ތިމާވެއްޓާ ބެހޭ ސަމިޓަށް ދާން ފައިސާއެއް ނެތް: ރައީސް ނަޝީދު

ތިމާވެށީގެ މައްސަލަތަކާ ބެހޭ ގޮތުން މި އަހަރުގެ ފަހުކޮޅު ޑެންމާކުގެ ވެރިރަށް ކޮޕެންހޭގަންގައި ބާއްވާ ސަމިޓުގައި ދިވެހިރާއްޖެ އަށް ބައިވެރި ނުވެވޭނެ ކަމަށާއި އެ ދަތުރުކުރަން ފައިސާ ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންނަށް ކޮޕެންހޭގަން އަށް ދެވޭކަށް ނެތް. އެއީ ފައިސާ ނެތުމުން،" ރައީސް ނަޝީދު އިއްޔެ ވިދާޅުވި ކަމަށް އޭއެފްޕީން ބުނެފައިވެ އެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ބުނެފައި ވަނީ ދަތުރު ކެންސަލް ކުރެއްވުމުގެ އެއް ބޭނުމަކީ ހަރަދު ކުޑަކުރުމުގައި ސަރުކާރަށް މިސާލު ދެއްކެވުން ކަމުގައި ވެސް ރައީސް ވިދާޅުވި ކަމަށެވެ. ގައުމުގެ އިގްތިސާދު ވަނީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ބަޖެޓް ޑެފިސިޓް 34 ޕަސެންޓަށް އަރާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި ކަމަށްވެ އެވެ. އަދި މިއީ ރެކޯޑް އަދަދެއް ކަމަށް ފާހަގަކުރައްވާފައިވެ އެވެ.
"އަޅުގަނޑު ކޮޕެންހޭގަން ސަމިޓަށް ދޭން ބޭނުންވާ މެސެޖަކީ އަދިވެސް އުންމީދު އެބަ އޮތޭ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތި ވެދާނެ މައްސަލަތައް އަދިވެސް ހުއްޓުވިދާނެޔޭ،" ރައީސް އޮފީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ކަމަށް އޭއެފްޕީން ބުނެފައިވެ އެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލި، ކުދި ޖަޒީރާ ގައުމުތައް ޣަރަގު ވެގެން ދިޔަ ނުދިނުމަށް، ބޮޑެތި ގައުމުތަކުން އެއްބަސްވުމެއް ގާއިމުކުރާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.
ކޮޕެންހޭގަން ސަމިޓުގައި ރާއްޖެއިން ބައިވެރި ނުވާނެ ކަމަށް ބުނުމުން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
"އެއީ (މޫސުމާ ގުޅުންހުރި މައްސަލަތަކުގެ) ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމު. މަޝްވަރާތަކުގައި ބައިވެރި ނުވެ އަދި މީހުންގެ އަޑު ނީއްވައިފި ނަމަ އެއީ މުޅި ޖުމުލަކޮށް ބަލާއިރު މަޝްވަރާތަކަށް ލިބޭ ހީނަރުކަމެއް،" އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ސެންޓަ ފޯ ސައިންސް އެންޑް އެންވަޔަރަމަންޓްގެ ކުޝާލް ޔަދާވްއާ ހަވާލާދީ އޭއެފްޕީން ބުނެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ރާއްޖެއިން ސަމިޓުގައި ބައިވެރި ނުވާން ނިންމާފައި ވަނީ ފައިސާގެ ދަތިކަން ކުރިމަތިވެފައި ވާތީ ކަމަށް ބުނާއިރު ރާއްޖެ ފަދަ ގައުމުތައް ބައިވެރިކުރުމަށް ހަރަދުކުރާނެ ފަންޑެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ