ރޯދަމަހުގެ ދުވާލު ގަޑީގައި ބިދޭސީންނަށް ކާން ދިނުމުގެ ހުއްދަ ބައެއް ތަންތަނަށް ދީފި

ރޯދަމަހުގެ ދުވާލު ގަޑީގައި ބިދޭސީންނަށް ކެއިންބުއިމުގެ ހިދުމަތް ދޭ ގޮތަށް ހަމަޖައްސައި ބައެއް ތަންތަނަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.
ބިދޭސީން ހިންގާ ހޮޓާތަކުގެ ވެރި ފަރާތްތަކާ އެކު އިކޮނޮމިކް މިނިސްޓްރީން ސޮއިކޮށްފައިވާ އިގުރާރެއްގެ ދަށުން ބިދޭސީންނަށް ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ކެއިންބުއިމުގެ ހިދުމަތް ދިނުމުގެ ހުއްދަ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުން ދިނުމާ ގުޅިގެން ބިދޭސީން ހިންގާ ގިނަ ހޮޓާތައް މިއަދު ހުރީ ހުޅުވައިފަ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ މުސްލިމް ނޫން މީހުންނަށް ރޯދަމަހުގެ ދުވާލުގެ ގަޑިތަކުގައި ކެއިންބުއިމުގެ ހިދުމަތް ދިނުމަށް މިދިއަ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީން ބައެއް ހޮޓާތަކާ އެކު ކޮށްފައިވާ އިގުރާރުގައިވާ ގޮތުން ރޯދަމަހުގެ ދުވާލު ވަގުތުތަކުގައި ބިދޭސީންނަށް ކެއިންބުއިމުގެ ހިދުމަތް ދެވެނީ އަށް ކަމަކަށް ޝަރުތުކޮށްފަ އެވެ. އޭގެ ތެރޭގައި ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ކެއުންބުއިމުގެ ހިދުމަތް ދޭން ޖެހެނީ އެ ހޮޓަލަކުން ކާން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ކެއުމުގެ ކުރިން އެ މީހެއްގެ ވާކް ޕާމިޓް ކާޑް ޗެކްކޮށް އެއީ އެ ހޮޓަލެއްގައި ރަޖިސްޓްރީކޮށްފައިވާ މީހެއް ކަމަށް ޔަގީންކުރަން ޖެހެ އެވެ. މީގެ އިތުރުން ރޯދަމަހުގެ ދުވާލުގެ ގަޑިތަކުގައި ހޮޓަލުން ބޭރަށް ކާ އެއްޗެހި ވިއްކުމާއި ގެންދިއުމަކީ މަނާ ކަމެކެވެ. އަދި ހޮޓަލުން ދުވާލު ވަގުތު ކެއިންބުއިމުގެ ހިދުމަތް ދިން ނަމަވެސް އާންމުކޮށް އެތަންތަން ހުޅުވާފައި ނެތްކަން އެނގޭނެ ގޮތަށް ބަންދު ބޯޑު ބެހެއްޓުމަށް ވެސް އިގުރާރުގައި ވެ އެވެ. އިގުރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ހޮޓާތައް ހުޅުވާފައި ހުރި ނަމަވެސް މަގުމަތިންދާ މީހުންނަށް އެ ތަންތަނުގެ އެތެރެ ފެނިގެންނުވާނެ އެވެ.
ރޯދަމަހުގެ ދުވާލު ވަގުތުތަކުގައި ބިދޭސީންނަށް ކެއުންބުއިމުގެ ހިދުމަތް ދޭ ބައެއް ތަންތަނަށް ހަވީރުގެ ނޫސްވެރިން މިއަދު ވަތް އިރު ބައެއް ތަންތަނުގައި "ހަމައެކަނި މުސްލިމް ނޫން މީހުންނަށް" ޖަހާފައިވެ އެވެ. އަދި ބައެއް ތަންތަނުން ބިދޭސީންނަށް ފޯރުކޮށްދެނީ ހަމައެކަނި މެންދުރުގެ ކެއުން އެކަންޏެވެ.
"މުސްލިމެއްތޯ ބަލާފައި ކާން ދެނީ. ވޯކްޕާމިޓް ބަލާފައި އަހަރެމެން ޔަގީންކުރަން އެއީ މުސްލިމެއް ނޫންކަން. އެ ނޫން ބަޔަކަށް ކާން ނުދެނީ،" ދިލްބަހާރުމަގުގައި ބިދޭސީންނަށް ހާއްސަކޮށްގެން ކެއިންބުއިމުގެ ހިދުމަތް ދޭ ޕެރަމައުންޓް ޕްލަސް އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ