޕް ޓީމުގެ ޑިރެކްޓަރު ޔާން ލުއިސް ވަލެންޓީން ވަނީ ވަގުތުން މަގާމުން އިސްތިއުފާ ދީފި އެވެ.
"އަހަރެން މި މަގާމުން އިސްތިއުފާދެން ނިންމައިފިން. މިއީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް. މިއީ ގަބޫލްކުރެވޭނެ ކަހަލަ ކަންތައްތަކެއް ނޫން. އަހަރެން އެނބުރި ގައުމަށް ދާނަން ވީހާ ވެސް އަވަހަކަށް. ކުޅުންތެރިން ފަރިތަކުރަން ދެކޮޅު ހެދީ ކީއްވެކަން ކިޔައިދޭނީ ކުޅުންތެރިން،" ފްރާންސްގެ ފަރިތަކުރުންތައް ބޭއްވުމަށް ހަމަޖެހިފައި އޮތް ދަނޑުގައި ހުރެ މީޑިއާއާ ވާހަކަދައްކަމުން ވަލެންޓިން ބުންޏެވެ.
ފްރާންސް ޓީމުގެ ފަރިތަކުރުންތައް ބަލާލުމަށް ދަނޑަށް ހާޒިރުވެފައި ތިބި އާންމުން ކުރިމަތީގައި ޓީމުގެ ކެޕްޓަން ޕެޓްރީސް އެވްރާ އާއި ފިޓްނަސް ކޯޗު ރޮބާޓް ޑުވޭން ޒުވާބުކޮށްފައިވާ ކަމަށް މީޑިއާ އިން ބުނެފައި ވެ އެވެ. އެވްރާ އާއި ޑުވެންއާ ދެމެދު ހިނގި ޒުވާބުތައް ހޫނުވުމުން އެ ދެ މީހުން ދުރުކުރީ ޓީމުގެ ކޯޗު ރޭމަން ޑޮމެނެކެވެ. ޑުވޭންއާ ޒުވާބުކުރުމަށް ފަހު ފަރިތަކުރުންތައް ބެލުމަށް ހާޒިރުވެ ތިބި ގިނަ އަދަދެއްގެ އާންމުންނާ ބައްދަލުކުރުމަށް ފްރާންސް ޓީމުގެ ދެކޮޅު ހެދުމުގެ ހަރަކާތުގައި އިސްކޮށްހުރި އެވްރާ ދިޔައިރު، ރުޅިގަދަވެފައި ހުރި ޑުވެން ވަނީ އަތުގައި އޮތް ސްޓޮޕްވޮޗް ހޫރާލައިފަ އެވެ.
އަނެލްކާގެ މައްސަލައިގެ އިތުރުން ޔޯހާން ގޮކޫފް އާއި ކްލަބުގެ އެހެން ބައެއް ކުޅުންތެރިންނާ މައްސަލަ ޖެހި ޓީމު ރޫޅިފައިވާ ކަމަށް ގްރޫޕްގެ ފުރަތަމަ މެޗަށް ފަހު މީޑިއާގައި ވާހަކަތައް ފެތުރިފައިވެ އެވެ. އެކަން ޔަގީންވީ އުރުގުއޭ މެޗުގައި ފުރަތަމަ 11 އަށް އެރުވި ގޮކޫފް އަށް މެކްސިކޯ މެޗުގައި ކުޅުމުގެ ފުރުސަތު ކޯޗު ޑޮމެނެކް ނުދިނުމުންނެވެ. މެކްސިކޯގެ މެޗުގެ ކުރިން އެވްރާ ވެސް ބުނެފައި ވަނީ ގޮކޫފްއާ ވާހަކަ ދައްކަން ވަރަށް އުނދަގޫ ކަމަށާއި އޭނާ އުޅެނީ ވަރަށް އެކަހެރިކޮށް ކަމަށެވެ.
ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައިވާ ފްރާންސްގެ ޓީމުގެ ތެރޭގައި މައްސަލަ ބޮޑުވެފައިވާއިރު، ދެވަނަ ބުރުގެ ފުރުސަތެއް ހޯދުމަށް މި މުބާރާތުގެ ގުރޫޕު އޭގައި އެ ޓީމު ކުޅެންޖެހޭ ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ދެކުނު އެފްރިކާއާ އަތުން މޮޅުވާންވަނީ މަޖުބޫރުވެފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ